ކ. މާލެ
|
16 އޯގަސްޓް 2024 | ހުކުރު 00:55
އެމްޕޮކްސް ޖެހިފައިވާ މީހެއްގެ އަތްތިލަ
އެމްޕޮކްސް ޖެހިފައިވާ މީހެއްގެ އަތްތިލަ
ގެޓީ އިމޭޖަސް
އެމްޕޮކްސް ސްވީޑަނުން ފެނުން
އެފްރިކާ ސަރަހައްދުގެ ބޭރުން ފެނުނު މަކުނުވިދުރީގެ ފުރަތަމަ ކޭސް ސްވީޑަނުން ފެނިއްޖެ
މި ބަލި މިހާރު ވަނީ އެފްރިކާގެ 13 ޤައުމުތަކަށް ފެތުރިފައެވެ.
ޚަބަރުގެ އޯޑިއޯ

އެފްރިކާ ސަރަހައްދުގެ ބޭރުން ފެނުނު މަކުނު ވިދުރީގެ ފުރަތަމަ ކޭސް ސްވީޑަނުން ފެނިއްޖެ ކަމަށް އެގަމުގެ އޮފިޝަލުން ހާމަ ކޮށްފިއެވެ.

ސްވިޑްން ސަރުކާރުން ބުނެފައިވަނީ އެމްޕޮކްސް ގެ ހަލުއިކޮށް ފެތުރޭ ނުރައްކާތެރި ވޭރިއަންޓް ކްލޭޑް 1 ގެ ފުރަތަމަ ކޭސް އެ ޤައުމުގައި ފެނިފައިވާ ކަމަށެވެ.

ސްވިޑްނުގެ ސަރުކާރުން މި ވައިރަސް އެ ގަމުން ފެނިފައިވާކަން އިޢުލާނު ކުރީ ބުރާސްފަތި ދުވަހުއެވެ. ސްވިޑްންގެ ސިއްހީ އޮފިޝަލުން ބުނަނީ ކުރިއަށް އޮތް ދުވަސްތަކުގައި މި ސަރަޙައްދުގައި އިތުރު ކޭސްތައް ފެނިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި އަޅުގަނޑުމެންނަށް ޔަގީންވެއްޖެ ސްވިޑަންގައި ކްލޭޑް-1 ކިޔާ ނުރާއްކާތެރި ބާވަތުގެ އެމްޕޮކްސް ޖެހިފައިވާ އެކަކު ފެނިފައިވާކަން،" ސްވިޑްންގެ ސިއްޙަތާއި އިޖްތިމާޢީ ކަންކަމާބެހޭ ވަޒީރު ބުރާސްފަތި ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

މަކުނު ވިދުރި ނުވަތަ އެމްޕޮކްސް ނުވަތަ މަންކީޕޮކްސް އަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅާ އިއުލާން ކޮށް އެ ޖަމްއިއްޔާ އިން ނެރޭ އެންމެ މަތީ ލެވެލްގެ އެލަޓް މި ބައްޔަށް ބުދަ ދުވަހު ވަނީ ނެރެފައެވެ.

މިއީ މި ބައްޔަށް އެ ޖަމްއިއްޔާ އިން މިއަހަރު ތެރޭ އެ އެލަޓް ނެރުނު ދެވަނަ ފަހަރެވެ.

ވިލާތުގެ ގައުމަކުން އެމްޕޮކްސް ފެނުނުކަން އިއުލާން ކުރިއިރު މިހާތަނަށް އެމެރިކާ އަދި ކެނެޑާއިން އެމްޕޮކްސް ގެ އެއްވެސް ކޭސްއެއް ފެނިފައިވާ ކަމަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ. ސްވިޑްންގެ ޕަބްލިކް ހެލްތު އޭޖެންސީއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ 'މިހާރު ފެނިފައިވާ ކޭސް ފަދަ ވަކިވަކި އިމްޕޯޓް ކުރެވޭ ކޭސްތައް' ކުރިއަށް އޮތް ދުވަސްތަކާއި ހަފްތާތަކުގައިވެސް ފެނިދާނެ ކަމަށެވެ.

ސްވީޑަންގެ ސަރުކާރުގެ އެޕިޑެމިއޮލޮޖިސްޓް މެގްނަސް ގިސްލެން ބުރާސްފަތި ދުވަހު ނެރެއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، މި މީހާއަށް މި ބަލި ޖެހިފައިވަނީ "އެފްރިކާގެ އެމްޕޮކްސް ކްލޭޑް 1 ވަރަށް ބޮޑަށް ފެތުރިފައިވާ ސަރަޙައްދަކަށް" ކުރި ދަތުރެއްގެ ތެރޭގައެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ޤައުމުގައި އެމްޕޮކްސް ބައްޔަށް ފަރުވާ ދެވޭ މީހަކު ހުރުމަކީ އާންމު ރައްޔިތުންނަށް ކުރިމަތިވާ ނުރައްކަލެއް އޮތް ކަމެއް ނޫނެވެ. މި ވަގުތު ޔޫރަޕިއަން ސެންޓަރ ފޮރ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އީސީޑީސީ) އިން ވެސް ދެކޭގޮތުގައި ވިލާތުގައި މި ބަލީގެ ނުރައްކާ ވަރަށް ކުޑައެވެ،" ގިސްލެން އިތުރަށް ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯ އިން މި ބަލީގެ ކުއްލި ނުރައްކަލުގެ ހާލަތު ބުރާސްފަތި ދުވަހު އިއުލާން ކުރީ އެމްޕޮކްސްގެ އައު ބާވަތެއް މާ ހަލުއިކޮށް ފެތުރެމުންދާތީ އެފްރިކާގެ ސެންޓަރސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން އެފްރިކާގައި އެމްޕޮކްސް އަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް އަންގާރަ ދުވަހު އިއުލާން ކޮށްފައިވަނިކޮށްނެވެ.

މި އަހަރުގެ މިހާތަނަށް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން 13،700 އަށްވުރެ ގިނަ އެމްޕޮކްސް ކޭސް ފެނިފައިވާއިރު، ޑަބްލިއު.އެޗް.އޯ އިން ބުދަ ދުވަހު ބުނެފައިވަނީ މިއަހަރު ކޮންގޯ ގައި އެމްޕޮކްސް ބަލީގެ ސަބަބުން 548 މީހުން މަރުވެފައިވާ ކަމަށެވެ.

މި ވައިރަސް މިހާރު ވަނީ ބުރުންޑީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް (ސީއޭއާރު)، ކެންޔާ އަދި ރުވާންޑާ ހިމެނޭ ގޮތުން އެފްރިކާ 13 ޤައުމަކަށް ފެތުރިފައެވެ.

އެމްޕޮކްސް ފެތުރެނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ހަށިގަނޑުން އިންސާނުންގެ ގަޔަށް ނުވަތަ ބަލި ޖެހިފައިވާ އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށެވެ. ބައްޔަކީ ކޮންޓެކްޓް ވުމުން އަރާ ބައްޔަކަށް ވުމާއެކު ޖިންސީ ގުޅުމުގެ ޒަރީއާ އިންނާއި ހަމާއި ހަން ކޮންޓެކްޓް ވެގެންނާއި އަދި ބަލި ޖެހިފައިވާ މީހެއްގެ ނޭވާއިން ނުވަތަ ވަރަށް ގާތުން ވާހަކަ ދެއްކުމުން ބުރާ ކުދި ޑްރޮޕްލެޓްތަކުންވެސް ބަލި ޖެހިދާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ބަލި ޖެހުމުން ފެންނަ ނިޝާން ތަކުގެ ތެރޭގައި ހުން އައުމާއި ގައިގަ ރިއްސުމާއި ގައިގެ ތަންތަން ފާރުވުން ހިމެނެއެވެ. ފަރުވާ ނުލިބިއްޖެ ނަމަ މި ބައްޔަކީ ފުރާނަ އަށް ނުރައްކާވާ ބައްޔެއް ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ

ބައްޔަށް ތިން ވެކްސިނެއް ބޭނުން ކުރެވޭ ކަމަށާއި އެހެން ނަމަވެސް ވެކްސިން ދެނީ ބަލި ޖެހުމުގެ ރިސްކް ބޮޑު މީހުންނަށާއި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައިވާ މީހުންނަށް އެކަނި ކަމަށް ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް