ކ. މާލެ
|
3 ޖުލައި 2022 | އާދީއްތަ 07:16
މަސްޖިދު ރަޝީދު މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މަސްޖިދު ރަޝީދު މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
މަސްޖިދު ރަޝީދު މިސްކިތް
މިސްކިތެއް ޒީނަތްތެރިކޮށް އިމާރާތްކުރިޔަސް އަޅުކަމުން ޒީނަތްތެރިނުވެވޭނަމަ އެއީ މިސްކިތެއްގެ ގޮތުގައި ފާހަގަނުވާނެ: އިސްލާމިކް މިނިސްޓަރު
ވީހާވެސް ގިނަ ބަޔަކު އަލަށް ހުޅުވި މިސްކިތުގައި ނަމާދުކުރުމަށް އެދެން

މިސްކިތެއް ޒީނަތްތެރިކޮށް އިމާރާތްކުރިއަސް އަޅުކަމުން ޒީނަތްތެރިނުވެވޭނަމަ އެއީ މިސްކިތެއްގެ ގޮތުގައި ފާހަގަނުވާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު މިހެން ވިދާޅުވީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ބިނާކޮށްފައިވާ ”މަސްޖިދު ރަޝީދު” ހުޅުވަން، ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ކޮންމެ މީހަކުވެސް ނިޔާވުމުން ދެމިގެންދާނެ ގޮތަކަށް ދަރުމަޔާއި ސަވާބު ލިބޭނެކަމެއްވުން އެއީ ކޮންމެ މީހެއްގެވެސް އުންމީދެއްކަމަށެވެ. އަދި މައްޔިތާ މަރުވުމަށްފަހު ކޮށްދެވޭ ހެޔޮ ކަންތައްތަކަށް މިނިސްޓަރުގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ މިސްކިތެއް ޒީނަތްތެރިކޮށް އިމާރާތްކުރިއަސް އަޅުކަމުން ޒީނަތްތެރިނުވެވޭނަމަ އެއީ މިސްކިތެއްގެ ގޮތުގައި އެތަނެއް ފާހަގަނުވާނެކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު އަލަށް ހުޅުވި މިސްކިތުގައި ނަމާދުކުރުމަށް އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ މި މިސްކިތަށް ހިނގާ ހުރިހާ ޚަރަދެއް އާރު.ސީ.ސީން ކުރަން ނިންމާފައިވާތީ އެކަން ފާހަގަކުރައްވާފައެވެ. 1200 މީހުންނަށް ނަމާދުކުރެވޭގޮތަށް ފަރުމާކޮށްފައިވާ މި މިސްކިތުގައި އަންހެނުންނަށްވެސް ވަކިން ނަމާދުކުރެވޭނެއެވެ.

3 ފަންގިފިލާއަށް ހަދާފައިވާ މި މިސްކިތް ފަރުމާކޮށްފައިވަނީ ޕާކިން އޭރިއާއަކާވެސް އެކީގައެވެ. މިސްކިތަށް ބޭނުންވާ ކަރަންޓު، އިޔާދަކުރަނިވި ހަކަތައިން ލިބޭގޮތަށް ފަރުމާކޮށްފައިވާ މި މިސްކިތް ހޮނިހިރު ދުވަހުގެ ރޭ އިޝާ ނަމާދުން ފެށިގެން ވަނީ އާންމުންނަށް ނަމާދުކުރުމަށް ހުޅުވާލާފައެވެ.

މި މިސްކިތް ހުޅުވުމާއެކު އެ އެސަރަހައްދުގައި ހުރި ވަގުތީ މިސްކިތް ”މަސްޖިދުލް ފިތުޔަ” ވަނީ ބަންދުކޮށްފައެވެ.

- ކޮމެންޓް