ކ. މާލެ
|
27 އޯގަސްޓް 2024 | އަންގާރަ 14:35
އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ ކުއްޖެއް ޓެސްޓު ކުރަނީ
އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ ކުއްޖެއް ޓެސްޓު ކުރަނީ
ނޭޝަން މީޑިއާ
އެމްޕޮކްސް ފެތުރުން
އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިން އާންމުކޮށް ފެންނަ އެމްޕޮކްސް އެންމެ ބޮޑަށް ފެތުރެމުންދާ ސަރަޙައްދުތަކަކީ ކޮބާ؟
ފަލަ ސުރުޚީތަކުން މާ އާންމުކޮށް ނުފެނުން ކަމުގައި ވީ ނަމަވެސް، އެމްޕޮކްސް ފެތުރެމުން ދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށެވެ. މިހާތަނަށް ކޭސް ރިޕޯޓް ކޮށްފައި ވާ ޤައުމުތަކުގެ ތެރޭގައި ބުރޫންޑީ، ކެމެރޫން، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ، ޣާނާ، އައިވަރީ ކޯސްޓް، ކެންޏާ، ލައިބީރިއާ، މޮޒަމްބީކް، ނައިޖީރިއާ، ޕާކިސްތާން، ފިލިޕީންސް، ރިޕަބްލިކް އޮފް ކޮންގޯ، ރުވާންޑާ، ސައުތު އެފްރިކާ، ސްވީޑަން އަދި ޔުގާންޑާ ހިމެނެއެވެ.

މަންކީޕޮކްސް (އެމްޕޮކްސް) ނުވަތަ މަކުނުވިދުރިއަކީ މީގެ ކުރިން އެފްރިކާ ސަރަހައްދުގައި ފެތުރިގެން ދިޔަ ވައިރަހަކަށް ވީ ނަމަވެސް، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަން މި ވަނީ ބަދަލުވެފައެވެ. އެފްރިކާ ބައްރު ހުރަސްކޮށް، މި ބަލީގެ އެންމެ ނުރައްކާ ސްޓްރެއިންގެ ކޭސްތައް، ވިލާތާއި އޭޝިއާ ބައްރުގެ ޤައުމުތަކުން މިހާރު ދަނީ ރިޕޯޓް ކުރަމުންނެވެ.

ޔުގާންޑާއިން ވަނީ ކްލެޑް-1ބީ ސްޓްރެއިންގެ އެމްޕޮކްސް ވައިރަހުގެ އައު 2 ކޭހެއް ރިޕޯޓްކޮށްފައެވެ. އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަ ކުރި ގޮތުގައި އެއް ޕޭޝަންޓްއަކީ ޓްރަކް ޑްރައިވަރެކެވެ. 2 ޕޭޝަންޓުންވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އައިސޮލޭޓްކޮށްފައެވެ. ނުވަތަ އެކަހެރި ކޮށްފައެވެ. އެމްޕޮކްސް ކޭސްތައް އިތުރުވަމުން ދާ ވަރަކަށް 1ބީ ސްޓްރެއިންއާ މެދު އުފެދިފައި ވާ ކަންބޮޑުވުންތައްވެސް ދަނީ އިތުރުވަމުންނެވެ. މި ސްޓްރެއިންއަކީ ފުރާނައަށް މާ ނުރައްކާ ސްޓްރެއިންއެކެވެ.

ދުނިޔޭގެ ޗާޓުން އެމްޕޮކްސް ދައްކަނީ ކިހިނެއް؟

ފަލަ ސުރުޚީތަކުން މާ އާންމުކޮށް ނުފެނުން ކަމުގައި ވީ ނަމަވެސް، އެމްޕޮކްސް ފެތުރެމުން ދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށެވެ. މިހާތަނަށް ކޭސް ރިޕޯޓް ކޮށްފައި ވާ ޤައުމުތަކުގެ ތެރޭގައި ބުރޫންޑީ، ކެމެރޫން، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ، ޣާނާ، އައިވަރީ ކޯސްޓް، ކެންޏާ، ލައިބީރިއާ، މޮޒަމްބީކް، ނައިޖީރިއާ، ޕާކިސްތާން، ފިލިޕީންސް، ރިޕަބްލިކް އޮފް ކޮންގޯ، ރުވާންޑާ، ސައުތު އެފްރިކާ، ސްވީޑަން އަދި ޔުގާންޑާ ހިމެނެއެވެ.

3 ބައްރަކުން މިހާތަނަށް ފެނިފައިވާ އެމްޕޮކްސްއަކީ " ބައިނަލްއަޤުވާމީ ކަންބޮޑުވުމެއް އޮތް، އާންމު ޞިއްޙަތުގެ ކުއްލި ހާލަތެއް ކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ ދާދި ފަހުން ކަނޑައަޅާފައެވެ. ނަމަވެސް، އެމްޕޮކްސްގެ އަދުގެ ޙާލަތު އޮތީ، އަހަރެމެން އެންމެން ފުރަބަންދުކޮށް، އިނދަޖައްސާލި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ޙާލަތުގައި ނޫންކަންވެސް ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަކޮށްފައެވެ. ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި އެމްޕޮކްސްއަކީ "އައު ކޮވިޑެއް ނޫނެވެ."

2024 ވަނަ އަހަރުގެ ޖަނަވަރީން އޯގަސްޓް އާ ހަމައަށް އެމްޕޮކްސް ފެތުރިފައިވާ ޤައުމުތައް - އޭއެފްޕީ

މިހާރު ފެތުރެމުންދާ އެމްޕޮކްސް ކޭސްތައް ގުޅެނީ ކްލޭޑް 1 ސްޓްރެއިންއާއެވެ. މިއީ މިހާތަނަށް ފެނިފައިވާ ވޭރިއަންޓްތަކަށްވުރެ ހައްސާސް ވޭރިއަންޓެއް ކަމަށް ޤަބޫލު ކުރެވެއެވެ. މިއީ ހަމާއި ހަންޖެހިގެންވެސް އެކެއްގެ ގައިން އަނެކާގެ ގަޔަށް އަރާ ވައިރަހެކެވެ.

2022 ވަނަ އަހަރުން ފަށައިގެން އެމްޕޮކްސްގެ ކޭސްތައް އެފްރިކާ ސަރަޙައްދުން ދަނީ ފެންނަމުންނެވެ. ބަލީގެ ޓްރޭސިންގް ހެދިހެދުމުން އެނގިފައި ވާ ގޮތުގައި، އެކަމުގެ އަސްލު ގުޅެނީ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) އާއެވެ.

ކްލޭޑް 1 ގެ އައު ސްޓްރެއިންއެއް ޑީއާރްސީއިން ފެނުނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. އެ ސްޓްރެއިންއަށް ދީފައި ވާ ނަމަކީ ކްލޭޑް-1ބީއެވެ.

ކްލޭޑް 2 ސްޓްރެއިންއާ ގުޅޭ ބަލިމަޑުކަމުގެ އޮއެވަރެއްވެސް ދަނީ ފެތުރެމުންނެވެ. މާ ބޮޑު ޢަދަދުތަކުން ނޫން ކަމުގައި ވީ ނަމަވެސް، މިދިޔަ މަހުގެ ނިޔަލަށް، 100 އަށް ވުރެ ގިނަ ޤައުމުން ވަނީ ކޭސްތައް ރިޕޯޓް ކޮށްފައެވެ. ކްލޭޑް 2ގެ ސަބަބުން އިންފެކްޝަންގެ އަސަރު މާ ބޮޑަކަށް ކުރާކަމަކަށް ނުބެލެވެއެވެ. ކްލޭޑް 2ގެ ބަލި ޖެހޭ މީހުންގެ ތެރެއިން މި ދުނިޔެ ދޫކުރާ މީހުންގެ ރޭޓް އުޅެނީ 0.2 ޕަސެންޓްގައެވެ. ކްލޭޑް 1ގެ ކޭސްތައް ބަލާއިރު، ދުނިޔެ ދޫކުރާ މީހުންގެ ރޭޓަކީ 3.9 ޕަސެންޓްއެވެ.

