ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 18:47
ޝިއާއަކީ އެންމެންނާ ގުޅޭ ސަކަމިޒާޖެއްގެ ކުއްޖެއް - ރައްޓެހިން
ޝިއާއަކީ އެންމެންނާ ގުޅޭ ސަކަމިޒާޖެއްގެ ކުއްޖެއް - ރައްޓެހިން
ޝިއާގެ މަރު
ޝިއާގެ ރަހުމަތްތެރިންގެ ދުލުން: "އަބަދުވެސް ފެންނަނީ ހިނިތުންވެފައި ހުންނަ މަންޒަރު"
އާއިލާއިން އެދެނީ ދޮގު މައުލޫމާތު ނުފެތުރުމަށް
ޝިއާއަކީ އެންމެންނާ ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ކުއްޖެއް
އޭނާއަކީ ވަރަށް ހުނަރުވެރި ކުއްޖެއް

ހޮނިހިރު ދުވަހުގެ ރޭ އެތައް ބައެއްގެ އަރާމު ނިދި ގެއްލުވާލި ޚަބަރަކީ މާލޭގެ ގެއެއްގައި މަރާލާފައި އޮތް އަންހެނެއް ފެނުނު ޚަބަރެވެ. ހެންވޭރުގެ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އެ އަންހެންމީހާގެ ހަށިގަނޑުގައި ޒަޚަމްތަކެއް ހުރިކަމަށް ދެކެވެންފެށި ޚަބަރުތައް ވެގެންދިޔައީ ގިނަ ބަޔަކަށް ގަބޫލުކުރަން ދަތި ހަގީގަތަކަށެވެ. މައްސަލައިގެ ތަފްސީލްތައް ހާމަވަމުން ދިޔަ ވަރަކަށް އެނގިގެން ދިޔައީ ފިތްކަނޑައިގެންދާ ފަދަ ވާހަކަތަކެކެވެ. މަރުވި އަންހެންމީހާއަކީ ޒުވާން އަންހެންކުއްޖެއްކަމާއި، އަނިޔާވެރިގޮތަކަށް އޭނާ މަރާލި މީހާއަކީ ދިވެހި ޒުވާނެއްކަން އެނގުނު ހިސާބުން ލިބުނު ނުތަނަވަސްކަންވީ އިތުރެވެ. މިއީ މި ގަރުނުގައިވެސް ދިވެހިން ނުދެކޭހާ އަނިޔާވެރި، ލާ އިންސާނީ މަރެކެވެ.

ޒަޚަމްތަކަކާއެކު އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނީ ޏ. ފުވައްމުލަކަށް އުފަން ޝިއާއު މުހައްމަދު ސައީދު (ޝިއާ)، (22އ)އެވެ. އޭނާ މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ފ. ނިލަންދޫއަށް އުފަން، ރާއްޖޭގެ މަޝްހޫރު ސްކޭޓަރ އަލީ ޝާހިލް (23އ)އެވެ. ޝިއާގެ މަރުގެ ޚަބަރުވެގެން ދިޔައީ އޭނާގެ ގާތް މީހުންނަށް ލިބުނު ކުއްލި ޝޮކަކަށެވެ. ރަށުގައި ތިބި އޭނާގެ އާއިލާ މީހުންނާއި ގާތްތިމާގެ މީހުންނަށް ޝިއާގެ މަރުގެ ޚަބަރު ވެގެން ދިޔައީ ގަބޫލުކުރަން ދަތިކަމަކަށެވެ.

އަނިޔާވެރި ގާތިލެއްގެ ރަހުމުކުޑަަކަމުގެ ޝިކާރައަކަށްވެގެން ދިޔަ ޝިއާއަކީ އުންމީދުން ފުރިގެންވާ ހުނަރުވެރި ޒުވާނެކެވެ. މިއުޒިކާއި ފަންނުވެރި މަސައްކަތްތަކަށް ޝައުގުވެރިކަން ބެހެއްޓި ޝިއާއަކީ ވަރަށް ޕޮޒިޓިވް ވިސްނުމެއްގެ މީހެކެވެ. "ރާއްޖެ އެމްވީ"އާ ވާހަކަދެއްކި އޭނާގެ އެކުވެރިން ޝިއާ ފާހަގަކުރަނީ ހިތްވަރުގަދަ، ދިމާވާ ކަންކަމާ ވަރަށް ކެރިގެން ކުރިމަތިލާ މީހެއްގެ ގޮތުގައެވެ. އޭނާއަކީ ހިތްހެޔޮ، އެންމެންނާވެސް ގުޅޭ މިޒާޖެއްގެ މީހެއްކަަމަށް އޭނާގެ އެކުވެރިޔާ ވަނީ ބުނެފައެވެ.

އަބަދުވެސް ހުންނާނީ ސްމައިލްކޮށްލާފަ. ވަރަށް ބަބްލީ ޕަރސަލަނަލިޓީއެއް. ދާ ކޮންމެތާކަށްވެސް އެ ހެޕިނެސް އަންނާނެ. އެހާވެސް ޕޮޒިޓިވްވާނެ.
ޝިއާގެ ރަހުމަތްތެރިއެއް

މާލޭގައި ގިނަ ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި "ޔޫތު ބަޒް"ގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ ޝިއާއަކީ ވަރަށް ޝައުގުވެރިކަމާއެކު ހޮސްޕިޓަލިޓީގެ ދާއިރާގައި މަސައްކަތްކުރި އުންމީދީ ޒުވާނެކެވެ. ދިވެހިންގެ ޒުވާނުން އެ ބުއިމަކަށް ލޯބިކުރާ ކޮފީ، އެކި ގޮތް ގޮތަށް ތައްޔާރުކުރުމަކީ ވަރަށް ގަޔާވެގެން އޭނާ ކުރި މަސައްކަތެކެވެ. ޝިއާގެ އިތުރު އެކުވެރިޔަކު "ރާއްޖެ އެމްވީ"އަށް ކިޔައިދިންގޮތުގައި، ޝިއާއަކީ އާއްމުން ބަލައިގަންނަފަދަ ބަރިސްތާއަކަށްވުމަށް އޭނާ އަބަދުވެސް މަސައްކަތްކުރިއެެވެ.

ވަރަށް ޓެލެންޓެޑް ކުއްޖެއް އެއީ. އެހާ ރީތިކޮށް ލަވަ ކިޔާނެ. ނަށަން ވެސް ވަރަށް މޮޅުވާނެ. އެންޑް ކޮފީ އިޒް ހަރ ތިންގް. މީހުން ކޮފީ މީރޭ ބުނީމަ ވަރަށް އުފާވާނެ އޭނަ.
ިޝިއާގެ ރަހުމަތްތެރިއެއް

ޝިއާގެ އާއިލާ މެމްބަރަކު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ނެތްކަން ގަބޫލުކުރަން އަދިވެސް އާއިލާއަށް ދަތިކަމަށެވެ. އަދި މި ވަގުތު އާއިލާއިން އެދެނީ އޭނާގެ މަރުގެ ތަފްސީލްތައް އާއިލާ މެމްބަރުންނާ ހިއްސާނުކުރުންކަމަށާއި، މިއީ އާއިލާއަށް ވަރަށް ދަތި ވަގުތެއްކަމަށް ވުމުން، އެކަމަށް އިހުތިރާމްކުރުން އެދޭކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާގެ މަރާގުޅޭ ދޮގު ޚަބަރު ނުފެތުރުމަށްވެސް އާއިލާއިން ވަނީ އެދިފައެވެ.

ޝިއާގެ މަރާ ގުޅިގެން ފުލުހުންވެސް ވަނީ، މިހާތަނަށް އައިއިރު ބައެއް މީޑިއާތަކުން އޭނާގެ މަރާގުޅިގެން ހަގީގަތާޚިލާފު ވާހަކަތައް ފަތުރަމުންދާކަމަށް ބުނެފައެވެ. އެގޮތުން އެ ދެ މީހުން ކައިވެނިކޮށްގެން އުޅޭކަމަށް ބުނާ ވާހަކައަކީވެސް ހަގީގަތާޚިލާފު ވާހަކައެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ޝިއާގެ މަރާގުޅޭގޮތުން ތަފާތު ގޮތްގޮތަށް ވާހަކަދެކެވެމުން އައިނަމަވެސް، އަދި މި މައްސަލައަކީ ފުލުހުން ތަހުގީގުކުރާ މައްސަލައަކަށް ވާތީ، މިހާތަނަށް ގިނަ މައުލޫމާތު އާއްމުންނާ ހިއްސާކޮށްފައެއްނުވެއެވެ. އެެހެންނަމަވެސް ފުލުހުން ވަނީ، ޝިއާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ޝާހިލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ހުރީ މަސްތުގެ ހާލަތުގައިކަމަަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް