Advertisement
ކ. މާލެ
|
15 މެއި 2022 | އާދީއްތަ 08:21
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްއަކަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ރޮޒައިނާ އާދަމް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްއަކަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ރޮޒައިނާ އާދަމް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ
ރާއްޖެއެމްވީ
އެމްޑީޕީ އެތެރޭގެ އިންތިޚާބު
އިންތިޚާބުން ހާމަވީ ޕާޓީ އުފެދުނު މަޤްސަދާ އެއްގޮތަށް ޕާޓީގެ މެމްބަރުން ތިބިކަން: ރޮޒައިނާ
ރޮޒައިނާ ވަނީ ޕާޓީގެ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައި
އިންތިޚާބުގެ ނަތީޖާއިން ޕާޓީ ބަދަލުވަމުން އަންނަކަން ފާހަގަވާ ކަަމަށް ވިދާޅުވި

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުން ހާމަވީ އެ ޕާޓީގެ އާއްމު މެމްބަރުން ތިބީ ޕާޓީ އުފެދުނު މަޤްސަދާ އެއްގޮތައްކަން ކަމުގައި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްއަކަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީއާ ގުޅޭ ގޮތުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރޮޒައިނާ ވިދާޅުވީ، އެމްޑީޕީ ބަދަލުވަމުން އަންނަކަން އިންތިޚާބުން އެނގޭ ކަމަށެވެ. އެމްޑީޕީއަކީ ޑިމޮކްރެޓިކް އުސޫލުތަކަށް ލޯބިކުރާ ޕާޓީއެއް ކަމަށާއި އިންތިޚާބުގެ ނަތީޖާއާއެކު އާއްމު މެމްބަރުން ދީފައިވަނީ ވަރަށް ބޮޑު މެސެޖެއް ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

Advertisement

ރޮޒައިނާ ވަނީ އެ މެސެޖު އަޑުއައްސަވައި އޭނާއާއެކު އިންތިޚާބުގައި ވާދަ ކުރެއްވި ހުރިހާ މެމްބަރުން ގުޅިގެން ޕާޓީ ހިންގަން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ އަސްލު އުފެދުނު މަޤުސަދާ އެއްގޮތަށް މި ޕާޓީގެ މެޖޯރިޓީ މެމްބަރުން ތިބިގެން މި އިންތިޚާބުން ފާހަގަކުރެވުނީ. އެއީ ވަރަށް ބޮޑު މެސެޖެއް. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އެ މެސެޖު އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ބަލައިގަންނަން އެބަޖެހޭ. އަދި އަޅުގަނޑުމެންނާ ވާދަ ކުރެއްވި ފަރާތްތަކުން ވެސް އެ މެސެޖު ބަލައިގަނެ ޑޮމޮކްރެޓިކް ރިވެތި އުސޫލުގެ ދަށުން އެކީގައި މަސައްކަތް ކުރަން ޖެހޭ ކަމަށް އަޅުގަނޑު ދެކެނީ
ރޮޒައިނާ އާދަމް

ރޮޒައިނާ ވިދާޅުވީ އެމްޑީޕީއަކީ އައު މެމްބަރުންނަށް އަބަދުވެސް އުފަލާއެކު މަރުހަބާ ކިޔާ ޕާޓީއެއް ކަމަށާއި އެކަން އެގޮތުގައި ބާއްވަވާނެ ކަމަށެވެ. އަދި އިންތިޚާބުގައި ވެސް އެކަން ހާމަވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން 2023ގެ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ އެހެން ޕާޓީތަކުން ވެސް އެމްޑީޕީއަށް އަންނަ މެމްބަރުންނަށް މަރުޙަބާ ކިޔައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިންތިޚާބުން އެނގުނު މި ޕާޓީގެ ގިނަ މެމްބަރުންނަކީ އެ މީހާއައީ ކޮންތާކުންތޯ ބަލާބައެއް ނޫންކަން، ޕާޓީއަށް އައުމަށްފަހު ކޮށްދީފައިވާ ޚިދުމަތްތައްކަން ބަލަނީ. އެއީ ވަރަށް ރީތި ޑިމޮކްރެޓިކް އުސޫލުތަކެއް މި ޕާޓީގެ ގިނަ މެމްބަރުން ބަލައިގަންނަ
ރޮޒައިނާ އާދަމް

ރޮޒައިނާ މިހެން ވިދާޅުވީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ޗެއާޕާސަންގެ މަޤާމަށް ކުރިމަތިލައްވައި އަދި މިހާރު އިންތިޚާބުވެވަޑައިގެންފައިވާ އިިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއަކީ އެހެން ޕާޓީއަކުން އެމްޑީޕީއާ ގުޅިވަޑައިގެން މެމްބަރެއް ކަމަށް ބުނެ ވާހަކަތައް ދެކެވިފައިވާތީއެވެ.

ރޮޒައިނާ ވަނީ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް ޕާޓީގެ އެންމެން ގުޅިގެން 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށާއި 2024ވަނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި އަންހެނުންގެ ރޯލު އިތުރު ކުރުމަށް މަސައްކަތް ކުރުމަށް ވެސް އެދިވަޑައިގެންފައެވެ. އަދި ޕާޓީ "ހިންގާލާނެ" ކަމުގެ ޔަޤީންކަން ވެސް ރޮޒައިނާ ދެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް