ކ. މާލެ
|
19 އޯގަސްޓް 2024 | ހޯމަ 14:47
އެމްޕޮކްސް ޖެހިފައިވާ މީހެއް
އެމްޕޮކްސް ޖެހިފައިވާ މީހެއް
އޭޕީ
އެމްޕޮކްސް
ފިލިޕީންސް އިން އެމްޕޮކްސް ގެ އާ ކޭސް އެއް ފެނިއްޖެ
އުމުރުން 33 އަހަރުގެ މި މީހާ އަކީ ބޭރު ޤައުމަކަށް ދަތުރުކޮށްފައިވާކަމުގެ އެއްވެސް ރެކޯޑެއް ނެތް މީހެއް ކަމަށް ފިލިޕީންސްގެ އޮފިޝަލުން ބުނެފައިވެއެވެ.

ފިލިޕީންސް އިން މަކުނުވިދުރި ނުވަތަ އެމްޕޮކްސްގެ އައު ކޭސް އެއް ފެނިއްޖެ އެވެ.

ހޯމަ ދުވަހު ސިއްޙީ އޮފިޝަލުން ބުނެފައިވަނީ، ބަލި ފެނުނީ، ވެރި ރަށް މެނީލާއިން، އުމުރުން 33 އަހަރުގެ ފިލީޕީންސްގެ ފިރިހެނެއްގެ ގައިން ކަމަށާއި، އަދި މި މީހާ ބޭރު ޤައުމަކަށް ދަތުރުކޮށްފައިވާކަމުގެ އެއްވެސް ރެކޯޑެއް ނެތް ކަމަށެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން މި ބައްޔަށް ސިއްހީ ކުއްލި ނުރައްކަލުގެ އިންޒާރު ނެރުމާ ގުޅިގެން ގައުމުތަކުން ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް ކުރާ މަސައްކަތް ވަނީ ވަރުގަދަ ކޮށްފައެވެ.

"އެމްޕޮކްސް ވައިރަސް އަޅުގަނޑުމެންގެ ތެރޭގައި ވަނީ އެބައުޅޭ. މިއީ އެންމެންނަށް ދެވޭ އިންޒާރެއް،" ހެލްތު ސެކްރެޓަރީ ޓެޑީ ހާރބޯސާ ނޫސްވެރިންނަށް ބައްދުކުރައްވާ ވިދާޅުވިއެވެ. އަދި 2023 ވަނަ އަހަރު މި ވައިރަހުގެ 9 ކޭސް ފިލިޕީންސް އިން ފެނިފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަލަށް ފިލިޕީންސް އިން ފެނުނު އެމްޕޮކްސް ކޭސް ސިއްޙީ އިދާރާއަށް ރިޕޯޓު ކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ.

"އޭނާ [ބޭރަށް] ދަތުރެއް ނުކުރެ. އޭގެ މާނައަކީ މި ވައިރަސް މިހާރު ފިލިޕީންސްގައި އުޅޭ ކަން،" ހެލްތް ސެކްރެޓަރީ ވިދާޅުވިއެވެ. އެހެން ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމުގެ ދުވަސްވަރު އެޅިފަދަ ފަދަ ބޯޑަރ ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކެއް ނާޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފިލިޕީންސް އިން ފެނިފައިވަނީ އެމްޕޮކްސްގެ ކޮން ބާވަތެއްކަން ދެނެގަތުމަށް ސީކްއުންސް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ފިލިޕީންސްގެ އޮފިޝަލުން ބުނެފައިވަނީ ބައްޔަށް ޝައްކުކުރެވޭ 3 މީހެއްގެ ގައިން ޓެސްޓް ހެދި ކަމަށާއި، އެތަނުން ބައްޔަށް ޕޮސިޓިވް ވީ އެކަކު ކަމަށެވެ.

ބަލިޖެހިފައިވާ މީހުންނާ ކޮންޓެކްޓް ވާ މީހުންގެ ގަޔަށް ފަސޭހައި އަރާ މި ބަލި ފިލިޕީންސް އިން ރިޕޯޓް ކުރުމުން މިއީ ޑަބްލިއުއެޗްއޯ އިން ހެލްތް އިމަރޖެންސީ އިއުލާން ކުރި ފަހުން އޭޝިއާ ސަރަހައްދުން ބަލި އުޅޭ ކަމަށް ރިޕޯޓް ކުރި ދެ ވަނަ ގައުމެވެ. ހުކުރު ދުވަހު ޕާކިސްތާނުގެ ޞިއްޙަތާބެހޭ މިނިސްޓްރީން ވަނީ މެދުއިރުމަތީގެ ގައުމަކުން އައި މީހެއްގެ ގައިން އެމްޕޮކްސް ވައިރަސް ފެނިފައިވާކަން ކަށަވަރުކޮށްދީފައެވެ.

އެފްރިކާ ސަރަހައްދުގެ ބޭރުން ފެނުނު މަކުނު ވިދުރީގެ ފުރަތަމަ ކޭސް ސްވީޑަނުން ފެނިއްޖެ ކަމަށް އިޢުލާނު ކުރީ ބުރާސްފަތި ދުވަހުއެވެ.

މަކުނު ވިދުރި ނުވަތަ އެމްޕޮކްސް ނުވަތަ މަންކީޕޮކްސް އަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާ އެ ޖަމްއިއްޔާ އިން ނެރޭ އެންމެ މަތީ އެލަޓް މި ބައްޔަށް މި ދިޔަ ހަފްތާގެ ބުދަ ދުވަހު ވަނީ ނެރެފައެވެ.

ޑަބްލިޔުއެޗްއޯ އިން މި ބަލީގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އެމްޕޮކްސްގެ އައު ބާވަތެއް މާ ހަލުއިކޮށް ފެތުރެމުންދާތީ އެފްރިކާގެ ސެންޓަރސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން އެފްރިކާގައި އެމްޕޮކްސް އަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް އަންގާރަ ދުވަހު އިއުލާން ކޮށްފައިވަނިކޮށްނެވެ.

ބަލީގެ ނުރައްކާ އެންމެ ބޮޑު ކަމަށް ބެލޭ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން 13،700 އަށްވުރެ ގިނަ އެމްޕޮކްސް ކޭސް އަހަރުގެ މިހާތަނަށް، ފެނިފައިވާއިރު، ޑަބްލިއު.އެޗް.އޯ އިން ބުދަ ދުވަހު ބުނެފައިވަނީ މިއަހަރު ކޮންގޯ ގައި އެމްޕޮކްސްގެ ސަބަބުން 548 މީހުން މަރުވެފައިވާ ކަމަށެވެ.

މި ވައިރަސް މިހާރު ވަނީ ބުރުންޑީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް (ސީއޭއާރު)، ކެންޔާ އަދި ރުވާންޑާ ހިމެނޭ ގޮތުން އެފްރިކާ 13 ޤައުމަކަށް ފެތުރިފައެވެ.

އެމްޕޮކްސް ފެތުރެނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ހަށިގަނޑުން އިންސާނުންގެ ގަޔަށް ނުވަތަ ބަލި ޖެހިފައިވާ އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް