Advertisement
ކ. މާލެ
|
18 އޯގަސްޓް 2022 | ބުރާސްފަތި 21:54
ށ. ފޭދޫ ކައުންސިލާ ރައީސް ބައްދަލުކުރެއްވުން
ށ. ފޭދޫ ކައުންސިލާ ރައީސް ބައްދަލުކުރެއްވުން
ރައީސް އޮފީސް
ށ. ފޭދޫގެ ތަރައްގީ
ވައުދާ އެއްގޮތަށް، ށ. ފޭދޫގެ މަޝްރޫއުތައް ނިންމަން ސަރުކާރުން މަސައްކަތްކުރާނެ: ރައީސް
އެ ރަށުގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި
ރައީސްގެ ޓްވީޓުގައި، އެ ރަށުގެ ރައްޔިތުން އެމަނިކުފާނުގެ މަސައްކަތް ބަލައިގަތުމަކީ އުފާކުރައްވާކަމެއްކަމަށް ވަނީ ވިދާޅުވެފައި

ށ. ފޭދޫގެ ތަރައްގީއަށް ކުރަމުންދާ ކަންކަން ރައްޔިތުން ބަލައިގަންނާތީ އުފާކުރައްވާކަމަށާއި، ވައުދާ އެއްގޮތަށް މަޝްރޫއުތައް ނިންމަން މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ، ރަށުގެ ބަނދަރުގެ މަޝްރޫއު ނިމިގެންދާއިރު، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރެވިގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ފާހަގަކުރެއްވި ކަންކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައިގެން ބައްލަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.

Advertisement

ބުރާސްފަތި ދުވަހު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، އެ ރަށުގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ފޭދޫ ކައުންސިލުން ވަނީ، ފޭދޫގެ ތަރައްގީއަށް ކުރަންހުރި ކަންކަން ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވި ގޮތަށް ކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

ރަށުގެ ތަރައްގީއަށް އަމާޒުކޮށް ވޭތުވެދިޔަ ސަރުކާރުތަކުން ހިންގާފައިނުވާހާ ގިނަ ތަރައްގީގެ މަޝްރޫއު މިހާރުވެސް ހިންގަމުންދާކަން ފާހަގަކޮށް، ކައުންސިލުން ވަނީ އެކަމަށްޓަކައި ފޭދޫގެ ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުދަންނަވާފައެވެ. ރައީސް ސޯލިހުގެ ޓްވީޓުގައި، އެ ރަށުގެ ރައްޔިތުން އެމަނިކުފާނުގެ މަސައްކަތް ބަލައިގަތުމަކީ އުފާކުރައްވާ ކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ.

ށ. ފޭދޫ ކައުންސިލާ ބައްދަލުކޮށް، ރައްޔިތުންގެ ބޭނުންތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު ލިބުމަކީ ލިބޭ އުފަލެއް. ފޭދޫގެ ތަރައްގީއަށް ކުރަމުންދާ ކަންކަން ރައްޔިތުން ބަލައިގަންނާތީ އުފާކުރަން. އިރާދަކުރެއްވިއްޔާ، ވައުދާ އެއްގޮތަށް، މަޝްރޫއުތައް ނިންމަން ސަރުކާރުން މަސައްކަތްކުރާނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

މި ބައްދަލުވުމުގައި ށ. ފޭދޫ ކައުންސިލުން ވަނީ، އެރަށުގެ ޒުވާނުނަށް ހޭންޑްބޯލް ކުޅޭނެ ކޯޓެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، އަތޮޅުގައި ޓޫރިޒަމްގެ ސިނާއަތް އިތުރަށް ތަރައްގީކޮށްދެއްވުމަށާއި، ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަށުގައި އިތުރު ޕޮލިހުންނަށް މަސައްކަތްކުރެވޭނެ މަގުފަހިކޮށްދެއްވުމަށާއި، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދަން ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައިވަނީ ދަންނަވާފައެވެ.

މީގެ އިތުރުން މިހާރު ތަރައްގީކުރަމުންދާ ބަނދަރަށް ގެންނަންބޭނުންވާ ބަދަލުތައް ވެސް ކައުންސިލް މެމްބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް