ކ. މާލެ
|
23 މެއި 2022 | ހޯމަ 22:34
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
ރާއްޖެއެމްވީ
ޑަބްލިއުޑީސީ އިންތިޚާބުތައް
ޑަބްލިއުޑީސީގެ ބައި އިލެކްޝަންތައް ބާއްވަން ޖެހޭތީ، ބަޖެޓް ހުސްވާން ކައިރިވަނީ: އީސީ
ކޮންމެ ބައި އިލެކްޝަނަކަށް 150،000 ރުފިޔާ ޚަރަދުވާކަމަށް ވިދާޅުވި
ގިނަ މެމްބަރުން އަންހެނުންގެ ކޮމިޓީގައި ތިބެނީ ބޭނުންނުވެ ކަމަށް ފުއާދު ވިދާޅުވި
އަހަރަކު ދެ ފަހަރު، ނުވަތަ ދައުރެއްގެ ތެރޭގައި ދެ އިންތިޚާބު ބާއްވާގޮތަށް ހަދައި ދިނުމަށް ވަނީ އެދިފައި

ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑިސީ)ގެ ބައި އިލެކްޝަންތައް ގިނަވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓް، މިއަހަރު ނިމުމުގެ ކުރިން ހުސްވެދާނެކަމަށް އެ އިދާރާއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ކޮންމެ މަހަކު ވެސް ޑަބްލިއުޑީސީގެ 3 މެމްބަރުން މަދުވެގެން އިސްތިއުފާދޭ ކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި އެ މަގާމުތަކަށް ބައިލެކްޝަން ބާއްވަންޖެހޭއިރު ކޮންމެ ފަހަރަކު އިންތިޚާބު ބާއްވަން 150،000 ރުފިޔާ ޚަރަދުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ބައި އިލެކްޝަންތަކުގެ ބަޖެޓް ބޮޑުނުކުރަން ފިނޭންސް މިނިސްޓްރީން އަންގާފައިވާކަން ފާހަގަ ކުރައްވައި ފުއާދު ވިދާޅުވީ، ދޫކުރާ ބަޖެޓަށްވުރެ މަސައްކަތްތައް މިހާރު ބޮޑުވެފައިވާ ކަމަށެވެ. އަދި އެގޮތަށް ކަންކަން ކުރިއަށްދާނަމަ އަންނަ ޖުލައި ނުވަތަ އޮގަސްޓް މަހާ ހިސާބުގައި މުޅި ބަޖެޓް ހުސްވެދާނެކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

އިދާރީ ކަންކަމަށް ބޭނުންކުރާ ބަޖެޓުން ބައި އިލެކްޝަންތައް ބާއްވަން ފިނޭންސް މިނިސްޓްރީން އަންގާފައި ވަނީ. އެ ދާގޮތަށް ދަންޏާ ގާތްގަނޑަކަށް ޖުލައި، އޮގަސްޓް ހިސާބުގައި މުޅި ބަޖެޓް ހުސްވާނެ.
އީސީގެ ރައީސް ފުއާދު ތައުފީގު

ފުއާދު ވިދާޅުވި ގޮތުގައި، އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓް އެއްކޮށް ހުސްވަނީ ބައި އިލެކްޝަން ބޭއްވުމަށެވެ. އޭގެ ސަބަބުން އެ ކޮމިޝަނުގެ ތަރައްގީއަށް އެއްވެސް މަސައްކަތެއް ނުކުރެވޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފުއާދު ވިދާޅުވީ ޑަބްލިއުޑީސީގެ މެމްބަރުން އިސްތިއުފާދޭ ސަބަބުތައް ދެނެގަންނަން މަސައްކަތް ކުރަމުން އަންނަކަމަށާއި، އެގޮތުން ބައެއް ރަށްރަށުގެ ފަރާތްތަކާ ބައްދަލުކުރުމުން ގިނައިން ތިބީ އެހާ ބޮޑަށް މަގާމު ބޭނުންވެގެން އަންނަ މެމްބަރުން ނޫންކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ބައެއް ރަށްތަކުން އެ މަގާމުތަކަށް ލާނެ މީހުން ނުވާކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އަންހެނުން ކޮމިޓީއަށް ވަޑައިގެންނެވެނީ އެކަމަށް އެހާ ބޮޑަަކަށް ބޭނުންވެގެން ތިބޭ ބައެއް ނޫން. އެހެންނަމަވެސް އަޅުގަނޑުމެން އިންތިޚާބު ބާއްވަން އަޅުގަނޑުމެން ކުރާ ޕްރެޝަރާ، މަޖިލިސްގެ ބައެއް މެމްބަރުން ކުރާ ޕްރެޝަރާ، އަދި ރަށުގެ ބައެއް މީހުން ކުރާ ޕްރެޝަރުގެ ސަބަބުން ކުރިމަތި މިލަނީ. އެހާ ބޮޑަކަށް ބޭނުންވެގެން ތިބެގެނެއްނޫން.
އީސީގެ ރައީސް ފުއާދު ތައުފީގު

ޚަރަދު ކުޑަކުރުމަށް އީސީން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރުންގެ ލަފަޔާއެކު ދެ ގޮތަކަށް ގާނޫނު އިސްލާހުކޮށްދިނުމަށް އެދިފައެވެ. އެގޮތުން، އިސްތިއުފާދޭ ކޮންމެ ފަހަރަކު އިންތިޚާބު ބޭއްވުމުގެ ބަދަލުގައި، އަހަރަކު ދެ ފަހަރު ނުވަތަ ދައުރެއްގެ ތެރޭގައި ދެ އިންތިޚާބު ބާއްވާގޮތަށް ހަދައިދިނުމަށް ވަނީ އެދިފައެވެ.


Advertisement
- ކޮމެންޓް