އިޖުތިމާއީ އަދާލަތު ހިފަހައްޓަން ހުރިހާ ދާއިރާއެއްގެ މުސާރައަށް ބަދަލު ގެންނަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން އާދީއްތަ ދުވަހު ރައީސް ސާލިހް ވިދާޅުވީ މިއީ ހުރިހާ ދާއިރާއެެއްގެ މުސާރައިގެ އޮނިގަނޑު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ފެށުން ކަމަށެވެ. އަދި އެއީ ހެޔޮ ސާއަތެއްގައި ފެށުނު ހެޔޮ މަސައްކަތެއް ކަމަށާއި ގައުމު ބިނާ ކުރުމުގެ ދައުރު ބޮޑު ހުރިހާ ދާއިރާއެއްގެ މުސާރައަށް ހެޔޮ ބަދަލު ގެނައުމަކީ މި ސަރުކާރުން ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް، އިރާދަކުރެއްވިއްޔާ ހެޔޮ ބަދަލުތަކެއް އަންނާނެ. އިޖުތިމާޢީ ޢަދާލަތު ހިފެހެއްޓުމަށްޓަކައިވެސް، ހުރިހާ ދާއިރާއަކަށް މި ބަދަލު ގެނައުމަކީ އަޅުގަނޑު ކުރާނެ ކަމެއް.ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ރައީސް ވިދާޅުވީ ދައުލަތުގެ ޒިންމާތަކާ ހަވާލުވެ ތިބެ ކުރާ މަސައްކަތަށް، އެކަށީގެންވާވަރުގެ އާމްދަނީއެއް ހޯދައިދިނުމަކީ، ވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށެވެ.
މީގެ އިތުރުން މިފަދަ ބަދަލުތައް ގެންނަނީ ވަކި ދާއިރާތަކެއް ކުރިއެރުވުމަކަށް ނޫން ކަމަށާއި އޭގެ ސަބަބުން މުޅި ރާއްޖޭގެ ތަރައްޤީއަށް ހެޔޮ އަސަރެއް ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ މުވައްޒަފުންގެ ވަޒީފާގެ އޮނިގަނޑުތަކަށް ގެންނަ ބަދަލުތަކަކީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން، ގައުމު ކުރިއެރުވުމުގައި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ފަށާފައިވާ މަސައްކަތެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި މަސައްކަތުގެ ދެން ބަދަލުތައް ގެންނަން ނިންމާފައިވަނީ ސިއްހީ ދާއިިރާގެ މުވައްޒަފުންގެ މުސާރައަށެވެ. އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިން އެ ކުރައްވާ ބުރަ މަސައްކަތް އަޅުގަނޑުމެން ހަނދާން ނައްތައެއް ނުލަން. ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު އަޅުގަނޑުމެން މި އަންނަނީ ދިރާސާކުރަމުން.ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މި މަހުން ފެށިގެން ގެންނަ ބަދަލުތަކާއެކު ގިނަ މުވައްޒަފުންގެ މުސާރަ 35 އިންސައްތައަށްވުރެ ބޮޑުވާނެއެވެ.