އެތައް ބައެއްގެ މެދުގައި ކަންބޮޑުވުން އުފައްދާފައިވާ އެމްޕޮކްސް ބަލިމަޑުކަމުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަމުން ދަނީ ޑީއާރްސީއިންނެވެ. އެންމެ ގިނަ ކޭސްތައް ރެކޯޑްކޮށްފައި ވަނީވެސް އެ ޤައުމުންނެވެ. އޯގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އެކަނިވެސް ޑިއާރްސީއިން އެތައް ހާސް ބަޔަކު ވަނީ ފައްސިވެފައެވެ. އެމްޕޮކްސް އެޕިޑަމިކްއެއް ފެތުރެމުން ދާކަމަށް ޑީއާރްސީގެ ސަރުކާރުން ކަނޑައެޅީ ޑިސެމްބަރ 2022 ގައެވެ.

އެފްރިކާ ސަރަޙައްދުން ރިޕޯޓްކޮށްފައި ވާ ކޭސްތަކުގެ 96 ޕަސެންޓް ހިއްސާކުރަނީ ޑީއާރްސީއިންނެވެ. އެފްރިކާ ސީޑީސީއިން ބުނާ ގޮތުގައި، ކޭސްތަކުގެ 60 ޕަސެންޓް ހިއްސާކުރަނީ ޢުމުރުން އެންމެ 15 އަހަރުވެސް ނުވާ ކުދިންނެވެ.

އެމްޕޮކްސް ޖެހިގެން އޯގަސްޓް 22، 2024 ގެ ނިޔަލަށް ރެކޯޑް ކޮށްފައިވާ މަރުގެ ކޭސްތަކުގެ އަދަދަކީ 541 އެވެ. އޭގެ ތެރެއިން 535 ކޭސް، ނުވަތަ 97 ޕަސެންޓް ހިއްސާ ކުރަނީ ޑީއާރްސީއިންނެވެ. އެމްޕޮކްސް ޖެހިގެން މަރުވާ މީހުންގެ ރެކޯޑްތައް ބެލެހެއްޓުމުގައި، އެމީހަކަށް ޖެހުނީ ކޮން ސްޓްރެއިންއެއް ކަމެއް، އެފްރިކާ ސީޑީސީއިން ފާހަގައެއް ނުކުރެއެވެ.

އެމްޕޮކްސް ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހެއް - އޭއެފްޕީ

އަހަރެމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެވެސް ހިމެނޭ އޭޝިއާ ބައްރުން އެމްޕޮކްސް ކޭހެއް އެންމެ ފުރަތަމަ ރިޕޯޓް ކޮށްފައި ވަނީ ތައިލޭންޑުން، މިދިޔަ ބުރާސްފަތި ދުވަހުއެވެ. ތައިލޭންޑުން ފެނިފައި ވަނީ އެމްޕޮކްސްގެ އައު ސްޓްރެއިންއަށް ފައްސިވި ކޭސްއެކެވެ. ބައްޔަށް ފައްސިވެފައިވަނީ ވިލާތަށް ނިސްބަތްވާ، ޢުމުރުން 66 އަހަރުގެ ފިރިހެނެކެވެ. އެމީހަކީ، ކްލޭޑް 1 ވޭރިއަންޓްގެ ބަލިމަޑުކަން ބޮޑުވެފައި އޮތް އެފްރިކާ ސަރަހައްދުގެ ޤައުމަކުން އަނބުރާ އައި މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. އެއީ އެފްރިކާގެ ކޮން ޤައުމެއްކަން ހާމައެއް ނުކުރެއެވެ.

ތައިލޭންޑްއިން އެމްޕޮކްސްގެ އައު ވޭރިއަންޓަށް ފައްސިވި މިހާގެ ހަށިގަނޑު ސީރިއަސް އަލާމާތްތަކެއް ނުފެންނަ ކަމަށް މައުލޫމާތު ލިބެއެވެ. ޚަބަރު ލިބޭ ގޮތުގައި އެމީހާއަށް އެމްޕޮކްސް ޖެހިފައި ވަނީ މެދުއިރުމަތީގެ ޤައުމެއް ހުރަސްކޮށް، ތައިލޭންޑަށް ދަތުރުކުރި މަގުމަތީގައެވެ.

