ޕްރިމިއަރ ލީގުގައި ވާދަވެރި ލިވަޕޫލް އަތުން މޮޅުވުމުން މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ޓީމުގެ ކުޅުންތެރިންނަށް ތައުރީފުކޮށްފިއެވެ.
ލީގުގައި ފުރަތަމަ ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވުމުން، ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވާން ޔުނައިޓެޑަށް އޮތީ މަޖުބޫރުވެފައެވެ. މެޗުގެ ކުރިން ޓެން ހާގް ބުނީ އެ މެޗުން ނަތީޖާ ނެރެވޭނެކަމުގެ އިތުބާރު އޭނާ އަށް އޮތް ކަމަށެވެ. އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅެ ޔުނައިޓެޑު ވަނީ 2-1 އިން މޮޅުވެފައެވެ.
މުހިންމު މެޗެއްގައި ހޯދި މޮޅަށްފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުނީ ޓެކްޓިކްސްއާ ބެހޭ ގޮތުން ކިތަންމެ ވަރަކަށް ވެސް ވާހަކަ ދެއްކިދާނެ ކަމަށެވެ. ނަމަވެސް ހުރިހާ ވެސް އެއްޗަކީ އެޓިޓިއުޑް ކަން ފާހަގަކޮށް ޓެން ހާގް ބުނީ، މެޗުގައި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކޮމިއުނިކޭޝަނެއް ފެނުނުކަމަށާއި، ރަނގަޅު ފުޓުބޯޅައެއް ކުޅެވޭނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ބޭނުންވަނީ ތަފާތު އެޓިޓިއުޑެއް ކަމަށާއި، އޭނާއަށް އެކަމުން ހިތްހަމަ ޖެހުން ލިބޭ ކަމަށެވެ. ކުޅުންތެރިންގެ ކުޅުން މެޗުގައި ރަނގަޅު ކަން ފާހަގަކޮށް ޓެން ހާގް ބުނީ، ކުރިއަށް އޮތް މެޗުތަކުގައި މިހާރަށްވުރެ ވެސް ރަނގަޅަށް ކުޅެ، ނުރައްކާތެރި ބަޔަކަށް ވެވޭނެކަމަށެވެ.
ކުޅުންތެރިންނާ ގުޅޭ ގޮތުން އިތުރަށް ޓެން ހާގް ބުނީ ޓީމުގައި މޮޅޭތި ކުޅުންތެރިން ތިބި ކަމަށެވެ. ނަމަވެސް އޭނާ ފާހަގަކުރި ގޮތުގައި ކާމިޔާބީއާ ހަމައަށް ދެވޭނީ މުޅި ޓީމު ރަނގަޅުވެގެންނެވެ. އޭނާ ބުނީ މެޗުގެ ކުރިން ކުޅުންތެރިންނަށް ދިން އިރުޝާދަކީ، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ޔުނައިޓެޑު އަތުގައި ބޯޅަ އޮންނަ ވަގުތު އެހެން ކުޅުންތެރިންނަށް އޮޕްޝަން ދިނުން ކަމަށެވެ.
ޓެން ހާގް ވަނީ މެޗުގައި ކެޕްޓަންގެ ރޯލު އަދާކުރި ބްރޫނޯ ފެނާންޑޭސްއަށް ވެސް ތައުރީފުކޮށްފައެވެ. އޭނާ ބުނީ ކެޕްޓަނެއްގެ ޒިންމާ ބްރޫނޯ ވަރަށް ރަނގަޅަށް ނެގިކަމަށާއި، ރަފައެލް ވަރާން އާއި ދެ ކުޅުންތެރިން ލީޑާޝިޕް ދައްކައިދިން ކަމަށެވެ. އިތުރަށް އޭނާ ބުނީ އެ ޖޯޝު ދައްކައިދޭނެ އިތުރު ލީޑަރުން ބޭނުންވާ ކަމަށެވެ. އޭނާ ވަނީ ކޮންމެ މެޗެއްގައި ވެސް އެކަން ފެންނަން އެދޭ ކަމަށް ބުނެފައެވެ.
ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ތިން ޕޮއިންޓު ހޯދައިގެން ޔުނައިޓެޑް އޮތީ ތާވަލްގެ 14 ވަނައިގައެވެ. ލީގުގައި ޔުނައިޓެޑަށް ދެން އޮތީ ސައުތެމްޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ.