ކ. މާލެ
|
29 ޖޫން 2022 | ބުދަ 17:24
ކިޔުބާއިން ރާއްޖެއަށް އައި ޑޮކްޓަރުންނަށް މަރުހަބާކިޔުން
ކިޔުބާއިން ރާއްޖެއަށް އައި ޑޮކްޓަރުންނަށް މަރުހަބާކިޔުން
ހެލްތު މިނިސްޓްރީ
ކިއުބާއިން ރާއްޖެއަށް ޑޮކްޓަރުން ގެނައުން
ކިއުބާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ ފުރަތަމަ ބެޗް ރާއްޖެ އަތުވެއްޖެ
މި އެއްބަސްވުމުގެ ދަށުން، 3 ޖުލައިގައި އިތުރު ޑޮކްޓަރުން އަންނާނެ
ބުރާސްފަތި ދުވަހު ރާއްޖެއައީ 4 ޑޮކްޓަރުން

ރާއްޖެަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް ކިއުބާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަންނަ ޑޮކްޓަރުންގެ ފުރަތަމަ ބެޗް ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ސިއްހީ ޚިދުމަތުގެ ފަންނުވެރިން ގެނައުމަށް ދިވެހި ސަރުކާރާ ކިއުބާ ސަރުކާރާ ދެމެދު އެއްބަސްވެފައިވަނީ 9 ޑިސެމްބަރު 2021ގައެވެ. ކިއުބާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝާހު މާހިރުއެވެ. އަދި ކިއުބާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓަރ އޮފް ޕަބްލިކް ހެލްތު ޑރ. ޖޯސް އެންޖެލް ޕޯޓަލްއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އަންނަ ޑޮކްޓަރުންގެ ފުރަތަމަ ބެޗުގައި 4 ސްޕެޝަލިސްޓް ޑޮކްޓަރުން އައެވެ. މި 4 ޑޮކްޓަރުންނަށް ހެލްތު މިނިސްޓްރީން ވަނީ އެއަރޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އެ މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މި 4 ޑޮކްޓަރުންގެ އިތުރުން ޖުލައި 3 ވަނަ ދުވަހު އިތުރު 12 ޑޮކްޓަރުން ރާއްޖެއަށް އަންނާނެއެވެ.

ކިއުބާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އަންނަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ތެރޭގައި، މޯލްޑިވްސް ބަލަޑް ސަރވިސަސްގައި މަސައްކަތްކުރާނެ ހެމޮޓޮލިޖިސްޓަކާއި، ނޭޝަނަލް ޑްރަގް އެޖެންސީގައި މަސައްކަތްކުރާނެ ސައިކޭޓްރިސްޓުންނާއި، ދަމަނަވެށީގައި މަސައްކަތްކުރާނެ ފެމިލީ މެޑިސިން ޑޮކްޓަރުންނާއި، އަތޮޅު ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާނެ އެތެރެ ހަށީގެ ޑޮކްޓަރުންނާއި، އޮޕަރޭޝަން ޑޮކްޓަރުންނާއި، ހޭނައްތާ ޑޮކްޓަރުންނާއި އަދި ރޭޑިއޮލޮޖިސްޓުން ހިމެނެއެވެ.

ހެލްތު މިނިސްޓްރީން ބުނީ، ކިއުބާއަކީ ރައްޔިތުންނަށް ދުޅަހެޔޮ، ހަށިހެޔޮ ސިއްހަތެއް ކަށަވަރުކުރުމަށްޓަކައި ކިއުރެޓިވް ކެއަރއެކޭ އެއްހަމައަށް ޕްރައިމަރީ ހެލްތު ކެއަރއަށް އަހަމިއްޔަތުކަން ދީގެން، ޕްރައިމަރީ ހެލްތު ކެއަރ ޝާމިލުކޮށްގެން ޚިދުމަތްތައް ރާވައި، ވަށައިޖެހޭ ޚިދުމަތެއް ފޯރުކޮށްދެމުންދާ ސިއްހީ ނިޒާމެއް ގާއިމްކޮށްފައިވާ ގައުމެއްކަމަށެވެ. އެހެންވެ އެ ގައުމާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ގެނެވޭ ޑޮކްޓަރުންގެ ތަޖުރިބާގެ އަލީގައި ރާއްޖޭގައިވެސް ޕްރައިމަރީ ހެލްތު ކެއަރއަށް އަހައްމިއްޔަތުކަމެއް ދޭ ސިއްހީ ނިޒާމެއް ބިނާކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތަށް އިތުރު އެހީތެރިކަމާއި ކުރިއެރުން ލިބޭނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

- ކޮމެންޓް