ފިލިޕީންސްއިން ފެނިފައި ވަނީ ކްލޭޑް 2 ވޭރިއަންޓްގެ ކޭހެއް ކަމަށް އެ ޤައުމުން ކަށަވަރުކޮށްދެއެވެ. ބައްޔަށް ފައްސިވެފައި ވަނީ ޢުމުރުން 33 އަހަރުގެ ފިރިހެނެކެވެ. ފިލިޕީންސްއަށް ނިސްބަތްވާ އެ މީހާއަކީ، ކައިރި މާޒީގައި ތަނަކަށް ދަތުރު ކުރި ކަމުގެ ރެކޯޑް އޮތް މީހެއް ނޫން ކަމަށް މައުލޫމާތު ލިބެއެވެ. މިއީ 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފިލިޕީންސްއިން ކަށަވަރުކޮށްދިން އެމްޕޮކްސްގެ 10 ވަނަ ކޭސްއެވެ. ތައިލޭންޑްގައި އެމްޕޮކްސް ފެތުރެމުންދާތާ "ދުވަސްކޮޅެއްވެފައި ވާ ކަމަށް" އެ ޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައެވެ.

ޕާކިސްތާނުންވެސް މި އަހަރު އެމްޕޮކްސްއަށް ފައްސިވެގެން ރިޕޯޓްކޮށްފައި ވަނީ ކްލޭޑް 2 ވޭރިއަންޓްގެ ކޭސްއެކެވެ. އެއީވެސް ފިރިހެނެކެވެ. ނަތީޖާ ކަށަވަރު ވުމުގެ ކުރިން، ޕާކިސްތާނުގެ އެހެން ޕްރޮވިންސްއަކަށް އެމީހާ ދަތުރުކޮށްފައި އޮތުމުގެ ސަބަބުން، ބަލިފެތުރިފައިވޭތޯ ބެލުމަށް ޓްރޭސިންގްގެ މަސައްކަތް ކުރިއަށްދާކަމަށް ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ވިލާތު ބައްރަށް ބަލާއިރު ސްވީޑަންއިން އެމްޕޮކްސް ކޭހެއް ރިޕޯޓް ކުރީ އޯގަސްޓް 15 ވަނަ ދުވަހުއެވެ. ސްވީޑަންއިން ފެނިފައި ވަނީ އެމްޕޮކްސްގެ އެންމެ ސީރިއަސް، ކްލޭޑް 1 ވޭރިއަންޓްގެ ކޭސްއެކެވެ. ވިލާތުގެ ސެންޓަރ ފޮރ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލްއިން ވަނީ، ވިލާތާއި އެފްރިކާއާ ދެމެދު ވައިގެ ދަތުރުތައް އާންމުވެފައި އޮތުމުގެ ސަބަބުން، ވިލާތު ބައްރުން ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރުމުގެ ފުރުޞަތު ބޮޑު ކަމަށް ލަފާކޮށްފައެވެ.

އެމްޕޮކްސް ޖެހިފައިވާ މީހަކަށް ވެކްސިން ދިނުމަށް ތައްޔާރުވަނީ - އޭޕީ

ވިލާތުގެ އިއްތިހާދު (އީޔޫ) އިން ވަނީ، ބަލިމަޑުކަން ގޯސްވެފައިވާ ސަރަޙައްދުތަކަށް ވިލާތުގެ ބޯޑަރު ބަންދު ނުކުރާނެކަން ހާމަކޮށްފައެވެ.

އެމެރިކާ ސަރަޙައްދާއި މެދުއިރުމަތީގެ ޤައުމުތަކުން އެމްޕޮކްސްގެ ސީރިއަސް ވޭރިއަންޓްގެ ކޭސްތަކެއް ރަސްމީ ސިފައެއްގައި ރިޕޯޓްކޮށްފައި ނެތެއް ކަމަކު، "ސަމާލު"ގައި ތިބެން ޖެހޭ ކަމަށް، ޑަބްލިއުއެޗްއޯއިން ވަނީ އޯގަސްޓް 9 ވަނަ ދުވަހު ލަފާ ދީފައެވެ.

ޑަބްލިއުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސްވެސް ވަނީ އެމްޕޮކްސް ބަލިމަޑުކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، ބަލިމަޑުކަން ފެތުރިގެންދާ ދުވެއްޔާ މެދު ކަންބޮޑުވުން އުފެދިފައި ވާ ކަން، ޑރ ޓެޑްރޯޒް ވަނީ ފާހަގަކުރައްވާފައެވެ.

ސްމޯލްޕޮކްސް ނުވަތަ ކަށިވިދުރިވެސް ނިސްބަތްވާ ވައިރަހުގެ ޢާއިލާއިން އުފަންވި އެމްޕޮކްސް ވައިރަހުން ޖައްސާ އެމްޕޮކްސް ނުވަތަ މަކުނުވިދުރިއަކީ ޖަނަވާރުތަކުގެ ހަށިގަނޑުންވެސް އިންސާނުންގެ ހަށިގަނޑަށް އަރާ ބައްޔެކެވެ. ބަލިޖެހިފައިވާ މީހެއްގެ ގައިން އިތުރު މީހެއް ނުވަތަ މީހުންގެ ގަޔަށްވެސް ވައިރަސް ފެތުރެއެވެ. އެއީ ވަރަށް ގާތުން އެކީ އެއްތާ ވެގެން ނުވަތަ ކޮންޓެކްޓްވެގެންނެވެ. ޖިންސީ ގުޅުން ހިންގުމާއި، ހަމާއި ހަން ޖެހޭ ފަދަ ގޮތަކަށް އުޅުމާއި، ވާހަކަދެއްކުން ނުވަތަ ނޭވާލުމުގެ ޒަރިއްޔާއިންވެސް އެމްޕޮކްސް ވައިރަސް ފެތުރެއެވެ. އެމްޕޮކްސްގެ ކޭސްތައް އެންމެ އާންމުކޮށް ފެންނަނީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިންނެވެ.

އެމްޕޮކްސްގެ އާލާމާތްތަކުގެ ތެރޭގައި ދޮސް ފޮޅުތަކެއްގެ ނެގުމުގެ އިތުރަށް، ހުން އައުމާއި، މަސްތަކުގައި ރިއްސުން ފަދަ އަލާމާތްތައް ފެނުން އެކަށީގެންވެއެވެ. ފަރުވާ ނުދީ ދޫކޮށްލައިފިނަމަ، އެމްޕޮކްސްއަކީ ފުރާނައަށް ނުރައްކާ ކުރަނިވި ސީރިއަސް ބައްޔެކެވެ.

މަކުނުވިދުރިން ދިފާޢުވުމަށް މިހާރުވެސް 3 ވެކްސިނެއް ބޭނުން ކުރެއެވެ. ނަމަވެސް އެ ވެކްސިންތައް ބޭނުން ކުރުމުގެ ފުރުޞަތު އާންމުކޮށް އޮންނަނީ، ބަލީގެ ނުރައްކާ ބޮޑު ކަމަށް ބަލާ މީހުންނާއި، ބަލިޖެހިފައިވާ މީހުންނާ ގާތުން އެކީ އެއްތާވެފައި ތިބި މީހުންނަށެވެ.

މި ބައްޔަކީ ފަރުވާއެއް ނުކުރިނަމަވެސް އަމިއްލަޒާތުގައި އާންމުކޮށް ފަސޭހަވާ ބައްޔެކެވެ. ކަން އެހެން އޮތް ނަމަވެސް، ބަލި ޖެހުމުން ފުރާނައަށް ނުރައްކާވާ އާބާދީގައި ކުޑަކުދިން ގިނަވުމަކީ ދުނިޔޭގެ ޑަބްލިއުއެޗްއޯއާއި އެފަދަ އެހެން އިދާރާތަކުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.

ނޯޓް: މި ލިޔުމަކީ އަލްޖަޒީރާގައި ޝާއިއުކޮށްފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް