ރައްޔިތުންނާއި ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. މަރޮށީގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
އެކަމަށްޓަކައި މަރޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ. ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓުގައި ދިވެހިރާއްޖޭގެ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲއެވެ. ފުލުހުންގެ ދިދަ ނަންގައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ޚިދުމަތް ރައްޔިތުން އެދޭފަދަ ޚިދުމަތަކަށް ހެދުމަށާއި ކުށްކުރުމާއި ކުށުގެ ބިރުވެރިކަމުގެ ހާލަތާއި އާންމުކޮށް އަންނަ ކުށުގެ މައްސަލަތަކާއި ޚިދުމަތް ދިނުމުގައި ބޭނުންވާ ޤާބިލުކަމާއި ވަސީލަތްތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ފުލުހުން ކުރަމުން އަންނަކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ހެޔޮ ބަދަލު އަންނަމުންދާކަން ޔަގީންވެއްޖެ ކަމަށާއި ޚާއްސަކޮށް ރައްޔިތުން ރައްކާތެރިކުރުމުގެ ޖޯޝް ފުލުހުންގެ ކިބައިގައި ހުރިކަމުގައި ވިދާޅުވިއެވެ. އަދި މުޅި ރާއްޖެއަށް ފަށާފައިވާ ރައްޔިތުންނާ ގުޅިގެން ހިންގާ އަވައްޓެރި ފުލުހުންގެ ޚިދުމަތް މަރޮށީގައި ކުރިއަށް ގެންދިއުމާއި ކުރިއަށް އޮތް ދުވަސްތަކުގައި ރަށުގައި އަމާންކަމާއި ރައްކާތެރިކަން ގާއިމުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު އަދި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހދ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ސިރާޖް، މަރޮށި ކައުންސިލްގެ ރައީސާއި ކައުންސިލް މެމްބަރުންގެ އިތުރުން ރަށުގައި ހުރި މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.