ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 06:54
އެމްޓީސީސީން އަލިފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެމްޓީސީސީން އަލިފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެމްޓީސީސީ
އަލިފުށީ ބިން ހިއްކުމުގެ މަސައްކަތް ފެށުން
އަލިފުށީ އެއަރޕޯޓު އެޅުމަށް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި
އަލިފުށީގެ ބިން ހިއްކުމާއި އެއަރޕޯޓުގެ މަސައްކަތް ހަވާލުކުރީ 451.6 މިލިއަން ރުފިޔާއަށް
އަލިފުށީގެ ބިން ހިއްކުމާއި އެއަރޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ

ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އަލިފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިންއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް އާއި އެ ކުންފުނީގެ އިސް ބޭފުޅުންގެ އިތުރުން އަލިފުށީ ކައުންިސލް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަލިފުށީގައި އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެރަށުގެ ފަޅުން ބޮޑުބައެއް ހިއްކައިގެންނެވެ. މި މަސައްކަތަށް ބޭނުންވާ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެމްޓީސީސީން ބުނީ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން 50.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އަލިފުށީގެ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 451.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެއެވެ. އަދި 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމާއި، ޓާރމިނަލް ބިލްޑިންގަކާއި ފަޔަރ ބިލްޑިންގެއް އެޅުމުގެ މަސައްކަތާއި، އަލިފާން ނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

އަލިފުށީގައި އެއަރޕޯޓުގައި 1200 މޯޓަރުގެ ރަންވޭއެއް އަޅާނެއެވެ. މިއީ ރ. އަތޮޅުގައި ތަރައްގީ ކުރާ ދެވަނަ އެއަރޕޯޓެވެ. މިހާރު އެ އަތޮޅުގައި އެއަރޕޯޓު އޮންނަނީ އިފުރުގައެވެ.

- ކޮމެންޓް