Advertisement
ކ. މާލެ
|
8 ނޮވެންބަރ 2025 | ހޮނިހިރު 12:23
ބިޑު ކުރުމެއް ނެތި ތަރައްޤީގެ މަޝްރޫޢުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ބިޑު ކުރުމެއް ނެތި ތަރައްޤީގެ މަޝްރޫޢުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ކަރަޕްޝަން
ވަކިފަރާތްތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މުއިއްޒު ސަރުކާރުން މަޝްރޫއުތައް ބަހާލި މައްސަލައިގައި ކެބިނެޓުގައި ހިމެނޭ ކޮންމެ މީހެއްގެ މައްޗަށް ތަހުގީގު ހިންގޭނެ: ޒަރިޔަންދު
މަޝްރޫޢުތައް ހަވާލުކުރެވުނު ކުންފުނިތަކުގެ ތެރޭގައި ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ކުންފުނި އުވާލުމަށް ނިންމާފައިވާ ކުންފުނިތައް ވެސް ހިމެނޭ
ތަޖުރިބާ އާއި ޤާބިލުކަން ނެތް ކުދި ފަންތީގެ ކުންފުނިތަކާއި ހަރަކާތްތެރި ނޫން ކުންފުނިތަކަށް މިލިޔަން ރުފިޔާގެ މަޝްރޫޢުތައް ހަވާލުކުރުމަކީ ކޮރަޕްޝަންގެ ނިޝާނެއް

މުއިއްޒު ސަރުކާރުން ބޭނުންވާ ފަރާތްތަކަކަށް މަޝްރޫޢުތައް ބަހާލުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

ދައުލަތުން ހިންގަން ބޭނުންވާ މަޝްރޫޢުތަކުގެ އެންމެ ހެޔޮއަގާއި، އެ މަސައްކަތެއް ކުރުމުގެ ތަޖުރިބާ އާއި ޤާބިލުކަން ހުރި ފަރާތްތައް ދެނެނުގަނެ، އެ މަސައްކަތަކަށް އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއްގައި، ކެބިނެޓުން ބޭނުންވާ ފަރާތްތަކަކަށް މަޝްރޫޢުތައް ބަހާލުމަކީ، ދައުލަތަށް މާލީގޮތުން ގެއްލުމެއް ދިނުމާއި، ވަކިފަރާތަކަށް ފައިދާ ހޯދާދިނުމުގެ ނިޔަތުގައި މި ސަރުކާރުގެ ކެބިނެޓުން ނިންމާފައިވާ ކޮރަޕްޝަންގެ އަމަލެއް ކަން ޒަރިޔަންދު ފާހަގަ ކުރެއްވި އެވެ.

ޒަރިޔަންދު އެކްސް ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ނުކެރުނަސް، ތަފާތު ސަބަބުތައް ހުރުމުން ކުރިޔަށް އޮތް މުސްތަޤްބަލުގައި އެ މަސައްކަތްތައް ކޮންޓްރެކްޓާއި އެއްގޮތަށް ކުރިޔަށް ނުގޮސް، ދައުލަތަށް ގެއްލުން ވެއްޖެ ނަމަ، މާލީ ބަދަލު ހޯދުމާއި އަދި ކޮރަޕްޝަންގެ ތުހުމަތުގެ ތަޙްޤީޤު މިހާރުގެ ކެބިނެޓްގައި ހިމެނޭ ކޮންމެ ވަޒީރެއްގެ މައްޗަށް ވަކިވަކިން ހިންގަންޖެހޭ ކަމަށެވެ.

ޒަރިޔަންދު ވިދާޅުވީ، ޑިސެމްބަރު 2023 ން ފެށިގެން އޮކްޓޯބަރު 2025ގެ ނިޔަލަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނައި ހަތަރު އިސްލާޙުވެސް ގެނައީ ގަވާއިދުގެ 10.22 މާއްދާ ބިޑަކާއި ނުލާ ކެބިނެޓުން ބޭނުންވާ ފަރާތަކަށް ދައުލަތުގެ މަޝްރޫޢުތައް ހަވާލުކުރެވޭ ގޮތަށް ހެދުމަށް ކަމަށެވެ. އަދި މި ގެނައި އިސްލާޙުތަކުގެ ތެރޭގައި ދައުލަތުގެ އެތައް މިލިޔަން ރުފިޔާގެ މަޝްރޫޢުތައް ހިންގުމަށް ހަވާލުކުރެވޭ ފަރާތްތަކުގެ ކިބައިގައި އެ މަސައްކަތެއް ކުރުމުގެ ޤާބިލުކަމާއި ތަޖުރިބާ ހުރިކަން ދެނެގަނެވޭނޭ އުސޫލެއް ކަނޑައެޅިފައި ނެތުމަކީ ވަރަށް ސީރިއަސް މައްސަލައެއްކަން ޒަރިޔަންދު ފާހަގަ ކުރެއްވި އެވެ. އަދި މި ފަދަ މަޝްރޫޢުއެއް ހިންގުމާއި ހަވާލުވާ ފަރާތްތަކުން އެ މަޝްރޫޢުއެއް ފަށައި ނުނިންމާ ދޫކޮށްލައިފި ނަމަ ދައުލަތަށް ލިބޭ ގެއްލުން ފޫބެއްދުމަށް އެ ފަރާތްތަކުން ގެރެންޓީ އެއް ބަހައްޓަން ލާޒިމުކުރާ އުސޫލެއް ނެތް ކަން ފާހަގަ ކޮށް ޒަރިޔަންދު ވިދާޅުވި ހަވާލުކުރެވޭ މަޝްރޫޢުއެއްގެ އަގުގެ 15 ޕަސެންޓަށް އެޑްވާންސް ފައިސާ އެފަރާތްތަކަށް ދޭން ޖެހޭނޭ ކަމަށް ކަނޑައެޅިފައިވުމަކީ ވެސް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން 6 ނޮވެމްބަރު 2025 ގައި ހަވާލުކުރެވުނު މަޝްރޫޢުތައް ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގޮތުގައި ދަރަޖަ ކުރެވިފައިވާ ކުންފުނިތައް ހުރިއިރު އެ ކުންފުނިތަކަކީ އަހަރަކު 3 މިލިޔަން ރުފިޔާއަށް ވުރެ އަހަރީ ފައިދާ ދަށް ކުންފުނިތައްކަން އެ ޤާނޫނުން އެނގޭއިރު، އެ ފަރާތްތަކުގައި 150 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް ހިންގުމުގެ މާލީ އަދި ފަންނީ ޤާބިލުކަން ނުހުންނާނޭކަން ކަމާބެހޭ ޤާނޫނުން އެނގިތިބެ އެ މަޝްރޫޢުތައް ހަވާލުކުރުމަކީ ވެސް ސުވާލު އުފެދޭ ކަމެއް ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

އަދި މަޝްރޫޢުތައް ހަވާލުކުރެވުނު ކުންފުނިތަކުގެ ތެރޭގައި ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ކުންފުނި އުވާލުމަށް ނިންމާ އެކަމުގެ ޤާނޫނީ މަރުޙަލާގައި އޮތް "ހަރަކާތްތެރި ނޫން" ކުންފުނިތައް ހުރުމާއި މަޝްރޫޢުތައް ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގގެ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީގައި ހިމެނިފައި ނެތް އެފަދަ މަސައްކަތެއް ކުރިކަމުގެ އެއްވެސް ހެއްކެތްނެތް ކުންފުނިތައް ހުރުމުގެ އިތުރުން މަޝްރޫޢުތައް ހަވާލުކުރި ތަފާތު ކުންފުނިތަކެއްގައި އެއް ފަރާތްތަކެއްގެ ހިއްސާ ހުރިކަން ޒަރިޔަންދު ފާހަގަ ކުރެއްވި އެވެ.

މިއީ ވަކި ފަރާތްތަކަކަށް ފައިދާ ހޯދައިދިނުމުގެ ނިޔަތުގައި މަޝްރޫޢުތައް ބަހާލާފައިވާކަމުގެ ސާފު ހެއްކެއްކަމަށް ބެލެވެ އެވެ. ދައުލަތަށް މާލީގޮތުން ގެއްލުން ދިނުމާއި، ވަކި ފަރާތްތަކަކަށް ފައިދާ ހޯދައިދިނުމުގެ ނިޔަތުގައި މި ފަދަ ނިންމުންތައް ނިންމުމަކީ ކޮރަޕްޝަންގެ ސާފު ނިޝާންތަކެއް ކަމަށް ޒަރިޔަންދު ވަނީ ފާހަގަ ކުރައްވާފައެވެ.

- ކޮމެންޓް