ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އައު ރައީސް، އަބޫދާބީގެ ވެރިޔާ އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ ޝައިޚް މުހައްމަދު ބިން ޒާއިދު އާލް ނަހްޔާނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ، ޔޫ.އޭ.އީގެ ކުރީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާރމްޑް ފޯރސަސްގެ ސުޕްރީމް ކޮމާންޑަރ އައްޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާގުޅިގެން އެ މަރްހޫމްގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށާއި، އެ އާއިލާގެ ހިތާމައިގައި ބައިވެރިވެރިވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ޔޫ.އޭ.އީއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އޭ.އީގެ އައު ރައީސާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީތީ އުފާކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ޔޫ.އޭ.އީގެ ކުރީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާރމްޑް ފޯރސަސްގެ ސުޕްރީމް ކޮމާންޑަރ އައްޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުކަން ފާހަގަކުރައްވައި، އެ މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން ދުއާކުރައްވައި، މަރްހޫމްގެ އާއިލާއާއި ޔޫ.އޭ.އީގެ ރައްޔިތުންނަށް އެމަނިކުފާނުގެ އިޚްލާސްތެރި ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޝައިޚު އަލް މަރްހޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ހަނދާންތައް އައުކުރެވިގެންދާނީ އެ މަނިކުފާނުގެ ބައްޕާފުޅު ފަދައިން، ތަހުޒީބާއި ގައުމީ އެއްބައިވަންތަކަން ގެނެސްދެއްވި އަލިގަދަ ދަންމަރެއްގެ ގޮތުގައިކަމުގައި ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުމަށް ދުއާކުރައްވައި، މި ހިތާމަވެރި ދަނޑިވަޅުގައި މަރްހޫމްގެ އާއިލާއަށާއި ޔޫ.އޭ.އީގެ ރައްޔިތުންނަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އަބޫދާބީގެ ވެރިޔާ އަދި ޔޫ.އޭ.އީގެ އާރމްޑް ފޯރސަސްގެ ސުޕްރީމް ކޮމާންޑަރ ޝައިޚް މުހައްމަދު ބިން ޒާއިދު އާލް ނަޙްޔާން، ޔޫ.އޭ.އީ.ގެ ރައީސްގެ މަގާމާ ހަވާލުވެގެންނެވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާވިދާޅުވެ، އެމަނިކުފާނުގެ އެންމެހާ ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.