ކ. މާލެ
|
23 އޯގަސްޓް 2022 | އަންގާރަ 13:04
75 ވެންޓިލޭޓަރަށް ވެފައިވާ ގޮތުގެ ޙަގީގަތެއް މިއަދާހަމައަށް ވެސް ސާފުނުވޭ
75 ވެންޓިލޭޓަރަށް ވެފައިވާ ގޮތުގެ ޙަގީގަތެއް މިއަދާހަމައަށް ވެސް ސާފުނުވޭ
ބިޒްނަސް އިންސައިޑަރ
ވެންޓިލޭޓަރު ޚިޔާނާތް
ވެންޓިލޭޓަރު ހިޔާނާތުގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދަންޖެހޭ: ޓްރާންސްޕޭރެންސީ
ދިވެހި ރައްޔިތުންގެ ފައިސާއިން 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވޭ
75 ވެންޓިލޭޓަރަށް ވެފައިވާ ގޮތުގެ ޙަގީގަތެއް މިއަދާހަމައަށް ވެސް ސާފުނުވޭ

ވެންޓިލޭޓަރު ހިޔާނާތުގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ސަރުކާރަށް ގޮވާލައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މައްސަލައިގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން އިތުރު ބައެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިހާރު ވަނީ ފައިލްކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ޓްރާންސްޕޭރެންސީން ބުނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ފައިސާއިން 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށް ދިވެހި ދައުލަތުން އެގްޒެކިޔުޓަރސް ޖެނެރުލް ޓްރޭޑިންގ މެދުވެރިކޮށް ގަނެފައިވާ 75 ވެންޓިލޭޓަރަށް ވެފައިވާ ގޮތުގެ ޙަގީގަތެއް މިއަދާހަމައަށްވެސް ސާފުނުވެ، މިކަމުގައި ޖަވާބުދާރިވާނެ ފަރާތެއް ހޯދިފައިނުވާ ކަމަށެވެ.

އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ 8 ފަރާތެއްގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާލާފައިވާތީއާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުން މި 8 ފަރާތުގެ މައްސަލަ ފައިލް ކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ޓްރާންސްޕޭރެންސީން ވަނީ ފާޅުކޮށްފައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޕީޖީން އެ މައްސަލަ ދައުވާ ނުކޮށް އަނބުރާ ފޮނުވާލާފައިވާތީ އެ މައްސަލަ މިހާރު ފައިލްކޮށްފައިވާކަމަށެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ، ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާއެކު ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ތެރެއިންނެވެ. 

ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މައްސަލައިގައި 11 ފަރާތެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ 14 އޮކްޓޫބަރު 2020ގައެވެ. އެހެންނަމަވެސް ތަހުގީގު ފުރިހަަމަކުރުމަށް ޕީޖީން އަނެއްކާވެސް މައްސަލަ އޭސީސީއަށް ފޮނުވީއެވެ.

ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް ޕީޖީ އޮފީހުން އަންގާފައިވާ ކަންކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަލުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 31 އޮކްޓޫބަރު 2021ގައެވެ. އޭރު އޭސީސީން ބުނެފައިވަނީ 14 އޮކްޓޫބަރު 2020ގައި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ 11 ފަރާތުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު ކޮމިޝަނުން އޭރު ނިންމާފައިވާ ނިންމުމަށް ބަދަލު ގެނެސްފައި ނުވާނެކަމަށެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީން ބޮޑެތި އޮޅުވާލުންތަކެއް ހިނގާފައިވާ ކަމަށް ފާހަގަވީ، ކޮވިޑާ ގުޅިގެން ކޮށްފައިވާ ޚަރަދުތައް ރައްޔިތުންގެ މަޖިލީހުގެ އެންގުމަށް، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓަށް ފަހުއެވެ. ނަމަވެސް ޕީޖީ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުކުރެވޭ މިންވަރަށް ހެކި ހުށައަޅާފައި ނުވާކަމަށް ބަޔާންކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް