ޕާކިސްތާނުގެ އިޤްތިސާދު ހީނަރުވަމުން ދިޔުމާއި ގުޅިގެން ސައުދީ އަރަބިއްޔާއިން އެޤައުމަށް 8 ބިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމާފައިވާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
މީީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި މި އެހީއަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފު ސައުދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ވަލީއަހްދު މުޙައްމަދު ބިން ސަލްމާންގެ އަރިހުން މާލީ އެހީއަށް އެދިވަޑައިގަތުމުން ދެއްވި އެހީއެކެވެ.
ކޮވިޑް-19 އާ ގުޅިގެން ޕާކިސްތާނުގެ އިޤްތިސާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެގޮތުން އެ ޤައުމުގައި ތަކެތީގެ އަގު އުފުލިފައިވާއިރު ފޮރެކްސް ރިޒާވް ދަށްވެ ކަރަންޓް އެކައުންޓް ޑެފިސިޓް ވެސް ވަނީ އިތުރުވެފައެވެ. އަދި އެޤައުމުގައި ފައިސާގެ އަގުވެސް ދަނީ ދަށްވަމުންނެވެ.
ރަޝިޔާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން ވެސް ޕާކިސްތާނުގެ އިޤްތިސާދަށް ވަނީ އިތުރު ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.
އިޤްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ސައުދީ އަރަބިއްޔާއިން އެހީ ދެނީ ތެލާއި ފައިސާ އަދި ސުކޫކުންނެވެ. އެ އެހީއާ ގުޅޭ ތަފްސީލް މައުލޫމާތުތަކެއް އަދި ހާމަކޮށްފައިނުވެއެވެ. އެ އެއްބަސްވުމާ ގުޅޭ ކަންކަން ފައިނަލް ކުރުމަށް ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު މިފްތާހު އިސްމާއިލް އަދިވެސް ހުންނެވީ ސައުދީ އަރަބިއްޔާގައެވެ.
ސައުދީ އަރަބިއްޔާއިން ވަނީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މަޤާމުގައި ހުންނެވިއިރު އެ ޤައުމަށް 7.5 ބިލިއަން ޑޮލަރުގެ އެހީތެރިކަމެއްވެސް ފޯރުކޮށްދީފައެވެ.