މަންކީ ޕޮކްސްއަކީ އިންޓަރނޭޝަނަލް ހެލްތު އިމަރޖެންސީއެއްތޯ ކަނޑައެޅުމުގެ މަޝްވަރާތައް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ފަށައިފިއެވެ.
އެ ޖަމްއިއްޔާއިން ވަނީ މިކަމާގުޅިގެން ކުއްލި ބައްދަލުވުމެއްވެސް ފަށާފައެވެ.
އެފްރިކާ ސަރަހައްދުން ބޭރުގެ އެހެން ގައުމުތަކުން މަންކީޕޮކްސްގެ ކޭސްތައް ރިޕޯޓްކުރަން ފެށިފަހުން މިހާތަނަށް 1000ށްވުރެ ގިނަ ކޭސް ޑަބްލިޔުއެޗްއޯއަށް ވަނީ ރިޕޯޓްކޮށްފައެވެ.
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ، މަންކީޕޮކްސް އާންމުކޮށް ނުފެންނަ ގައުމުތަކުން ފެނުމުގެ ފުރުސަތު އިތުރުވަމުން އަންނަކަމަށާއި، ނަމަވެސް އަދި މިބަލި އޮތީ ކޮންޓްރޯލްކުރެވިފައި ކަމަށެވެ.
މެއި މަހުގެ ކުރީކޮޅު މިބަލި ރިޕޯޓްކުރަން ފެށިފަހުން މިހާތަނަށް 29 ގައުމަކުން ވަނީ މިބަލި ރިޕޯޓްކޮށްފައެވެ. އެއްވެސް ގައުމަކުން މިބަލީގައި މިހާތަނަށް މީހަކު މަރުވެގެން ރިޕޯޓްކޮށްފައެއްނުވެއެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޓެޑްރޯސް އިތުރަށް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް އެފްރިކާގެ ގައުމުތަކުން މަންކީޕޮކްސްއަށް ޝައްކުކުރެވޭ 1400 ކޭސް ފެނިފައިވާކަމަށެވެ.
ނަމަވެސް މަންކީޕޮކްސްއަށް މިހާރު ބޮޑު ސަމާލުކަމެއް ލިބިފައިވަނީ މުއްސަނދި ގައުމުތަކުން މިބަލި ފެންނަން ފެށުމުންކަމަށާއި އެކަމާއި ކަންބޮޑުވެވަޑައިގަންނަވާކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.
ޓެޑްރޯސް އިތުރަށް ވިދާޅުވީ ބައެއް ގައުމުތަކުގައި ކޭސްތައް ފެންނަ ގޮތުން މިބަލި މިހާރު ވަނީ ކޮމިޔުނިޓީ ޓްރާންސްމިޝަނަކަށް ބަދަލުވެފައިކަމަށެވެ. އެހެންކަމުން މަންކީޕޮކްސް ޖެހިފައިވާ މީހުން ގޭގައި އެކަހެރިވުމަށް ޑަބްލިޔުއެޗްއޯއިން ލަފާދޭކަމަށް ވިދާޅުވިއެވެ.
ޑަބްލިޔުއެޗްއޯގެ ޓެކްނިކަލް ޓީމުން ބުނާގޮތުގައި، މިބަލި މައިގަނޑުގޮތެއްގައި އަރަނީ ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެގެންނެވެ. މީގެއިތުރުން މިބައްޔަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ސިއްހީ މަސައްކަތްތެރިން މާސްކު އަޅަންޖެހޭނެކަމަށް ޓެކްނިކަލް ޓީމުން ބުނެއެވެ.
ޑަބްލިޔުއެޗްއޯއިން ބުނާގޮތުގައި، މިހާތަނަށް ފެނިފައިވާ ކޭސްތަކަށް ބަލާއިރު ގިނައިން މިބަލި ފެނިފައިވަނީ ފިރިހެނުންގެ މެދުގައެވެ. އޭގެތެރެއިންވެސް އެއްޖިއްސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައެވެ. ނަމަވެސް އަންހެނުންގެ ތެރެއިންވެސް މިބަލި ފެނިފައިވާކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
އދ.ން އަންނަނީ އެކި ޖަމިއްޔާތަކާ ގުޅިގެން މިބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.