ކ. މާލެ
|
13 ޖޫން 2022 | ހޯމަ 17:30
ކޮވިޑަށް ޓެސްޓުކުރުން
ކޮވިޑަށް ޓެސްޓުކުރުން
ރާއްޖެއެމްވީ
ކޮވިޑް ކޭސްތައް އިތުރުވާންފަށައިފި
ކޮވިޑް ކޭސްތައް އަނެއްކާވެސް އިތުރުވާންފަށައިފި: އެޗްޕީއޭ
ފާއިތުވި ހަފުތާގައި ކޭސްތަކުގެ އަދަދު 69 އިންސައްތަ އިތުރުވިކަމަށް އެޗްޕީއޭއިން ބުނޭ

ފާއިތުވި މަސްތަކުގައި ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް މަދުވެފައި އޮތުމަށްފަހު އަނެއްކާ ވެސް އިތުރުވާންފަށާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ފާއިތުވި ހަފުތާގައި ރާއްޖޭން 142 ކޭސް ފެނިފައިވާ ކަމަށެވެ. އެއީ އޭގެ ކުރީ ހަފުތާއާ އަޅައިބަލާއިރު 69 އިންސައްތައިގެ އިތުރުވުމެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑުގެ ކޭސްތައް އިތުރުވުމާއެކު ސާމްޕަލް ޕޮޒިޓިވިޓީއާއި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން މެއި މަހު ކޮވިޑު ޖެހިގެން 15 މީހުން އެޑްމިޓްކުރިއިރު ޖޫންމަހުގެ 12 ވަނަ ދުވަހާ ހަމައަށް އެކަނިވެސް 11 މީހުން އެޑްމިޓްކޮށްފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

އެޗްޕީއޭއިން ވަނީ ރާއްޖޭގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވިޔަނުދިނުމަށް ސަމާލުކަންދޭންވީ ކަންކަން ވެސް ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ:

  1. ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓް ކުރުން.
  2. ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތަކާއި، ބަލީގެ ސަބަބުން ނުރައްކާވެދާނެ ފަރާތްތަކާއި، އަދި ސިއްހީ ޚިދުމަތްދޭ ތަންތަނުގައި އުޅޭއިރު މާސްކު އެޅުން.
  3. ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ އެކަހެރިވުމާއި، ކޮންޓެކްޓުންގެ މައުލޫމާތު ފޯރުކޮށްދިނުން.
  4. ވެކްސިން ޑޯޒްތައް ފުރިހަމަނުވާ ފަރާތްތަކުން ޑޯޒުތައް ފުރިހަމަކުރުން.

އެޗްޕީއޭއިން ބުނީ ދުނިޔޭގައި އަދިވެސް ކޮވިޑުގެ ހާލަތު ދެމިއޮތުމާއެކު ބައެއް ގައުމުތަކުގައި މިހާރުވެސް ހާލަތު ގޯސްވަމުންދާކަމަށެވެ. ނަމަވެސް ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަނުދިނުމަށް ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް