ކ. މާލެ
|
5 ފެބްރުއަރީ 2025 | ބުދަ 01:00
ސްވީޑަންގެ އޯރެބްރޯ ގެ ސްކޫލެއްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާ އަކާ ގުޅިގެން ކުއްލި ހާލަތުގެ އޮފިޝަލުންނާއި ފުލުހުން ހަރަކާތްތެރިވަނީ
ސްވީޑަންގެ އޯރެބްރޯ ގެ ސްކޫލެއްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާ އަކާ ގުޅިގެން ކުއްލި ހާލަތުގެ އޮފިޝަލުންނާއި ފުލުހުން ހަރަކާތްތެރިވަނީ
ރޮއިޓާސް
ސްވިޑަން
ސްވީޑަންގެ ސްކޫލެއްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާ އެއްގައި މަދުވެގެން 10 މީހުން މަރުވެއްޖެ
މިއީ ނޯޑިކް ސަރަހައްދުގެ މި ޤައުމުގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި ބަޑީގެ ހަމަލާ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ވަނީ ސިފަކުރައްވާފައި

ސްވީޑަންގެ ހުޅަނގު ސަރަޙައްދުގައި ހުރި ބޮޑެތި މީހުންގެ ސްކޫލެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި މަދުވެގެން 10 މީހުން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގީ އޯރެބްރޯ ސިޓީގައި ހުރި ބޮޑެތި މީހުންގެ ތަޢުލީމީ މަރުކަޒެއްގައި އަންގާރަ ދުވަހުގެ މެންދުރުފަހު އެތަނުގެ ގަޑިން 12:33 ގައެވެ. ފުރަތަމަ ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މަދުވެގެން 5 މީހުންގެ ގަޔަށް ވަނީ ބަޑި ޖަހާފައެވެ.

ފުލުހުން ޤަބޫލުކުރާ ގޮތުގައި ބަޑި ޖެހި މީހާ ހަރަކާތްތެރިވެފައި ވަނީ އެކަނި ކަމަށާއި، އޭނާއަކީ ކުރިން ފުލުހުންނަށް ފާހަގަ ވެފައިވާ މީހެއް ނޫން ކަމަށެވެ.

ސްވީޑަންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަރސަން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ މި ހަމަލާއަކީ "ސްވީޑަންގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި ހަމަލާ" ކަމުގައެވެ.

ފުލުހުން ފުރަތަމަ ދިން މައުލޫމާތުގައި 5 މީހުން މަރުވި ކަމަށް ބުނި ނަމަވެސް ފަހުން ހާމަކުރި އަޕްޑޭޓެއްގައި، މި ހަމަލާގައި 10 ވަރަކަށް މީހުން މަރުވެފައިވާ ކަމަށް، ބުނެފައިވެއެވެ. މަރުވި މީހުންގެ ފުރިހަމަ އަދަދާއި މަރުވީ ކޮން ބައެއްކަން ހާމަ ކޮށްފައެއް ނުވެއެވެ.

ހޮސްޕިޓަލުގެ ތަރުޖަމާނަކާ ހަވާލާދީ މީޑީއާ ރިޕޯޓުތައް ބުނެފައިވަނީ އޮރެބްރޯ ޔުނިވަރސިޓީ ހޮސްޕިޓަލަށް ގެނެވުނު ފަސް މީހުންގެ ތެރެއިން އެކަކަށް ލިބިފައިވަނީ ކުދި އަނިޔާތަކެވެ. އަދި ހަތަރު މީހުން އޮޕަރޭޝަން ކުރަން ޖެހުނު ކަމަށް ބުނެފައިވެއެވެ. އޭގެ ތެރެއިން ދެ މީހުންގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި، އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ.

ފުލުހުން ބުނާ ގޮތުގައި ހަމަލާ ދިން މީހާވެސް މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ޤަބޫލުކުރެވެއެވެ.

މިކަމަކީ "ޓެރަރިޒަމް" އާ ގުޅުން ހުރި ކަމެއް ކަމަށް ޝައްކު ނުކުރެވޭ ކަމަށާއި، ނަމަވެސް މި ހަމަލާގެ ސަބަބު ސާފުވެފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.               

ސްވީޑަން ވަނީ ގޭންގު ކުށްތަކުގެ ސަބަބުން ބަޑި ޖެހުމާއި ބޮން ގޮއްވުމުގެ ނުރައްކާތަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް ސްކޫލްތަކުގައި ބަޑިޖެހުމުގެ ހާދިސާ އަކީ އެ ގައުމުގައި ވަރަށް މަދުން ނޫނީ ކުރިމަތިވެފައިވާ ކަމެއް ނޫން ކަމަށް ރިޕޯޓުތަކުގައި ވެއެވެ. 

2010 އިން 2022 އަށް ސްކޫލްތަކުގައި ހިނގި 7 މާރާމާރީގައި 10 މީހުން މަރުވެފައިވާ ކަމަށް ސްވީޑިޝް ނޭޝަނަލް ކައުންސިލް ފޮރ ކްރައިމް ޕްރިވެންޝަނުން ބުނެއެވެ.

- ކޮމެންޓް