ކ. މާލެ
|
26 މެއި 2022 | ބުރާސްފަތި 22:59
މާޗް މަހު ސައުދީ އަށް ވަނީ ތެލުގެ އެކްސްޕޯޓުން 30 ބިލިއަން ޑޮލަރު ލިބިފައި
މާޗް މަހު ސައުދީ އަށް ވަނީ ތެލުގެ އެކްސްޕޯޓުން 30 ބިލިއަން ޑޮލަރު ލިބިފައި
ރޮއިޓަސް
ސައުދީއަށް ތެލުގެ އެކްސްޕޯޓުން ލިބޭ އާމްދަނީ އިތުރ
ސާފު ނުކުރާ ތެލުގެ އެކްސްޕޯޓުން ސައުދީއަށް ދުވާލަކަށް 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް
މާރޗު މަހު އެގައުމުން ކުރި އެކްސްޕޯޓްގެ 80 އިންސައްތަ ހިއްސާކުރަނީ ތެޔޮ
ތެލުން ލިބޭ އާމްދަނީ އިތުރުވުމާއެކު ޖެނުއަރީން މާޗަށް ސައުދީއަށް ލިބުނު އާމްދަނީއާއެކު އެގައުމުގެ ބަޖެޓަށް 15 ބިލިއަން ޑޮލަރުގެ ސަރޕްލަސް އެއް ވަނީ ލިބިފައި
މާރޗް މަހު ސައުދީން މާކެޓަށް ނެރުނު ސާފު ނުކުރާ ތެޔޮ ފީފާގެ އަދަދު ވަނީ 10.3 މިލިއަނަށް އަރާފައި

ސައުދީއަރަބިއްޔާ އިން އެކްސްޕޯޓްކުރާ ތެލުގެ އަދަދު އިތުރުވެ، އެގައުމުން މިހާރު އެކްސްޕޯޓްކުރާ ސާފުނުކުރާ ތެލުން ދުވާލެއްގެ މައްޗަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ކަމަށް ރިޕޯޓުކޮށްފިއެވެ.

ސައުދީގެ ސްޓެޓިސްޓިކްސް އޮފީހާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މާޗް މަހު އެގައުމަށް ތެލުގެ އެކްސްޕޯޓުން 30 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ ފާއިތުވި ހަ އަހަރުގެ ތެރޭގައި އެގައުމުގެ ތެލުގެ އެކްސްޕޯޓު މިހާ މަތިވި ފުރަތަމަ ފަހަރެވެ.

ސައުދީގެ ތެލުގެ އެކްސްޕޯޓަށް މިހާ ބޮޑު ބަދަލެއް އައިސްފައި މިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި އެގައުމުން ބާޒާރަށްނެރޭ ތެލުގެ މިންވަރު އިތުރުވުމުންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މާރޗް މަހު ސައުދީން އުފެއްދި ސާފު ނުކުރާ ތެޔޮ ފީފާގެ އަދަދު ވަނީ 10.3 މިލިއަނަށް އަރާފައެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމަ އާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 50 އިންސައްތައާ ގާތްކުރާ އަދަދަކަށް ވަނީ އުފުލިފައެވެ.

ތެލުން ލިބޭ އާމްދަނީ އިތުރުވުމާއެކު ޖެނުއަރީން މާޗަށް ސައުދީއަށް ލިބުނު އާމްދަނީއާއެކު އެގައުމުގެ ބަޖެޓަށް 15 ބިލިއަން ޑޮލަރުގެ ސަރޕްލަސް އެއް ވަނީ ލިބިފައެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ ސައުދީގެ އިގުތިސާދަކީ މިއަހަރު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުންދާ ބޮޑު އިގުތިސާދުކަމަށް ފާހަގަކޮށްފައެވެ.

ސައުދީން ތެޔޮ ގަންނަ ގައުމުތަކުގެ ތެރެއިން ލިސްޓުގެ އެންމެ ކުރީގައި އުޅޭ ފަސް ގައުމަކީ މުޅި ދުނިޔެއިންވެސް އެންމެ ގިނަ އަދަދަކަށް ތެޔޮ ގަންނަ ފަސް ގައުމެވެ. އެއީ ޗައިނާ، އިންޑިއާ، ޖަޕާން އަދި ދެކުނު ކޮރިއާގެ އިތުރުން އެމެރިކާއެވެ.

ސައުދީގެ އެކްސްޕޯޓް މާޗު މަހު 93 އިންސައްތަ އިތުރުވެފައިވާއިރު، މާޗު މަހު އެގައުމުން ކުރި އެކްސްޕޯޓްގެ 80 އިންސައްތަ ހިއްސާކުރަނީ ތެލެވެ.

- ކޮމެންޓް