އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންދެވުނު ތަކެތީގެ ތެރެއިން އދ. މާމިގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ބުނީ ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ޖުލައި 18 ވަނަ ދުވަހު މާމިގިލި ޕޮލިސް ސްޓޭޝަން ގެ ގޯތިތެރޭގައެވެ.
މިގޮތުން، ނައްތާލާފައިވަނީ 1318 ފުޅި ބަނގުރާއާއި 347 ދަޅު ބިޔަރެވެ. މި ތަކެއްޗަކީ 2021 ޑިސެމްބަރ 26 އިން މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެއްޗެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
