ކ. މާލެ
|
20 ޖޫން 2022 | ހޯމަ 13:39
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ރާއްޖެއެމްވީ
ޔޯގާއާއި ކަސްރަތު
ޔޯގާއާއި ކަސްރަތުގެ ނަމުގައި ދީނާއި ޤާނޫނުތަކާއި ޚިލާފު ކަންކަން ހިންގާ: އިލްމުވެރިންގެ ގުޅުން
އެކަންކަން ފެތުރެމުން ދިއުމަކީ ދިނީ އިލްމުވެރިންގެ ޙައިސިއްޔަތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް
އެއީ ދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ހިންގޭ ވަރަށް ނުރައްކާތެރި ކަމެއް
އެކަމުގެ ދީނީ ޙުކުމްތައް އާންމު ރައްޔިތުންނަށް ބަޔާންކޮށްދޭން ޖެހޭ

ޔޯގާއާއި ކަސްރަތުގެ ނަމުގައި ދީނާއި ޤާނޫނުތަކާއި ޚިލާފު ކަންކަން ހިންގާކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން އިލްމުވެރިންގެ ގުޅުމުން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ޔޯގާގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުން އަންނަ ޙަރަކާތްތައް ރާއްޖޭގައި ފެތުރެމުން ދިއުމަކީ ދިނީ އިލްމުވެރިންގެ ޙައިސިއްޔަތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެކަމަކީ ކަސްރަތުގެ ނަމުގައި އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ހިންގޭ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި ދެކޭކަން ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން، ޔޯގާ މި ޤައުމުގައި އާންމުވަމުންދާއިރު، އެކަމުގެ ދީނީ ޙުކުމްތައް އާންމު ރައްޔިތުންނަށް ބަޔާންކޮށްދޭން ޖެހޭކަންވެސް ވަނީ ފާހަގަ ކޮށްފައެވެ. ހަމަ އެއާއެކު، އެކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށްވެސް މިނިސްޓްރީއަށް ވަނީ ގޮވާލާފައެވެ. އެގޮތުން އެކަމުގެ އިޙްތިސާސާއި މަސްއޫލިއްޔަތު އޮތް ފަރާތަކީވެސް މިނިސްޓްރީކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިލްމުވެރިންގެ ގުޅުމުން ވަނީ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށްގެން އެކަން ހުއްޓުވުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިފައެވެ.

އޭގެ އިތުރުން، ޔޯގާގައި ސިއްޙީ ފައިދާތަކެއް ހުރެދާނެކަމަށް ބެލެވުނު ނަމަވެސް، އެއަށްވުރެ ބޮޑެތި ފައިދާތައް އިސްލާމް ދީނުގައި ޝަރުއު ކުރައްވާފައިވާ ނަމާދާއި އެނޫންވެސް ކަސްރަތުތަކާއި ޙަރަކާތްތަކުން ލިބެން ހުންނަކަން ވަނީ ފާހަގަކޮށްފައެވެ.

ވީއިރު، އެހެން ބައެއްގެ ޚާއްސަ ދީނީ އަޅުކަމެއްގެ ގޮތުގައި ހިމެނޭ އަމަލުތަކެއްގައި ބައިވެރިވެ ހެދުމަކީ ދީނީ ގޮތުން ހުއްދަވާނެ ކަމެއް ނޫންކަން ދައުލަތުގެ ރަސްމީ ފެންވަރުގައި އާންމުކޮށް އިއުލާނު ކޮށްދެއްވުމަށް ބަޔާނުގައި އެދިފައިވެއެވެ.

އިލްމުވެރިންގެ ގުޅުމުން ވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ޔޯގާ ދުވަހުގެ ޙަރަކާތްތައް ހުއްޓުވުމަށް އަޅަންޖެހޭ އަމަލީ ފިޔަވަޅުތައްވެސް އެޅުއްވުމަށް މިނިސްޓްރީއަށް ގޮވާލާފައެވެ.

- ކޮމެންޓް