ކ. މާލެ
|
2 އޯގަސްޓް 2022 | އަންގާރަ 07:27
ރާއްޖެ ކުޅުނު މެޗުގެ ތެރެއިން
ރާއްޖެ ކުޅުނު މެޗުގެ ތެރެއިން
އެމްއޯސީ
ކޮމަންވެލްތު ގޭމްސް
ރުވާންޑާއާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކި ނަމަވެސް ރާއްޖެއަށް ނާކާމިޔާބު
 
މި މެޗު ރުވާންޑާއިން ކާމިޔާބުކުރީ ދެ ސެޓު އެއް ސެޓުން

ކޮމަންވެލްތު ގޭމްސްގައި ކުޅުނު ދެ ވަނަ މެޗުގައި ރުވާންޑާއާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ރާއްޖޭގެ ޤައުމީ ބީޗުވޮލީ ޓީމަށް ދެ ވަނަ މެޗު ވެސް ނާކާމިޔާބުވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ ބާމިންހަމްގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އަދި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ނުކުތީ ރުވާންޑާގެ ވެނޫސްޓޭ ގަޓްސިންޒީ އާއި އޮލިވާ އެންޓަގެންގްވާގެ ޕެއާއާ ދެކޮޅަށެވެ. މި މެޗު ރުވާންޑާއިން ކާމިޔާބުކުރީ ދެ ސެޓު އެއް ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ރުވާންޑާއިން ކާމިޔާބުކުރީ 21-16 ންނެވެ. ނަމަވެސް ދެ ވަނަ ސެޓުގައި ހިތްވަރާއެކު މޮޅު ކުޅުމެއް ދައްކައި، ކާއްޓެ އާއި އެޑަމް ވަނީ އެ ސެޓު 21-14 ން ހޯދާފައެވެ. ނަތީޖާ ނެރުމަށް ކުޅުނު ތިން ވަނަ ސެޓުގައި ވެސް ކާއްޓެ އާއި އެޑަމް މޮޅަށް ކުޅުނެވެ. ރުވާންޑާއިން ތިން ވަނަ ސެޓު ކާމިޔާބުކުރީ 16-14 ންނެވެ.

ގޭމްސްގެ ފުރަތަމަ މެޗުގައި ރާއްޖެއިން ވަނީ ޗެމްޕިއަން އޮސްޓްރޭލިއާއާ ދެކޮޅަށް ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެ މެޗުގައި ރާއްޖެ ބަލިވީ ސީދާ ދެ ސެޓުންނެވެ.

ގޭމްސްގައި ރާއްޖެ ދެން ނުކުންނާނީ ބުދަ ދުވަހުގެ ރޭ ދެކުނު އެފްރިކާއާ ދެކޮޅަށެވެ. މި މެޗުން މޮޅުވާ ޓީމަކަށް އަނެއް ބުރުން ފުރުސަތު ލިބޭނެއެވެ. އެއީ އެންމެ ރަނގަޅު ނަތީޖާ ލިބޭ ތިން ޓީމުގެ ތެރެއިން ކުރި ލިބިގެންނެވެ. ކުޅުނު ދެ މެޗުން ވެސް އޮސްޓްރޭލިއާ އާއި ރުވާންޑާ ވަނީ މޮޅުވެފައެވެ. ގްރޫޕްގެ އެއް ވަނައިގައި އޮސްޓްރޭލިއާ އޮތް އިރު، ރުވާންޑާ އޮތީ ދެ ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް