ކ. މާލެ
|
5 ސެޕްޓެންބަރ 2024 | ބުރާސްފަތި 09:59
2022 ވަނަ އަހަރު އޮތް ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ދިދަ ވިހުރާލަނީ
2022 ވަނަ އަހަރު އޮތް ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ދިދަ ވިހުރާލަނީ
އެމްއޯސީ
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ
ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި
މިއީ އޭޝިއާ ސަރަހައްދުގެ ޤައުމެއްގައި މި ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ.

ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ރީޖަނަލް ބައްދަލުވުން ދިވެހި ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގައި މި ބައްދަލުވުން ކުރިއަށް ދާނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް، ކްރޮސްރޯޑްސްގަ އެވެ. މިއީ އޭޝިއާ ސަރަހައްދުގެ ޤައުމެއްގައި މި ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމަކީ އޭޝިއާ އަދި އޭޝެނިއާ ސަރަހައްދުގެ ޤައުމުތަކުގެ ބައްދަލުވުމެކެވެ.

އެކަމާ ގުޅޭ ގޮތުން "ރާއްޖެ އެމްވީ"އާ ވާހަކަ ދައްކަވަމުން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) ޖެނަރަލް ސެކްރެޓަރީ އަޙުމަދު ސައީދު (ތަމޫ) ވިދާޅުވީ، ރާއްޖޭގައި އޮންނަ އެ ބައްދަލުވުމުގައި 22 ޤައުމަކުން ބައިވެރިވާނެ ކަމަށެވެ. އެއީ އޭޝިއާ ސަރަހައްދުގެ ހަތް ޤައުމުގެ އިތުރުން، އޯޝެނިއާ ސަރަހައްދުގެ 15 ޤައުމެވެ. ތަމޫ ވިދާޅުވީ ކޮންމެ ޤައުމަކުން ވެސް ތިނެއް ނުވަތަ ދެ ބައިވެރިން އެ ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށެވެ. އަދި ބައްދަލުވުމުގެ ބައިވެރިން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ކަމަށް ވެސް ތަމޫ ވަނީ ވިދާޅުވެފަ އެވެ.

ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެކި ޤައުމުތަކުން ބައިވެރިވަމުން އަންނަ، ކުޅިވަރު ގޭމްސް އެކެވެ. އެންމެ ފުރަތަމަ ރާއްޖެ އިން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވެފައި ވަނީ 1986 ވަނަ އަހަރު އެވެ. އެހެން ނަމަވެސް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ރާއްޖެ އިން ވަނީ ކޮމަންވެލްތުން ވަކިވާން ނިންމައިފަ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ އިން ކޮމަންވެލްތުން ވަކިވާން ނިންމީ 2016 ވަނަ އަހަރު އެވެ. އެ ނިންމުމާއެކު ރާއްޖެ އަށް ވަނީ 2018 ވަނަ އަހަރު އޮތް ކޮމަންވެލްތު ގޭމްސް އިން ފުރުސަތު ގެއްލިފަ އެވެ.

ނަމަވެސް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ކުރީ ކޮޅު ރާއްޖެ އިން ވަނީ އަލުން ކޮމަންވެލްތުގައި އަލުން ބައިވެރިވާން ނިންމައިފަ އެވެ. ކޮމަންވެލްތުގައި އަލުން ބައިވެރިވާން ނިންމައި ރާއްޖެ އިން އެކަން ހުށަހެޅުމާއެކު، 2020 ވަނަ އަހަރު ވަނީ ކޮމަންވެލްތުގައި ރާއްޖެ ބައިވެރިކުރަން ނިންމައިފަ އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އޮތް ކޮމަންވެލްތު ގޭމްސްގައި ދިވެހި ރާއްޖެ އިން ވަނީ ވާދަކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް