މަތީގައިވާ ފޮޓޯއިން ބުނެދޭ ވާހަކަތައް ގިނައެވެ. އެފޮޓޯއިން ފެންނަ މޫނުތަކުގެ ތެރެއިން ޚާއްޞަ މޫނެއް ވެއެވެ. ދެވަނަ ޑިވިޝަންގެ މެޗެއްގެ ތެރެއިން ގަލޮޅު ދަނޑުން އެމޫނު ފެނުމުން ވަރަށްގިނަ ވާހަކަތައް ބުނެދެއެވެ.
އެއީ 1997 ވަނަ އަހަރު އޮތް ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގެ ދެވަނަ ރާއްޖެއިން ހޯދިއިރު ކެޕްޓަނެވެ. އެއީ ނިއުރޭޑިއަންޓުން ކެރިއަރު ފަށާ, އެކްލަބާއެކު ކާމިޔާބު ކެރިއަރެއް ހޭދަކުރި ކެޕްޓަން އަދި އިތުބާރު ޑިފެންޑަރު އަންދަރުސަވާ އިބްރާހީމް ރަޝީދު (އަންދަރޭ) އެވެ. 1980 ގެ އަހަރުތަކުން ފެށިގެން 1997 ވަނަ އަހަރުގެ ނިޔަލަށް މަތީ ފެންވަރުގައި މޮޅަށް އިތުބާރާއެކު ކުޅުނު އަންދަރޭގެ ވައަތް ފަރާތުން ނިއުރޭޑިއަންޓްގެ ނުލާއި ހުދުގެ ޖަރޒީގައި އެތިބީ އޭނާގެ އާއިލާގެ މެންބަރުންނެވެ.
އަޅުގަނޑު ދަނޑަށް އަންނާތީ ބުނެގެން އެއައީ, ނިއުރޭޑިއަންޓްގެ ރޫހު އަދިވެސް އެކުދިންގެވެސް އިންނާނެތާ. ގޭ ކުދިން އެއީއިބްރާހީމް ރަޝީދު/ ނިއުރޭޑިއަންޓްގެ ކުރީގެ ކެޕްޓަން
ފުޓްބޯޅައިގެ ފޯރި ނެތް ދުވަސްވަރެއްގައި އަމުދުން ދެވަނަ ޑިވިޝަންގެ ގްރޫޕް ސްޓޭޖްގެ މެޗެއް ބަލަން އާއިލާގެ މެންބަރުންނާއެކު އަންދަރޭ ގަލޮޅު ރަސްމީ ދަނޑުގައި އެއިނީ ސަބަބެއް އޮވެގެންނެވެ. އެއީ އޭނާގެ ހިތުގައި ނިއުރޭޑިއަންޓަށް, ނުލާއި ހުދަށް އޮތް ލޯތްބެވެ. އެއީ އޭނާގެ އާއިލާގެ ހިތުގައި އަންދަރޭ އެކްލަބަށްވީ ޤުރުބާނީގެ ހަނދާންތައް ދެމިހުރިކަމުގެ ހެއްކެކެވެ. ސަސްޕެންޝަނަށް ފަހު ރާއްޖޭގެ ޒަމާންވީ އެންމެ ކާމިޔާބު ބޮޑު ދެ ކްލަބް ދެވަނަ ޑިވިޝަންގެ ގްރޫޕް ސްޓޭޖްގެ މެޗެއްގައި ވާދަކުރަމުން ދިޔައިރު ރަސްމީ ސްޓޭޑިއަމްއިން ފެނުނީ މިދިޔަ ދިން ހަތަރު އަހަރެއްހާ ދުވަސް ތެރޭގައިވެސް ކްލަބް ފުޓްބޯޅަ މެޗަކުން ނުފެންނަ ފޯރިއެވެ. އަދަދަށް ބަލާއިރުވެސް އެއަދަދަށް މިދިޔަ ހަތަރު ވަރަކަށް އަހަރުވެސް ކްލަބް ފުޓްބޯޅަ މެޗެއް ބަލަން މީހުން ނުވަދެއެވެ. ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ކްލަބް ފުޓްބޯޅަ މެޗެއް ބަލަން އަންދަރޭ ރަސްމީ ސްޓޭޑިއަމްގައި އެއިނީވެސް ސަބަބެއް އޮވެގެންނެވެ.
މިދެކްލަބާ (ނިއުރޭޑިއަންޓާއި ވިކްޓްރީ) ވެލެންސިޔާ ނުލާ ރާއްޖޭގެ ފުޓްބޯޅައެއް ނޯންނާނެ, ފޯރިއެއްވެސް ނޯންނާނެ, ނުވެސް ގެނެވޭނެ. އެދެކްލަބް އަޔަނުދޭން މަސައްކަތްކުރާނީ ފުޓްބޯޅައަށް ހެޔޮނޭދޭ މީހުން.އިބްރާހީމް ރަޝީދު/ ނިއުރޭޑިއަންޓްގެ ކުރީގެ ކެޕްޓަން
އަންދަރޭ އޭނާގެ އާއިލާއާއެކު ސަޕޯޓަރުންގެ ތެރެއަށް ވަދެގެން އައިއިރު އޭނާއަށް ހޫނު ތަރުހީބެއް ސަޕޯޓަރުން ދިނެވެ. އޭނާ އިނީ ނިއުރޭޑިއަންޓްގެ މިހާރުގެ ބޯޑް މެންބަރުންނާއި ކުރީގެ ބޯޑްތަކުގައި ހިމެނުނު ބައެއް މެންބަރުންނާއި, ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އަދި މިހާރުގެ މެންބަރުންގެ ތެރެއިންވެސް ނިއުރޭޑިއަންޓަށް ވަރުގަދައަށް ސަޕޯޓްކުރާ ދެ މެންބަރަކުވެސް އިންނެވި ދިމާގައެވެ. ރޮސްޓްރަމްއަށް ދިއުމުގެ ދައުވަތުވެސް އަންދަރޭއަށް ލިބުނެވެ. އެކަމަކު އޭނާ ނިންމީ ސަޕޯޓަރުންނާއެކު މެޗު ބަލާށެވެ. އަންދަރޭ ބުނީ މިހާރުގެ ބޯޑުން މެޗުތަކަށް ދައުވަތުވެސް ދޭކަމަށެވެ. އެގޮތުން ޓާފް ދަނޑުގައި ކުޅުނު މެޗެއް ބަލަންވެސް ދިޔަކަމަށް ބުންޏެވެ.
މެޗުގެ އިންޓަރވަލް ވަގުތުގައި އަންދަރޭ ހުރީ އަންދަރޭގެ ފަހުން ނިއުރޭޑިއަންޓާއި, ޤައުމީ ޓީމްގެވެސް ކެޕްޓަންކަން ކުރި ކުރީގެ އެއްވަނަ ފޯވާޑް ޝާހު އިސްމާއީލްއާ ވާހަކަ ދައްކާލާށެވެ. އެވާހަކައިގެ ތެރެއިން ޝާހު ބުނީ ވިކްޓްރީއާއި ނިއުރޭޑިއަންޓް ނުލާއި ރަތް ޖަރޒީގައި ދެވަނަ ޑިވިޝަންގައި ކުޅެމުން ދިޔަނަމަވެސް އެ އިހުސާސް މިހާރު ނުކުރެވޭނެކަމަށެވެ. މެޗު ބަލަން އިން ކޯޗު އަދި ކުރިން ނިއުރޭޑިއަންޓަށް ކުޅުނު އިސްމާއީލް މަހުފޫޒް (އިންމަ) ބުނީ ސަޕޯޓަރުންނާ ނުލައި ބޯޅައެއް ނޯންނާނެކަމަށާއި މިފެންނަނީ އެމަންޒަރު ކަމަށެވެ.
ނިއުރޭޑިއަންޓާއި ވިކްޓްރީ "ރަސް ވާދަ" އިގަ ދެވަނަ ޑިވިޝަންގެ ގްރޫޕް ސްޓޭޖް މެޗެއްގައި ވާދަކުރަމުން ދިޔައިރި އަންދަރޭ ފަދަ އެތައް މޫނެއް ދަނޑުން ފެނުނެވެ. ދޮންބިލެއް އަހުމަދު ހަލީމާއި, އަސްއަދު އަބުދުލްޣަނީއާއި, ކްލަބްތަކުގެ ކޯޗުންނާއި, އެކި ދުވަސްވަރު ކުޅުނު ކުޅުންތެރިންނެވެ. އަދި އެދެކްލަބަށް މަރުދިން އެތައް ސަޕޯޓަރުންނެކެވެ. ވަކިން ޚާއްޞަކޮށް ނިއުރޭޑިއަންޓްގެ ސަޕޯޓަރުންނެވެ.
މެޗުން މޮޅުވެ ނިއުރޭޑިއަންޓްގެ ކުޅުންތެރިން ދަނޑުން ފައިބައިގެން އައީ ޗެމްޕިއަންކަން ހޯދުމުންވެސް ކުރެވޭނެ އިހުސާސްއާއެކުއެވެ. އެއިހުސާސް ކޮށްދިނީ އެކްލަބްގެ ވަފާތެރި ސަޕޯޓަރުންނެވެ. މިިދިޔަ ތިން ސީޒަންގައި ފުރަތަމަ ޑިވިޝަންގެ ތައްޓެއް ހޯދައިގެން ކުޅުންތެރިންނަށް ނުލިބުނު ސަޕޯޓަރުންގެ ލޯބި ދެވަނަ ޑިވިޝަންގެ މެޗަކުން އެކުޅުންތެރިންނަށް ލިބުނެވެ. އެއީ އިންމަ ބުނާހެެން ސަޕޯޓަރުން ނެތި ބޯޅަ ނޯންނާނެކަމުގެ ހެއްކެވެ.