ކ. މާލެ
|
11 އޯގަސްޓް 2022 | ބުރާސްފަތި 17:35
ފުލުހުން ސީންގައި ހަރަކާތްތެރިވަނީ
ފުލުހުން ސީންގައި ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
މާލޭގައި މީހަކު މަރާލުން
ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފި
ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި

ހ. ޝީރީންވިލާގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ހޮނިހިރު ދުވަހުގެ ރޭ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކަމަށެވެ. ޝިއާއު މުހައްމަދު ސައީދުގެ މަރާގުޅޭ މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ބޭނުންކުރި ހަތިޔާރުތައް ހޯދާފައިވާކަމަށެވެ.

ޝިފާއު ވިދާޅުވީ، ހ. ޝީރީންވިލާގައި މީހަކު މަރާލާފައި އޮތްކަމުގެ މައުލޫމާތު އާއްމު މީހެއްގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 11:28 ހާއިރުކަމަށެވެ. އަދި ހަތަރު ވަރަކަށް މިނެޓްގެ ތެރޭގައި ފުލުހުން ސީންއަށް ދިޔަކަމަށެވެ. ޝިއާއު މަރާލުމަށް ބޭނުންކުރި ހަތިޔާރުތައް ފުލުހުން ހޯދާފައިވާއިރު، މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ އިތުރު ތަފްސީލު ހާމައެއްނުކުރެއެވެ.

ޝުއާއުގެ ފަރާތުން މީގެކުރިން ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއް ރިޕޯޓްކޮށްފައި ނުވާކަމަށްވެސް ޝިފާއު ވިދާޅުވިއެވެ. ޝިއާއު މުހައްމަދު ސައީދު މަރާލިކަމަށް ތުހުމަތުކުރެވޭ އަލީ ޝާހިލް ހައްޔަރުކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ޝިފާއު ވިދާޅުވީ، ވަގުތީ ނަތީޖާތައް ދައްކާގޮތުން ޝާހިލް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެހެންނަމަވެސް އޭނާ ޕޮޒިޓިވްވީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ޝިފާއު އިތުރަށް ވިދާޅުވީ، ޝާހިލްއަކީ ކުށުގެ ރެކޯޑެއް ނެތް މީހެއް ކަމަށާއި އޭނާ ކުށަށް އިިއުތިރާފްވެފައި ނުވާކަމަށެވެ. ސީންއިން ޝާހިލް ހައްޔަރުކޮށްފައިވާއިރު، އެވަގުތު އެތަނުގައި ހުރީ އޭނާ އެކަނި ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ. އަދި އެ އެޕާޓްމަންޓަކީ ޝާހިލް ދިރިއުޅޭ އެޕާޓްމަންޓެއް ކަމަށްވެސް ޝިފާއު ފާހަގަކުރެއްވިއެވެ.

އަންހެން ކުއްޖާ އަނިޔާވެރި ގޮތަކަށް މަރާލާފައިވާއިރު، އަންހެން ކުއްޖާގެ އާއިލާގެ އެދުމަކަށް، އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް ހާމަނުކުރަން ފުލުހުން ނިންމާފައިވާކަމަށްވެސް ޝިފާއު ވިދާޅުވިއެވެ. ފުލުުހުން ބުނީ މިހާތަނަށް އައިއިރު ބައެއް މީޑިއާތަކުން އަންހެން ކުއްޖާގެ މަރާގުޅިގެން ހަގީގަތާ ޚިލާފު ވާހަކަތައްވެސް ފަތުރަމުންދާ ކަމަށެވެ. އަދި މިފަދަ މައްސަލައެއްގައި އެގޮތަށް މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް