ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރެވުމުން އުއްމީދުތައް އާވެއްޖެކަމަށާއި ސަރުކާރުން އެއްބާރުލުން ލިބޭނެކަން ހާމަވެއްޖެކަމަށް ދެކުނުގެ މަސްވެރިން ބުނެފިއެވެ.
ދެކުނުގެ މަސްވެރިން މިހެން ބުނީ ރައީސާ ބައްދަލު ކުރުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެމުންނެވެ. މިކަމުގައި އިސްކޮށްހަރަކާތްްތެރިވީ ގދ. ފަރެސްމާތޮޑާގެ މަސްވެރިންނާއި އޮޑިވެރިންނެވެ.
ރައީސާ ބައްދަލުކުރި މަސްވެރިންނާއި އޮޑިވެރިންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވާ ފަރެސްމާތޮޑާގެ މަސްވެރިއެއް ކަމަށްވާ ހަލީމް ހަސަން ބުނީ, ރައީސާ ބައްދަލުވުމުން ދެކުނުގެ މަސްވެރިންގެ ޝަކުވާތަކާއި މަސްވެރިންނަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރެވުނު ކަމަށެވެ. އަދި މަސްވެރިންގެ އެ ޝަކުވާތައް އަޑުއައްސަވައި އެކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދެކުނުގައި މަސްކިރުވަން ޖާގަ ނެތުން ކަމަށާއި އެކަމަށް ވެސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިކަމަށް ހަލީމް ވިދާޅުވިއެވެ. އެގޮތުން ދެކުނުގައި އިތުރު ފެކްޓްރީ އަޅުއްވަން ރައީސް އިޝާރާތް ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ދެކުނުގެ މަސްވެރިންގެ ކަންބޮޑުވުން ގަބޫލު ކުރައްވައިފީމޭ. ހައްލު ކުރަންޖެހޭ މައްސަލައެއްކަން ގަބޫލުކުރައްވަމޭ. އަދި ދެކުނުގެ މަސްވެރިންގެ ކަންބޮޑުވުން ހައްލުކޮށްދެއްވުމަށްޓާ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނަމޭ.ފަރެސްމާތޮޑާގެ މަސްވެރިއެއް ކަމަށްވާ ހަލީމް ހަސަން
ކޫއްޑޫގައި މަސް ކިރެން އިންނަނީ ވަރަށް ކުޑަ އަދަދެއް. އެހެންނަމަވެސް ދޯނިތަކުން ވަރަށް ގިނައިން މަސް އެބަ ބާނާ. ރައީސް އިޝާރާތްކުރެއްވި އެކަން ހައްލު ކުރުމަށްޓަކައި އިތުރު ފެކްޓްރީއެއް ހުރުން މުހިންމުކަމުގައި ފާހަގަކުރެއްވޭ ވާހަކަ. އެހެންވެ އަޅުގަނޑުމެން އުއްމީދުކުރަނީ ރައީސް ދެކުނުގައި އިތުރު ފެކްޓްރީއެއް އަޅުއްވާނެ ކަމަށް.ހަލީމް ހަސަން
ރައީސާ ބައްދަލުކުރި މަސްވެރިންގެ ޓީމުން ބޭނުންވަނީ ފަރެސްމާތޮޑާގައި މަސް ފެކްޓްރީ ހެދުމަށެވެ. އެއީ މިހާތަނަށް މަސް ފެކްޓްރީތައް ހުޅުވާފައިވަނީ އެއާޕޯޓުތަކާ ކައިރީގައި ކަމަށްވެފައި, ގދ. އަތޮޅުގައި ފަރެސްމާތޮޑާގައި އެއާޕޯޓެއް ތަރައްގީކުރާތީ ކަމަށް ހަލީމް ބުންޏެވެ.
ރައީސްއާ ބައްދަލުކުރުމަށް މާލެ އައި ޓީމުގައި ފަރެސްމާތޮޑާގެ އިތުރުން އެ އަތޮޅުގެ އެހެން ބައެއް ރަށްތަކާއި އައްޑޫގެ މަސްވެރިން ވެސް ބައިވެރިވިއެވެ. އެ ބައްދަލުވުން ނިންމާލެވުނީ އުފާވެރިކަމާއެކު ކަމަށާއި, އުއްމީދުތަކެއް ލިބުނު ކަމަށް އެ މަސްވެރިން ބުނެއެވެ.
ރައީސްގެ އިތުރުން, ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދާއި މަސްވެރިކަމުގެ ދާއިރާގައި ކުރިން އުޅުއްވި ބައެއް ބޭފުޅުންނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި މަސްވެރިންގެ ފަރާތުން ވަނީ ދެކުނުގެ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާގުޅޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ވެސް ހުށައަޅާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ, މަސްކިރުމަށް މިހާރު ދިމާވާ ދަތިތަކަށް މިއަހަރުގެ ތެރޭގައި ވަގުތީ ހައްލުތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި, އެއާއެކު ދާއިމީ ހައްލެއް ހޯއްދެވުމުގެ މަސައްކަތްތައްވެސް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.