ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާ ގުޅިގެން އެގައުމަށް ބޭރުގެ އެހީ ހޯދައިދިނުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވުމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ހަމަޖައްސަވައިފިއެވެ.
ރައީސް ނަޝީދަށް މި މަސްއޫލިއްޔަތު ހަވާލުކުރައްވާފައިވަނީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ އެވެ.
ބުރާސްފަތި ދުވަހު ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ ރައީސް ނަޝީދާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. މިބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ލަންކާއަށް މިހާރު ބޭނުންވާ ބޭރުގެ އެހީ ހޯދައި ދިނުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިކަމަށް ލަންކާގެ ބޮޑުވަޒީރުގެ އޮފީހުން ބުނެއެވެ.
އެއާއެކު ރައީސް ނަޝީދަށް ޝުކުރު އަދާކުރައްވާ ބޮޑުވަޒީރު ވަނީ ލަންކާއަށް ބޭރުގެ އެހީ ހޯދުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވުމަށް އެމަނިކުފާނު އައްޔަނުކުރައްވާފައިކަމަށް ވެސް ލަންކާގެ ބޮޑުވަޒީރުގެ އޮފީހުން ބުނެއެވެ.
ލަންކާއަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ކާރިސާގައި ކުރިއަށް އޮތް ދުވަސްތަކީ ދަތި އުދަނގޫ ދުވަސްތަކަކަށް ވާނެ ކަމަށް ބޮޑުވަޒީރު ވިކްރަމަސިންގހަ ވިދާޅުވެފައިވެއެވެ. އަދި ލަންކާއަށް ބޭނުންވާ ޒާރޫރީ މުދާ ގެނައުމަށް ޚަރަދުކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވީހާވެސް އަވަހަށް 75 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް ވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.
ލަންކާގެ އިގްތިސާދީ ކާރިސާއަކީ އެގައުމަށް މިނިވަންކަން ލިބުނު ފަހުން ކުރިމަތިވެފައިވާ އެންމެ ބޮޑު އިގްތިސާދީ ކާރިސާއެވެ.