އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި 3 މީހުން ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ރާއްޖެ އެމްވީ" އަށް ވިދާޅުވީ އެ ތިން މީހުން ދޫކޮށްލީ އެ މީހުންގެ މައްސަލަތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން އެ މީހުން އިތުރަށް ބަންދުގައި ބައިތިއްބަން އެ އޮފީހަށް ނުފެންނަ ކަމަށް ނިންމުމާ ގުޅިގެން ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލަތަކުގައި މިހާތަނަށް 5 މީހުން ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. މީގެ ތެރޭގައި ބަންގަލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް އާއިއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އޭނާ ހިމެނޭހެން ހަތަރު މީހުންނާއި އިތުރު މައްސަލައެއްގައި ހައްޔަރު ކުރި މީހަކު ހިމެނެއެވެ.
މައުލޫމާު ލިބިފައިވާ ގޮތުގައި ފުލުހުން ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ އުމުރުން 45 އަހަރާއި 46 އަހަރާއި 35 އަހަރުގެ ދިވެހި ތިން ފިރިހެނުންނަށް ދައުވާ ކުރުމަށެވެ. އެހެންކަމުން މިހާރު ދޫކޮށްލާފައިވަނީ ވެސް އެ ތިން މީހުން ކަމަށް ބެލެވެއެވެ. މީގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ހައްޔަރު ކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަތައް މި އަހަރުގެ ކުރީކޮޅު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރުތައް ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. މި މައްސަތައް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މި މައްސލަަތަކުގައި ސިޔާސީ އިސް ބައެއް ފަރާތްތަކާއި ވިޔަފާރިވެރިންނާއި ބައެއް އިދާރާތަކުގެ އިސް ބޭފުޅުން ވެސް ހިމެނޭ ކަމަށް އަޑު ފެތުރިފައިވެއެވެ.
އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކާއި ގުޅިގެން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ރާއްޖޭގެ މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި މި މައްސަލަތަކުގައި 200 އެއްހާ މީހުން ހިމެނޭ ކަމަށް ދެކެވޭ ވާހަކަތަކާއި އެ މައްސަލަތަކުގައި ދައުލަތުގެ ވަޒީރުން ހިމެނޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މައްސަލައިގައި ހިމެނެނީ 38 މީހުންނެވެ. މީގެ ތެރެއިން ބައެއް މީހުން ރާއްޖޭން ބޭރަށް ފުރާފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މައުލޫމާތު ދީފައި ވެއެވެ.
އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލަތައް މީޑިއާތަކުގައާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ފަތުރަމުންދާ ގޮތާ މެދު ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި އެޑިޓަރސް ގިލްޑުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިފަދަ މަންޒަރުތައް ބައެއް މީޑިއާތަކުން ސެންސަރު ކުރަން ޖެހޭ މިންވަރަށް ނުކުރާކަން ފާހަގަކޮށްފައިވާއިރު ސޯޝަލް މީޑިއާއަކީ ކުޑަކުދިން ވެސް ބޭނުން ކުރާ ތަނަކަށްވުމުން އެ ކުންދިންނަށް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.