ކ. މާލެ
|
17 މެއި 2022 | އަންގާރަ 21:53
ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވި ރާއްޖޭގެ ވަފުދު
ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވި ރާއްޖޭގެ ވަފުދު
ހެލްތު މިނިސްޓްރީ
ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުން
ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
 
މިއީ މި މަހުގެ 17 އަދި 19ގައި ކުރިއަށްދާ ބައްދަލުވުމެއް

އަންގާރަ ދުވަހު ފެށި ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި މަހުގެ 17 އަދި 19 މި ދެ ދުވަހު ބާއްވާ މި ބައްދަލުވުން މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ބާއްވަމުންގެންދަނީ ވަރޗުއަލްކޮށެވެ. ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް ބޭއްވޭ ވޯލްޑް ހެލްތު އެސެމްބްލީގެ ކުރިން ބާއްވާ ބައްދަލުވުމެކެވެ.

މިއަހަރުގެ ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ޑރ. ޝާހް އަބްދުﷲ މާހިރެވެ. މީގެ އިތުރުން ޑިރެކްޓަރ ޖެނެރަލް ފޯރ ހެލްތު ސާރވިސަސް ޑރ. އަހުމަދު އަޝްރަފްއާއި އެސިސްޓަންޓް ޑިރެކްޓަރ ފާތިމަތު ލިމްޔާ ބައިވެރިވެވަޑައިގެންނަވައެވެ.

މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ކަނޑައެޅިފައިވާ ޚާއްސަ މައުޟޫއަކީ "ދަ ރޯޑް ޓު ކޮވިޑް-19 ރިކަވަރީ - ލެސަން ލަރންޓް ފޯރ ބިލްޑިންގ ހެލްތު ސިސްޓަމް ރެޒިލިއަންސް ޓު އެޑްވާންސް ޔުނިވަރސަލް ހެލްތު ކަވަރޭޖް އެންޑް ގްލޯބަލް ހެލްތު ސެކިއުރިޓީ އިން ދަ ކޮމަންވެލްތު"އެވެ.

މި މައުޟޫއާ ގުޅިގެން ސްޓޭޓް މިނިސްޓަރ ޑރ. ޝާހު ވަނީ ތަގުރީރު ކުރައްވާފައެވެ. މި ތަގުރީރުގައި އެމަނިކުފާނު ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ދިވެހިރާއްޖެއިން ކުރި ބުރަ މަސައްކަތާއި، މިފަދަ ކަންކަމުން އަރައިގަތުމަށްޓަކައި އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކާމެދު ވާހަކަފުޅު ދައްކަވާފައެވެ. އަދި މީގެއިތުރުން، ކުދި އަދި މެދު ފަންތީގެ ގައުމުތަކުގެ އިގުތިސާދަށް ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ނޭދެވޭ އަސަރުތައް ފާހަގަކުރައްވައި، މިފަދަ ކަންކަމުން އަރައި ގަތުމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތި ވެދާނޭ މިފަދަ ކާރިސާ ތަކުން ރައްކާތެރިވުމަށް ދުރާލައި މަސައްކަތްކުރަން ޖެހިވަޑައިގަންނަވާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.   

އަދި މި ބައްދަލުވުމުގައި ކުރިއަށްގެންދިޔަ ބްރޭކްއައުޓް ސެޝަންގައި އެހެން ގައުމުތަކުން ކޮވިޑް-19ގެ ހާލަތު މެނޭޖްކުރުމަށް އަމަލު ކުރަމުންގެންދާގޮތާއި، ކޮވިޑް-19 ފަދަ ސިއްހީ ބޮޑެތި ކާރިސާތަކުގައި ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށްޓައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކޮވިޑް-19ގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އެކިއެކި އަސަރުތަކާއި އޭގެއިން ރައްކާތެރިވުމަށް ގައުމުތަކުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންތައްފަދަ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި މިކަންތައްތަކާ ގުޅޭގޮތުން ރާއްޖޭގެ ފަރާތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މިބައްދަލުވުމުގައި ކޮމަންވެލްތުގެ ހެލްތު މިނިސްޓަރުންނާއި ސިއްހީ ދާއިރާގެ އިސް ފަރާތްތަކާ ދެމެދު ސިއްހަތާބެހޭގޮތުން މުހިންމު ބައިނަލް އަގުވާމީ މަޝްވަރާތައް ކުރެވޭނެއެވެ. ދެ ދުވަހަށް ކުރިއަށްދާ މިބައްދަލުވުން ނިމިގެންދާނީ މިބައްދަލުވުމުގެ މައުޟޫއާއިގުޅޭ "މިނިސްޓީރިލް އައުޓްކަމް ސްޓޭޓްމަންޓް"އަށް މެމްބަރު ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ މެދުގައި އެއްބަސްވެވަޑައިގަތުމަށްފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް