ކ. މާލެ
|
8 މެއި 2022 | އާދީއްތަ 10:58
އަލް ރަޖީ މިސްކިތުގައި މީހަކު ނަމާދުކޮށް ދުޢާ ކުރަނީ
އަލް ރަޖީ މިސްކިތުގައި މީހަކު ނަމާދުކޮށް ދުޢާ ކުރަނީ
އޭޕީ
ދީނުގެމަގު
އިޙްސާންތެރިންނަކީ ރުޅި އަންނަ ހިނދު ކެތްތެރިވާ މީހުންނެވެ.
ރުޅި އައުމަކީ، ވަކި ދާއިރާއެއްގެ ތެރޭގައި ނުހިފެހެއްޓިއްޖެނަމަ ތިމާގެ ހަމަ ވިސްނުމަށް އުނިކަން ގެނެސްދޭ ކަމެއް

އިންސާނުންގެ ހުންނަ އުނި ސިފަތަކުގެ ތެރެއިން އެންމެ އުނިކަން ބޮޑު އެއް ސިފަޔަކީ ރުޅި އަވަސްވުމެވެ. އަދި އަންނަ ރުޅި ހައްދުފަހަނައަޅައި ދިޔުމެވެ. ރުޅިއަކީ އިންސާނީ ތަބީޢަތުގައި ލައްވާފައިވާ ސިފައެކެވެ. ނަމަވެސް އެ ސިފަޔަކީ، ތިމާ އިސްލާހުކޮށް ތަޙްޒީބު ކުރަންޖެހޭ ސިފައެކެވެ.

ކުދިކުދި ކަންތަކާ ދޭތެރޭގައި ރުޅި އަންނަ މީހުންނާއި، ރުޅި އަންނަ ވަގުތު ހަމައިންނެއްޓޭ މީހުންނަކީ މީހުން ނަފްރަތުކުރާ ބަޔެކެވެ. އެމީހުންގައި އެދެވޭ ކިތައްމެ ސިފަތަކެއް ހުރި ކަމުގައި ވިޔަސް، އެމީހުން ރުޅި އަންނަ ހިނދު ކަންތައްކުރާގޮތުން، އެމީހުންނަކީ، މީހުންގެ ކުރިމަތީގައި މަޤްބޫލު ބަޔަކަށް ނުވަނީއެވެ. އެހެނީ، އެފަދަ މީހުން ވަކިއެއްޗެއް ބުނާކަށް ނުވަތަ ވަކިކަމެއް ކުރާކަށް ޖެހިލުމެއް ނުވާނެވެ.

ރުޅި އައުމަކީ، ވަކި ދާއިރާއެއްގެ ތެރޭގައި ނުހިފެހެއްޓިއްޖެނަމަ ތިމާގެ ހަމަ ވިސްނުމަށް އުނިކަން ގެނެސްދޭ ކަމެކެވެ. އިންސާނުންނާއި ޖަނަވާރުންނާ ދެމެދުގައިވާ ތަފާތަކީ، އިންސާނުންނަކީ ބުއްދީގެ ނިޢުމަތް ދެއްވާފައިވާ ބަޔަކަށް ވީމައެވެ. ކަންއޮތީ މިހެން ކަމުގައި ވަނީނަމަ، އެއްވެސް ސަބަބަކާ ހުރެ ތިމާގެ ހަމަ ވިސްނުމަށް ހުރަސް އެޅޭ ވަގުތުތަކެއް އަންނަ ކަމުގައި ވަނީނަމަ، ތިމާގޭ އިންސާނީ ވަންތަކަމުގެ ސިފައިން ވަރަށް ބޮޑު ބައެއް އުނިވެގެން ދާނެކަން ކަށަވަރެވެ.

ރުޅި އަންނަ ހިނދު ކެތްތެރިވެ، ރުޅިވެރިކަމުގެ ޝުޢޫރުތައް މަތަކޮށް، މަޑުމައިތިރި ކަމާއެކު އަމަލުކުރާ މީހުންނަށް ތައުރީފް ކުރައްވައި މާތްﷲ ވަހީކުރައްވާފައިވެއެވެ.

"الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ"

މާނައަކީ: އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި حال ގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.

އެބަޔަކުދެކެ ﷲ ލޯބިވެވޮޑިގެންވާ މިފަދަ އިހުސާންތެރިން ކަމުގަައި އަޅުގަނޑުމެންވޭތޯ ގަދައަޅައި މަސައްކަތް ކުރަމާތޯއެވެ؟

ނޯޓް: ދީނުގެމަގު މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފްތާއަކު އެއްފަހަރު އެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

- ކޮމެންޓް