Advertisement
ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 18:13
އަލީ ޝާހިލް ހައްޔަރުކޮށްގެން ފުލުހުން ގެންދަނީ
އަލީ ޝާހިލް ހައްޔަރުކޮށްގެން ފުލުހުން ގެންދަނީ
ރާއްޖެއެމްވީ
މާލޭގައި މީހަކު މަރާލުން
ޝާހިލް ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި
އޭނާ ކުށަށް އިިއުތިރާފްވެފައެއް ނުވޭ
ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމަރުކޮށްފައި
އޭނާ ޕޮޒިޓިވްވީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރޭ

އަނިޔާވެރިގޮތަކަށް ހ.ޝީރީންވިލާގައި މަރާލާފައި އޮތްވާ ރޭ ފެނުނު ޝިއާއު މުހައްމަދު ސައީދު މަރާލި ކަމަށް ތުހުމަތު ކުރެވޭ އަލީ ޝާހިލް ހައްޔަރުކުރިއިރު ހުރީ މަސްތުގެ ހާލަތުގައިކަމަށް ފުލުހުން ބުނެފިއެވެ.

Advertisement

އާދިއްތަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާއު ވިދާޅުވީ ވަގުތީ ނަތީޖާތައް ދައްކާގޮތުން ޝާހިލް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންނަމަވެސް އޭނާ ޕޮޒިޓިވްވީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ޝިފާއު އިތުރަށް ވިދާޅުވީ ޝާހިލް އަކީ ކުށުގެ ރެކޯޑެއް ނެތް މީހެއް ކަމަށާއި އޭނާ ކުށަށް އިިއުތިރާފްވެފައި ނުވާ ކަމަށެވެ. ސީން އިން ޝާހިލް ހައްޔަރުކޮށްފައިވާއިރު އެވަގުތު އެތަނުގައި ހުރީ އޭނާ އެކަނި ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ. އަދި އެ އެޕާޓްމަންޓަކީ ޝާހިލް ދިރިއުޅޭ އެޕާޓްމަންޓެއް ކަމަށް ވެސް ޝިފާއު ފާހަގަކުރެއްވިއެވެ.

އަނިޔާވެރި ގޮތަކަށް އާދިއްތަ ދުވަހުގެ ރޭ މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމަރުކޮށްފައެވެ. ޝާހިލްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުން ބާއްވާފައިވަނީ މީޑިއާތަކާއި އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ. ކޯޓަށް ހާޒިރުކުރުމުން މައްސަލައިގެ ޝަރީއަތް ނިމެންދެން ޝާހިލް ބަންދުކުރަން ނިންމާފައިވާއިރު، ކްރިމިނަލް ކޯޓުން ބުނީ އެ އަޑުއެހުން ސިއްރުކުރަން ގާޒީ ނިންމެވީ ފުލުހުން އެ ގޮތަށް އެދުމުން ކަމަށެވެ.

ޝިފާއު އިތުރަށް ވިދާޅުވީ ޝާހިލް ހެޒްމަތު ސޫޓެއް ލައްވައިގެން ފުލުހުން ކާރުގައި ގެންދިޔައީ އޭނާގެ މުޅި ގައިގައި ލޭ ހުރުމުން، ކުށުގެ ވެށީގައި އޭނާގެ އަންނައުނުން ހެކި ހޯދަން އުޅެފިނަމަ ހެކި ގެއްލުމުގެ ބިރު އޮތުމުން ކަމަށެވެ. އަދި، ބަންދުކޮށްގެން ގެންދާއިރު އޭނާ ގަދަ ހަދައިފި ހާލަތެއްގައި ވެސް ހެކި ގެއްލުމުގެ ބިރު އޮތުމުންނެވެ.

ފުލުުހުން ވިދާޅުވީ މިހާތަނަށް އައިރު ބައެއް މީޑިއާތަކުން އަންހެން ކުއްޖާގެ މަރާއި ގުޅިގެން ހަޤީޤަތާއި ހިލާފު ވާހަކަތައްވެސް ފަތުރަމުންދާކަމަށެވެ. އެގޮތުން އެ ދެ މީހުން ކައިވެނިކޮށްގެން އުޅޭކަމަށް ބުނާ ވާހަކައަކީވެސް ހަގީޤަތާއި ހިލާފު ވާހަކަތަކެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް