މާލޭގެ ސްކޫލްތަކެއްގައި ޓީބީ ފެތުރެމުންދާކަމަށް ބައެއް މީޑިއާތަކުން ދެއްކި ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފިއެވެ.
ސީއެޗްއެސްސީގެ ކުއްޖަކު ޓީބީއަށް ޕޮޒިޓިވްވެ އެ ސްކޫލުގެ ހުރިހާ ކުދިން އެ ބައްޔަށް ޓެސްޓު ކުރަމުންދާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. މި ވާހަކަތައް ދޮގުކޮށް އެޑިއުކޭޝަން މިނިސްޓްރީން ހޯމަ ދުވަހު ނެރުނު ބަޔާނުގައި ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ދޭތެރެދޭތެރެއިން ދަރިވަރުން ޓީބީއަށް ޓެސްޓް ކުރާ ކަމަށެެވެ. އަދި މިއަހަރުވެސް އެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޓީބީ އަކީ ރާއްޖޭން ފެނިފައިވާ ގައިންގަޔަށް އަރާ ބައްޔަކަށްވާއިރު އެކި އުމުރުފުރާގެ ސްކޫލް ކުދިން މަދުން ނަމަވެސް އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ސްކޫލްތަކުގައި ޓީބީ ފެތުރޭ ކަމަށް ދެކެވެމުން ދާ ވާހަކަތަކަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދިދާނެ ފަދަ ކަންކަމަށްވާތީ ހަގީގަތެއް ނެތް އެފަދަ ވާހަކަތައް ނުފެތުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.