ކުރީގެ ރައީސް ޔާމީން އަބްދުލައްގައްޔޫމްގެ ސަރުކާރުގައި ތިލަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ނަމުގައި ތިލަފުށީގައި ހިންގީ "ޕައިލެޓް" ޕްރޮޖެކްޓެއްކަން ހާމަވެއްޖެއެވެ.
2016 ވަނަ އަހަރު ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ތިލަފުށި އެކަކާއި އިންޑަސްޓްރިއަލް ޒޯނާ ގުޅާލައި، މަގެއް ހެދުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން 831.9 މީޓަރު ދިގު އަދި 19.7 މީޓަރު ފުޅާ މަގެއް ހެދުމަށް އަމީން ކޮންސްޓްރަކްޝަނާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއު ނިމިފައިވީނަމަވެސް އެ މަގަކީ ބޭނުންކުރާ މަގެއް ނޫން ކަމަށް ތިލަފުށިން "ރާއްޖެއެމްވީ"އާ ވާހަކަދެއްކި ބަޔަކު ވަނީ ބުނެފައެވެ.
މިހާރު ތިލަފުށީގެ ކަންކަން ބަލަހައްޓަމުންދާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ އެއީ ޕައިލެޓް ރޯޑް ޕްރޮޖެކްޓެއް ކަމަށެވެ. އެމަގު ބޭނުން ނުކޮށް އޮތީ ނިންމަންޖެހޭ ބައެއް ކަންކަން ނުނިމޭތީ ކަމަށާއި، މިހާރު އޮތް ޕްލޭންގެ ތެރެއިން އެ މަގު ބޭނުމެއް ނުކުރެވޭނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.
އެމަގު އެގޮތަށް އޮއްވައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް އެ ސަރަހައްދު އެންވަޔަރަންމެންޓް މިނިސްޓްރީއަށް ދީފައިވާކަމަށާއި، އެޗްޑީސީން ހަވާލުވީއިރު އެ މަގު ލީޑްކުރާނެ ތަނެއް އެނގޭ އެއްވެސް ޕްލޭނެއް ނެތް ކަމަށް ސުހައިލް ވިދާޅުވިއެވެ.
ސުހައިލް ވިދާޅުވީ ތިލަފުށީ މަގުތައް ހެދުމުގެ މަަސައްކަތް އެޗްޑީސީން މިހާރު ކުރަމުންދާކަމަށެވެ. އޭގެ ތެރެއިން ކުރީގެ ތިލަފުށިން ގޮސް މިހާރުގެ ތިލަފުއްޓާ ހަމައަށް އޮންނަ މަގެއް ތަރައްގީކުރެވިގެންދާނެ ކަމަށާއި، އެ މަސައްކަތަށް ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ސުހައިލް ވިދާޅުވިއެވެ. ސުހައިލް ވިދާޅުވީ ތިލަފުށީ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން އެރަށަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލައާއި، ކަރަންޓުގެ މައްސަލައަށް ހައްލު ގެނެވިގެންދާނެ ކަމަށެވެ.
އެ މަގު ހަދަން ހަވާލުކޮށްފައިވަނީ ހަތް މީޓަރު ފުޅާމިނުގެ ދެ ލޭން ހިމެނޭ ގޮތަށެވެ. ރޭގަނޑު މަގަށް އަލިކުރަން މަގުގެ ކޮންމެ 30 މީޓަރަކުން ސޯލާ ލެޑް ލައިޓް ވެސް ހަރުކުރަން ހަމަޖައްސާފައިވެއެވެ.