ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން ބޭނުންފުޅު ވެވަޑައިގަންނަވާތީ، ރައްޔިތުންގެ މަޖިލީހުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން އެންމެ ރަނގަޅަށް ނުދެއްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޮޒޭނާ ވަނީ ރައީސް ނަޝީދާއި ރައީސް ސޯލިހު އާއި ދެބޭފުޅުންގެ ގުޅުން ހީނަރުވުމަކީ އެކަމުގެ ނޭދެވޭ އަސަރު އެމްޑީޕީ އަށް ކުރާނެ ކަމެއް ކަން ފާހަގަކުރައްވާފައެވެ. އަދި ބައެއް ކަންކަމުގައި ރައީސް ނަޝީދުގެ ޚިޔާލުފުޅަކީ އެމްޑީޕީގެ ޚިޔާލު ކަމަށް ދޭހަވާ ގޮތަށް ވާހަކަދެއްކެވުމުގެ ސަބަބުން ޕާޓީގެ އާއްމު މެމްބަރުން ނޭދޭ ގޮތަށް ރައީސް ނަޝީދަށް ވާހަދެއްކެވޭ ކަމަށެވެ. އެގޮތުން ޕީޕިއެމް އާއި އެކު މަސައްކަތްކުރުމަކީ އެމްޑީޕީގެ އާއްމު މެމްބަރުން ބޭނުންވާނެ ކަމެއް ނޫން ކަަމަށް ވެސް ރޮޒޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކަންކަމުގެ ހަގީގަތް ނުބައްލަވާ ރައީސް ސާލިހުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ރައީސް ނަޝިދު ދައްކަވާ ވާހަކަތަކުގެ ނޭދެވޭ އަސަރުވެސް ސަރުކާރާއި އެމްޑީޕީއަށް ކުރަމުންދާ ކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.
ނެގެޓިވް އިމްޕެކްޓް އަތުވެއްޖެ. ދެއްތޯ ހަގީގަތުގައި ރައީސް ނަޝީދު ރައީސް އާއި އެކު ރީތިކޮށް މަސައްކަތް ކުރެއްވި ނަމަ މި 5 އަހަރު މަސައްކަތް ކުރެއްވި ނަމަ، ހުރިހާ ރައީސް ކުރައްވަން އުޅޭ ކަންކަމާއި މެދު ނެގެޓިވް ވާހަކަ ދައްކަވާ އެ ކުރެއްވި ކަންކަމުން ޕާޓީގެ އެއްބައިވަންތަކަން ގެއްލިއްޖެ. އަޅުގަނޑު ގަބޫލު ކުރަނީ އެމްޑީޕީގެ މެމްބަރުން އިރު އަރާފަ ހުއްޓާ އެއީ ހަނދޭ ބުނީމަ ގަބޫލުކުރާ ހިސާބަށް މެމްބަރުންނެއް ނުދޭނެ. ޕްރައިމަރީ އިން އެމްޑީޕީ އިން ވަކި ގޮތެއް ނިންމީމަ އެކަން ބަލައިގަންނާނެމެމްބަރު ރޮޒޭނާ
ރޮޒޭނާ ވަނީ ރައީސް ނަޝީދު އަށް އެންމެ ރަނގަޅު ވާނީ އަމިއްލަ އެދުން ދޫކުރައްވާ ރައީސް ސާލިހު އާއި އެކު މަސައްކަތް ކުރެއްވުން ކަަމަށް ވެސް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ބޭނުންފުޅުވީ ދެ އަހަރު ބައި ވަންދެން މި ވެރިކަންކުރުމަށް ފަހު ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަން ކަމަށާއި އެއީ ގައުމާއި އެމްޑީޕީ އަށް ގެއްލުންވާ ކަމެއް ކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އަދި މިހާރު މަސައްކަތްކުރައްވަނީ ވެރިކަން ބޭނުުންވެވަޑައިގަންނަވާތީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރައްވަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.