ރާއްޖޭގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ޗެމްޕިއަން ޓްރޮފީ ލޯންޗުކޮށްފިއެވެ.
ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ހުކުރު ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރަސްމީކޮށް ޓްރޮފީ ލޯންޗުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުއެވެ. މުބާރާތުގެ ފައިނަލްތައް އޮންނީ ހޮނިހިރު އަދި އާދީއްތަ ދުވަހުއެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ އާދީއްތަ ދުވަހުގެ ފައިނަލްތައް ނިންމުމަށްފަހުއެވެ.
މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ރާއްޖޭގެ އެންމެ ބޮޑީ ބޯޑަރެކެވެ. އެއީ ޤައުމީ ޖޫނިއާ ޓީމުގެ އާމިން މޫސާއެވެ. ފައިނަލްގެ ޖާގަ އާމިން ހޯދީ މިއަދު ކުރިއަށް ދިޔަ ސެމީ ފައިނަލްގެ ފުރަތަމަ ހީޓުގައި ރާއްޖޭގެ ޝިމާލް ޝަމީމްއާއި ވާދަކޮށެވެ. ވާދަވެރިކޮށް ދިޔަ މި ހިީޓުގައި އާމިން 7.5 ސްކޯއެއް ހޯދިއިރު، ޝިމާލަށް ލިބުނީ 7 ޕޮއިންޓެވެ. އާމިން އެއްވަނަ ހޯދީ ފުރަތަމަ ރާޅުގައި ލިބުނު 4.50 އާއި ފަހު ރާޅުގައި ލިބުނު 3.00 ގެ ސްކޯއަކުންނެވެ. ދެވަނަ ލިބުނު ޝިމާލް ވަނީ ދެވަނަ ރާޅުގައި 3.00 އަދި ފަސް ވަނަ ރާޅުގައި 4.00 ގެ ސްކޯއެއް ހޯދާފައެވެ.
މި ބައިގެ ފައިނަލުން ދެން ޖާގަ ހޯދީ ދެވަނަ ހީޓުގެ އެއްވަނަ ލިބުނު ކެނެރީ އައިލެންޑްސްގެ ގެބްރިއެލް މޮލީނާ އެވެ. ދެވަނަ ހީޓުގައި އޭނާ ވަނީ ރާއްޖޭގެ ޖަރީޝް ޖިހާދުގެ މައްޗަށް ކުރި ހޯދާފައެވެ. މި ހީޓުގައި ގެބްރިއެލް ވަނީ ޖުމުލަ 12.25 ގެ ސްކޯއެއް ހޯދާފައެވެ. ޖަރީޝަށް ލިބުނީ 3.05 ގެ ސްކޯއެކެވެ.
މި މުބާރާތުގައި ރާއްޖޭގެ ސީނިއާ ޓީމުގެ އަލީ ޚުޝްރުވާން އަޙުމަދު (ކުޑައައްޔަ) ވަނީ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. ފައިނަލުގެ ފުރުސަތު ކުޑައައްޔައަށް ގެއްލުނީ ސެމީގެ ދެވަނަ ހީޓުގައި ދުނިޔޭގެ އެއްވަނަ ހަބާޑް ކައިރިން ބަލިވުމުންނެވެ.