ކ. މާލެ
|
16 އޯގަސްޓް 2022 | އަންގާރަ 18:42
ސިޓީ ކައުންސިލުން ބިން ދޫކުރުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު
ސިޓީ ކައުންސިލުން ބިން ދޫކުރުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު
އައްޑޫސިޓީ ކައުންސިލް މީޑިއާ
އައްޑޫގައި ފަތުރުވެރިކަން ފުޅާ ކުރުން
އައްޑޫގެ ޓޫރިޒަމް ޒޯނުތަކުން 23 ބިމެއް ދޫކޮށްފި
 
އަލަށް ދުކުރި ބިންތަކުގައި 5000 ޓޫރިސްޓް އެނދު ތަރައްގީ ކުރާނެ
 
ޓޫރިޒަމް ޒޯނުތަކުން 90 އަށްވުރެ ގިނަ ބިން ދޫކުރާނެ

އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޓުއަރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުން ޓޫރިސްޓް ހޯޓާ ތަރައްގީ ކުރަން 23 ބިމެއް ދޫކޮށްފިއެވެ.

ބިންތައް ދޫކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ހޯމަ ދުވަހު އައްޑޫ ސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ބިންތައް ދޫކޮށްފައިވަނި އައްޑޫ ސީޓީގެ ވިޔަފާރިތަކަށް ކަމަށް އެ ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

އެ ކައުންސިލުން ބުނެފައިވާ ގޮތުގައި ފަތުރުވެރިކަމަށް ދޫކޮށްފައިވަނީ ޓުއަރިޒަމް ޒޯންގެ ގޮތުގައި ހިތަދޫ އިން ކަނޑައަޅާފައިވާ ސަރަހައްދުން 6 ބިމާއި ފޭދޫ ޒޯނުން 2 ބިމާއި ހުޅުދޫ ޒޯނުން 8 ބިމަކާއި މީދޫ ޓުއަރިޒަމް ޒޯނުން 7 ބިމެކެވެ. މި ބިންތައް ދޫކޮށްފައިވަނީ ބިޑަށް ހުޅުވާލައިގެން ކަމަށް ކައުންސިލުން ބުނެއެވެ.

އައްޑޫ ސީޓީގެ މޭޔަރ އަލީ ނިޒާރު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ އެ ސިޓީގެ ޓުއަރިޒަމް ޒޯނުތަކުގެ ލޭންޑް-ސްކޭޕިންގ ގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި އެ ޒޯނުތަކުން މީގެ ކުރިންވެސް ބިންތައް ދޫކޮށްފައިވާ ކަމަށާއި އެ ފަރާތްތަކުން މަސައްކަތްތައް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ ސަރުކާރުން ގެނައި ބަދަލާއެކު އައްޑޫ ސިޓީގެ ބިމުގެ ކުލި ކުޑަވެފައިވާ ކަމަށެވެ. އެހެންވެ، ވިޔަފާރިތަކަށް ފަތުރުވެރިކަމަށް ބިންތައް ލިބެނީ ވަރަށް ބޮޑު ލުޔަކާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެނާ ވިދާޅުވި ގޮތުގައި އައްޑު ސިޓީގެ ޓުއަރިޒަމް ޒޯނުން 90 އަށްވުރެ ގިނަ ބިން ދޫކުރުމަށް ނިންމާފައިވާއިރު އަލަށް ހަވާލު ކުރެވުނު 23 ބިމުގައި 5000 އެނދު ގާއިމް ކުރެވޭނެ އެވެ. މި ބިންތަކުގައި މަސައްކަތް ފެށުމަށް ކުންފުނިތަކަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި 2024 ގައި ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށޭނެކަމަށް ލަފާ ކުރެވޭ ކަމަށް މޭޔަރ ނިޒާރު ވިދާޅުވިއެވެ.

މިފަހަރު ސިޓީ ކައުންސިލުން ދޫކޮށްފައިވަނީ 2000 އަކަފޫޓާއި 3000 އަކަފޫޓާއި 5000 އަކަފޫޓާއި 10،000 އަކަފޫޓުގެ ބިންތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
100%
0%
0%
ކޮމެންޓް