ކ. މާލެ
|
16 މެއި 2022 | ހޯމަ 10:26
އޮންލައިން ވިޔަފާރީގެ މުއާމަލާތެއް ކުރިއަށްދާ މަންޒަރު ދައްކައިދޭ ފޮޓޯއެއް
އޮންލައިން ވިޔަފާރީގެ މުއާމަލާތެއް ކުރިއަށްދާ މަންޒަރު ދައްކައިދޭ ފޮޓޯއެއް
-
ދީނުގެމަގު
ވިޔަފާރި ކުރުމުގައި އިހުސާންތެރިވުން
 
އެއްވެސް މީހަކީ ދިރިއުޅުމަށް ބޭނުންވާ ހުރިހާ ތަކެތި އެމީހަކު އަމިއްލައަށް އުފައްދާ މީހެއް ނޫން
 
ވިޔަފާރީގައި ދީލަތިކަމާއި، އިހުސާންތެރިކަމުގެ އުސޫލު ގެންގުޅުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅާ ކަމެއް

ދިރިއުޅުމުގެ އެކި އެކި ބޭނުންތައް ފުއްދުމުގައި، އިންސާނުންނަކީ އެކަކު އަނެކަކާ ތަފާތު މުޢާމަލާތް ހިންގަން ޖެހޭ ބައެކެވެ. އެންމެ ގިނައިން ކުރަންޖެހޭ މުޢާމަލާތުގެ ތެރޭގައި ވިޔަފާރީގެ އެކި އެކި މުއާމަލާތް ހިމެނެއެވެ.

އިންސާނީ ޖަމާއަތުގައި ކަންތައްތައް ހަމަޖެހިފައިވާ ގޮތުން، ކޮންމެ މީހަކީ ދިރިއުޅުމަށް ބޭނުންވާ ހުރިހާ ތަކެތި އެމީހަކު އަމިއްލައަށް އުފައްދާ މީހެއް ނޫނެވެ. އެހެން ކަމުން ކެއިން ބުއިމަށާއި، ގެދޮރު އެޅުމަށާއި، ދިރިއުޅުމުގެ ތަފާތު ކަންކަމަށް ބޭނުންވާ ތަކެތި ޖެހެނީ އެތަކެތި ވިއްކާ ފަރާތްތަކުން ގަންނާށެވެ. ވިޔަފާރިވެރިން ވިޔަފާރި ކުރަނީވެސް ރިޒުޤު ހޯދުމުގެ މަޤްސަދުގައެވެ. އެހެންކަމައެކު، ވިޔަފާރިވެރިންނާއި އެމީހުންގެ އަތުން ތަފާތު ބާވަތްބާވަތުގެ ތަކެތި ގަންނަ މީހުން ދެމެދު ހިނގާ މުޢާމަލާތް ހަމަޖެހޭ ރަނގަޅު އުސޫލެއްގެ މަތިން ހިނގައިގެން މެނުވީ، ދެ ފަރާތަށް ފައިދާހުރި ގޮތެއްގައި އެކަން ހިނގަމަކުން ނުދާނެވެ.

މާތްވެގެންވާ އިސްލާމްދީނުގައިވަނީ، ދިރިއުޅުމުގެ މި މުހިއްމު ދާއިރާގެ ކަންތައްތައްވެސް އަފްރާދުންނާއި މުޖުތަމައު އަށް އެންމެ ފައިދާހުރި ގޮތުގައި ހަމަޖައްސާފައެވެ. އަދި އެއީ، ނިކަމެތީންގެ ހައްގުތައް ވަރަށް ޚާއްސަ ގޮތެއްގައި ރައްކާތެރިކޮށްދޭ ދީނަކަށް ވުމާއެކު، ވިޔަފާރީގެ މުޢާމަލާތުގައި ވެސް ދީލަތިކަމާއި، އިހުސާންތެރިކަމުގެ އުސޫލު ގެންގުޅުމަށް ވަނީ، އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ.

މިކަމުގައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އުއްމަތަށް ދެއްވާފައިވާ އިރުޝާދުތައް ގިނަގުނަ ވެފައި މަތިވެރިއެވެ. ޖާބިރު ރަޟިޔަﷲ އަންޙް ރިވާ ކުރެއްވި ޙަދީޘް އެއްގައި ކީރިތި ރަސޫލާ ވިދާޅުވެފައިވެއެވެ. "އެމީހަކު (އެއްޗެއް) ގަންނަ ހިނދު ނުވަތަ ވިއްކާ ހިނދު، ނުވަތަ ދައުވާއެއް ކުރާ ހިނދު، އެކަމުގައި ދީލަތިވެއްޖެ މީހާއަށް ﷲ ރަހުމަތް ލައްވާނެތެވެ."

މުރާދަކީ، ގަނެވިއްކުމާއި، އެކި އެކި މައްސަލަތަކުގައި ދައުވާ ކުރުމާއި މިފަދަ ކޮންމެ ކަމެއްގައިމެ ހަރުކަށިކަން ދޫކޮށްލައި، އެއިން ކޮންމެ ކަމެއްގައި ވެސް މަޑުމަތިރި ކަމާއި އިހުސާންތެރިކަމުގެ އުސޫލު ގެންގުޅުމަކީ، ﷲ އެމީހަކަށް ފާފަ ފުއްސަވަައި، ރަހުމަތް ލައްވައި ސަވާބު ދެއްވާނެ ކަމެކެވެ.

ނޯޓް: ދީނުގެމަގު މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފްތާއަކު އެއްފަހަރު އެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް