ކ. މާލެ
|
19 ޖުލައި 2022 | އަންގާރަ 16:31
ދިވެހި ހައްޖުވެރިން އެއަރޕޯޓުގައި
ދިވެހި ހައްޖުވެރިން އެއަރޕޯޓުގައި
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
ހައްޖުވެރިން އެނބުރި އައުން
ދިވެހި ޙައްޖުވެރިން ބުދަ ދުވަހު އަންނަން ފަށާނެ
ހައްޖުވެރިންނަށް ހާއްސަ ބަސްތަކެއް ވަނީ ހަމަޖައްސާފައި
ހައްޖުވެރިންގެ ކަންކަން ބެލުމަށް އެމްއޭސީއެލް އިން ވަނީ ތައްޔާރީތައް ވެފައި

1443ވަނަ އަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިން ބުދަ ދުވަހު ރާއްޖެ އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުވެރިން ބުދަ ދުވަހު އަންނަން ފަށާނީ ރާއްޖެ ގަޑިން ހެނދުނު 10:10ގައި ކަމަށެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ. މި ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. އެއީ ބުދަ ދުވަހު އޮންނަ ފްލައިޓާއި، އަންނަ ހޮނިހިރުދުވަހު އަދި އަންނަ ހަފްތާގެ ބުދަ ދުވަހުއެވެ.

ބުދަ ދުވަހުގެ ފްލައިޓުން 157 ޙައްޖުވެރިން އަންނަން ހަމަޖެހިފައިވާއިރު 23 ޖުލައިގެ ފްލައިޓުން އަންނާނީ 175 ޙައްޖުވެރިން އަދި 27 ޖުލައިގެ ފްލައިޓްއިން އަންނާނީ ޖުމްލަ  117 ޙައްޖުވެރިންނެވެ.

ހައްޖުވެރިންނަށް ޚާއްސަކޮށް ޚިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ހަމަޖައްސާފައިވާއިރު އެކަމަށްޓަކައި އެ ކުންފުނީގެ އިތުރު މުވައްޒަފުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާނެއެވެ.

މިފަހަރު ޙައްޖާޖީން ބަލާ އެއަރޕޯޓަށް ވަދައިގަންނަވާ ބޭފުޅުންނަށް ޚާއްސަކޮށް ވެހިކަލްތަކެއް ވަނީ ހިލޭ ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފައެވެ. މިގޮތުން ކޮންމެ 15 މިނެޓަކުން ބަސްދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންނަމަވެސް  ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ  ޖާގަ ނެތުމާއި ގުޅިގެން ޙައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސަންޖެހޭނީ އެ ބޭފުޅަކު އަމިއްލައަށެވެ.

މާލެއިން ހުޅުމާލެއަށް ވަޑައިގަންނަވާ ބޭފުޅުންނަށް  ވެސްޓްޕާކް އާއި، ކާނިވާ ސަރަހައްދާއި، ހުޅުމާލެ ފޭސް 1 އިން، އަދި ހުޅުމާލެ ފޭސް 2 އިން އެއަރޕޯޓަށް ވަޑައިގެންނެވުމަށް ވެހިކަލްތައް ހަމަޖެހިފައިވާނެއެވެ.

މިގޮތުން މި ހަތަރު ސަރަހައްދުންވެސް ހެނދުނު 9:45، 10:00، 10:15، އަދި 10:30ގައި ބަސްތައް އޮންނާނެއެވެ.

އެއަރޕޯޓުން ވަޑައިގަންނަވާ ބޭފުޅުންނަށް ޚާއްސަ ބަސްތައް އޮންނާނީވެސް މި ހަތަރު ސަރަހައްދުގައި، މެންދުރުކުރި 11:00، 11:15، 11:30، 11:45، އަދި 12:00 އަށެވެ.

މިދަތުރުތައް ހަމަޖެހިފައިވާއިރު މޯލްޑިވްސް ޕޮލިސް ސާރވިސްއިން ޚާއްސަގޮތެއްގައި މި ސަރަހައްދުތަކުގައި ޓްރެފިކް ބަލަހައްޓަވާނެއެވެ.

އަދި ޙައްޖުވެރިން ޓެކްސީތަކާއި ހަމައަށް ގެންގޮސްދިނުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އެހީތެރިކަން ފޯރުކޮށްދެއްވާނެއެވެ. އަދި ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރެޑްކްރެސެންޓްގެ އެމްބިއުލާންސްވެސް އެއަރޕޯޓުގައި އޮންނާނެއެވެ.

ރާއްޖެއިން ޙައްޖަށްދިޔަ ހުރިހާ ޙައްޖުވެރިންވެސް ވަނީ ޙައްޖުގެ މަތިވެރިއަޅުކަން އަދާކޮށް ނިމި ފުރުމަށް ތައްޔާރުވެފައެވެ. އަދި ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖުމިޝަން އިން މަޢުލޫމާތުދެއެވެ.

- ކޮމެންޓް