ބުދަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން މާލޭގެ 2 ސަރަޙައްދަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އަންގާރަ ދުވަހުގެ ރޭ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ދުނބުރި މިސްކިތް ހުންނަ ސަރަޙައްދާއި އަރަބިއްޔާ ފްލެޓްތައް ހުންނަ ސަރަޙައްދުން ހެނދުނު 9:00 އިން ފެށިގެން 35 މިނެޓަށް ކަރަންޓު ކެނޑޭނެ ކަމަށެވެ. އެވަގުތު ކަރަންޓު ކަނޑާލަނީ ފީޑަރުތަކުގެ ލޯޑު އެއްވަރެއްގައި ހިފެހެއްޓުމަށް ބޭނުންވާ މުހިންމު މަސައްކަތެއް ކުރަން ޖެހޭތީ ކަމަށް ޝަރީފު ވިދާޅުވިއެވެ.
އަންގާރަ ދުވަހު ހެނދުނު މުޅި މާލެއިން ކަރަންޓު ގޮސްފައިވާއިރު އެއީ ސްޓެލްކޯގެ މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ވީކަމެއް ކަމަށް ޝަރީފު ވިދާޅުވިއެވެ. ކޭބަލަށް ގެއްލުންވެފައިވަނީ މަގު ކޮނުމުގެ ތެރޭގައި ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ މައްސަލަ އެއްކޮށް ހައްލު ނުވާ ކަމަށާއި މައްސަލަ އެއްކޮށް ހައްލުކުރަން 2 ދުވަސް ނަގާނެ ކަމަށް ވެސް އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މައްސަލަ އެއްކޮށް ހައްލު ނުވާތީ ފީޑަރުތަކުގެ ލޯޑު އެއްވަރެއްގައި ހިފަހައްޓަން ދޭތެރެ ދޭތެރެއިން މާލޭގެ އެކި ސަރަޙައްދުތަކުން ކަރަންޓު ކަނޑާލަން ޖެހޭނެ ކަމަށެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ޝަރީފު ވަނީ ފަރާތުން މަޢާފަށް އެދިވަޑައިގެންފައެވެ.