އެއް ޖިއްސުން ގުޅުން ހިންގި މައްސަލައެއްގައި އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ހުކުރު ދުވަހު ހައްޔަރު ކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނި ގޮތުގައި މިއީ ބުރާސްފަތި ދުވަހު މީހުން ހައްޔަރު ކުރި ކޭސްގެ ތެރެއިން ހައްޔަރު ކުރެވުނު މީހެއް ނޫން ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އެއްޖިންސުން ގުޅުންހިންގުމުގެ އެހެން މައްސަލައެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ދާދި ފަހުން ސޯޝަލް މީޑިއާގައި ވަނީ ދިވެހިންތަކެއް އެއްޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާއްމުވެފައެވެ. މީގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގީރު ކިޔާ މީހަކާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ގިނަ ބަޔެއްގެ ވީޑިއޯ ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތަކަކާއި އެފަދަ މަންޒަރުތައް ވީޑިއޯކޮށް ފޮޓޯ ނަގައި ބްލެކްމެއިލް ކުރި މައްސަލަތަކެއް ދަނީ ބަލަމުން ނެވެ.
ބަންގްލަދޭޝްގެ އެމްޑީ އަލްމަގީރުއާއެކު އެއްޖިންސުން ގުޅުންހިންގާތަން ފެންނަ ވީޑިއޯތަކުގެ މައްސަލައިގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ 45 އަހަރާއި 46 އަހަރާއި 35 އަހަރުގެ ދިވެހި ފިރިހެނުންނެވެ. މީގެ ތެރޭގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރު އާއި ނޮޅިވަރަމު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)ވެސް ހިމެނެއެވެ. މި މައްސަލައިގައި ހިމެނޭ 46 އަހަރުގެ މީހާއަށް 7 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށާއި 35 އަހަރުގެ މީހާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.