ކ. މާލެ
|
29 އޭޕްރިލް 2023 | ހޮނިހިރު 16:01
ފެމިލީ ކޯޓު
ފެމިލީ ކޯޓު
ގޫގުލް
ދީނުގެ މަގު
ކާވެންޏަށް ލޯބިކުރާށެވެ.
މާތް ﷲއަށް ބިރުވެތިވެ މި ޒިންމާތައް އުފުލުމުގައި ދެމިހުރެއްޖެ ކޮންމެ މީހެއްގެ ހިތުގައި ލޯތްބާއި ކުލުނުވެރިކަން އުފެދުން ވެސް އެކަލާނގެ ވަނީ ކާވެނީގެ ތެރޭގައި ލައްވައިފައި

އުފަލާއި މަޖާ، އަރާމާއި ހިތްގައިމުކަން މިއީ މުޅިން ވެސް އިންސާނާގެ ނަފުސު އޭނާއަށް ޒީނަތްތެރިކޮށްދޭ ކަންކަމެވެ. އޭނާގެ ޠަބީޢަތުގައި އެ ކަންކަމަށް ލެނބުމުގެ އިޙުސާސްތަކެއް މާތް ﷲ ލައްވައިފައި ވެއެވެ. އެ އިޙުސާސްތަކަކީ އޭނާއަށް ކުރިމަތިވާ އިމްތިޙާނެއް ކަމުގައި ލެއްވެވިއެވެ.

އިންސާނުންނަށް އޮތް އެންމެ ބޮޑު އެއް އިމްތިޙާނަކީ އޭނާގެ ކިބައިގައި ލައްވައިފައިވާ ޝަހުވަތްތެރިކަމުގެ ޣަޒީރާއެވެ. އެ ކަމުގައި ޖިސްމަށް ލިބޭ އުފަލަކާއި ހިތްގައިމުކަމެއް ވެއެވެ. ބުއްދި ފުރާފުރިހަމަވެފައި ހުރި އެއްވެސް އިންސާނަކަށް އެއީ ދުރުގައި ހުރެވޭނެ ކަމެއް ނޫނެވެ. މި ޒަމާނުގައި ސައިންސް ވެސް ކިޔައިދޭ ޙަޤީޤަތަކީ އިންސާނާގެ ހަށިގަނޑު ދުޅަހެޔޮ ރަނގަޅު ޞިއްޙަތެއްގައި ބެހެއްޓުމަށް ޝަހުވާނީ އެދުން ފުދިފައި ހުންނަން ޖެހޭކަމެވެ.

މާތް ﷲ އިންސާނުންގެ ހުރިހާ ޙަޤީޤަތެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ޙާލު، އެކަން އިމްތިޙާނެއްގެ ގޮތުގައި ލައްވައިފައިވަނީ ބިރުވެތިވާ އަޅުންނަށް އެންމެ މަތީ ދަރަޖައިގައި ފާސް ވެވޭނެ މަގުތައް އެ ކަމުގައި ލެއްވުމަށް ފަހުގައެވެ. އެއީ ކާވެންޏެވެ. ކާވެންޏަކީ ޝަރުޢީ އުފަލެކެވެ. ޖިންސީ ޣަޒީރާ ހުއްދަ ގޮތުގައި ފުއްދުމަށް އޮތް މަގެކެވެ.

ދެ ޖިންސުގެ މީހުން ޝަހުވާނީ އެދުން ފުއްދުމުގައި ހައްދުފަހަނައަޅައި ގޮސްފައިވާ މިފަދަ ޒަމާނެއްގައި ކާވެނީގެ އަހަންމިއްޔަތާއި އޭގެ ފައިދާ މީސްތަކުންނަށް ހަނދާންކޮށްދޭން އެބަޖެހެއެވެ. ކާވެންޏާ ނުލައި މިކަމުގައި ކުރެވޭނީ ފާފައެވެ.

ކާވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމަކީ ޢަދާވާތްތެރިކަމާއި ނަފުރަތުގެ ދޮރުތައް ހުޅުވޭ ކަމެކެވެ. ފިތުނައިގެ ހުޅުގަނޑު ކޮންމެ އިިރަކު ވެސް ރޯވެދާނެ ކަމުގެ ބިރު އެފަދަ މީހުންގެ ހިތުގައި އަބަދު އޮންނާނެއެވެ. އެއީ ޒިންމާއާ ނުލާ އެދުންވެރިކަމުގެ ލައްޒަތަށް އެކަނި ވިސްނާތީއެވެ.

ކާވެންޏަކީ ޝަރުޢީ އުފަލެއް ކަމުގައި ވަނީ، އޭގައި ދެމަފިރިންނަށް ޒިންމާތަކެއް މަތިކުރުވާތީއެވެ. އެކަކު އަނެކަކަށް ޚިދުމަތްތެރިވުމުގެ ޒިންމާއެވެ. މާތް ﷲއަށް ބިރުވެތިވެ މި ޒިންމާތައް އުފުލުމުގައި ދެމިހުރެއްޖެ ކޮންމެ މީހެއްގެ ހިތުގައި ލޯތްބާއި ކުލުނުވެރިކަން އުފެދުން ވެސް އެކަލާނގެ ވަނީ ކާވެނީގެ ތެރޭގައި ލައްވައިފައެވެ.

މާތްﷲ ވަޙީކުރެއްވިއެވެ."ތިޔަބައިމީހުންނަށް ޓަކައި ހަމަ ތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށް ޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ."

ވިސްނާ ފިކުރު ކުރާށެވެ. ކާވެނީގެ ބޭރުން ޖިންސީގުޅުން ހިންގުމަށް ނުރުހުންތެރިވާށެވެ. ކާވެންޏަށް ލޯބިކުރާށެވެ.

ނޯޓް: "ދީނުގެމަގު" މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފުތާއަކު އެއްފަހަރުއެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

- ކޮމެންޓް