ކ. މާލެ
|
23 ސެޕްޓެންބަރ 2024 | ހޯމަ 10:44
ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ރީޖަނަލް ބައްދަލުވުމުގައި ކުޅިވަރު ވަޒީރު ރާފިޢު
ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ރީޖަނަލް ބައްދަލުވުމުގައި ކުޅިވަރު ވަޒީރު ރާފިޢު
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ
މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ބައްދަލުވުމުގައި 21 ޤައުމެއްގެ އޮފިޝަލުން ވަނީ ބައިވެރިވެފަ އެވެ.

ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ރީޖަނަލް ބައްދަލުވުން ދިވެހި ރާއްޖޭގައި ފަށައިފި އެވެ.

އާދިއްތަ ދުވަހު ކްރޮސްރޯޑްސްގައި ފެށި މި ބައްދަލުވުން، ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ބައްދަލުވުމުގައި 21 ޤައުމެއްގެ އޮފިޝަލުން ވަނީ ބައިވެރިވެފަ އެވެ. މިއީ އޭޝިއާ ސަރަހައްދުގެ ޤައުމެއްގައި މި ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ އޭޝިއާ އަދި އޭޝެނިއާ ސަރަހައްދުގެ ޤައުމުތަކުގެ ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ)ގެ އިތުރުން، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ. ރާއްޖޭގައި ކުރިއަށްދާ ތާރީޚީ މި ބައްދަލުވުމުގައި ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ މުހިންމު ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، މުހިންމު ވާހަކަތަކެއް ދެކެވޭނެ ކަމަށް ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ރައީސް ކްރިސް ޖެންކިންސް ވިދާޅުވެފައިވެ އެވެ. އެ ބައްދަލުވުމުގައި ކުޅިވަރު ވަޒީރު ރާފިޢުގެ އިތުރުން، އެމްއޯސީގެ ރައީސް މުޙައްމަދު ޢަބްދުއް ސައްތާރު (ޗަމްޕީ) ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ.

ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެކި ޤައުމުތަކުން ބައިވެރިވަމުން އަންނަ، ކުޅިވަރު ގޭމްސް އެކެވެ. އެންމެ ފުރަތަމަ ރާއްޖެ އިން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވެފައި ވަނީ 1986 ވަނަ އަހަރު އެވެ. އެހެން ނަމަވެސް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ރާއްޖެ އިން ވަނީ ކޮމަންވެލްތުން ވަކިވާން ނިންމައިފަ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ އިން ކޮމަންވެލްތުން ވަކިވާން ނިންމީ 2016 ވަނަ އަހަރު އެވެ. އެ ނިންމުމާއެކު ރާއްޖެ އަށް ވަނީ 2018 ވަނަ އަހަރު އޮތް ކޮމަންވެލްތު ގޭމްސް އިން ފުރުސަތު ގެއްލިފަ އެވެ.

ނަމަވެސް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ކުރީ ކޮޅު ރާއްޖެ އިން ވަނީ އަލުން ކޮމަންވެލްތުގައި އަލުން ބައިވެރިވާން ނިންމައިފަ އެވެ. ކޮމަންވެލްތުގައި އަލުން ބައިވެރިވާން ނިންމައި ރާއްޖެ އިން އެކަން ހުށަހެޅުމާއެކު، 2020 ވަނަ އަހަރު ވަނީ ކޮމަންވެލްތުގައި ރާއްޖެ ބައިވެރިކުރަން ނިންމައިފަ އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އޮތް ކޮމަންވެލްތު ގޭމްސްގައި ދިވެހި ރާއްޖެ އިން ވަނީ ވާދަކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް