ޓީޗަރުންގެ މުސާރައަށް މި މަހުން ފެށިގެން ގެންނަ ބަދަލީ ގައުމު ބިނާ ކުރުމުގެ ގޮތުން ގެނެވޭ ވަރަށް މުހިންމު ބަދަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅޭގޮތުން ގައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެ މަނިކުފާނު ވިދާޅުވީ ޓީޗަރުންނަކީ ގައުމުގެ އިންސާނީ ވަސީލަތްތައް ބިނާ ކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ ބައެއް ކަމަށްވާއިރު އެ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތަކީ އަގުނުކުރެވޭނެ މަސައްކަތެއް ކަމަށެވެ.
ރައީސް ވިދާޅުވީ މިހާތަނަށް ޓީޗަރުންނަށް ލިބެމުން އައި މުސާރައަކީ ކުރާ މަސައްކަތާ ބަލާއިރު ހައްގުވާވަރަށްވުރެ މާ ދަށް މުސާރައެއް ކަމަށާއި މިހާރު ގެނައި ބަދަލާއެކު ލިބޭ މުސާރައާ މެދު ހިތްހަމަ ޖެހޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިއީ ސަރުކާރުގެ މުވައްޒަފުންނަށް މަސައްކަތާ އެއްވަރުގެ މުސާރައެއް ދިނުމުގެ ފެށުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ކިޔަވައިދިނުމަކީ އެކަމަށް އަގު އަދާކުރެވޭ ވަރަށްވުރެ މާމަތިވެރި ކަމެއް. އެހެން ނަމަވެސް ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މި ހަމަޖެއްސި މުސާރައަކީ، ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ގަބޫލުކުރައްވާނެކަމަށް އަޅުގަނޑު އުންމީދުކުރަންރައީސް އިބްރާހިމް މުޙައްމަދު ސާލިހު
ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލާއެކު އެ ދާއިރާއިން ގިނަ ހިދުމަތްތެރިން ނުކުންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާނގައި ޓީޗަރުންނަށް ވަޒީފާގެ މާހައުލުގައި ހުރި އެހެން ގޮންޖެހުންތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޓީޗަރުންނަށް ދިމާވެފައިވާ ހަމައެކަނި މައްސަލައަކީ މުސާރައެއް ނޫން. މައިގަނޑު ހަތަރު ކަމެއް ހިމެނޭއިރު މުސާރައިގެ އިތުރުން ވޯކް ލޯޑާއި ގިނަ ވަގުތު މަސައްކަތް ކުރަން ޖެހުމާއި ހައްގުތައް ކަށަވަރު ނުވުމާއި ވަސީލަތްތައް މަދުވުން ހިމެނޭ. އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ވަނީ ފަށައިފައި. އޭގެ ނަތީޖާ މާ ގިނަ ދުވަސް ނުވެ ފެންނާނެ. މީގެ ސަބަބުން ދާއިރާ ކުރިއަރުވަން ބޭނުންވާ ދިވެހިން ގިނަވާނެ ކަމަށް އުއްމީދު ކުރަންރައީސް އިބްރާހިމް މުހައްމަދު ސާލިހު
ސަރުކާރުން ވަނީ މި މަހުން ފެށިގެން ތައުލީމީ ދާއިރާގެ އެންމެންގެ މުސާރައަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ގިނަ މީހުންގެ މުސާރައިން 35 އިންސައްތައަށް ވުރެ ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. މި ބަދަލާއެކު އޯޓީއާއެކު މިހާރު ލިބޭ މުސާރައަށް ވުރެ ބޮޑު މުސާރައެއް އޯޓީއާ ނުލައި ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ދައުލަތުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން ރައްޔިތުންގެ ކެރި ފޯރުންތެރިކަން އިތުރު ކުރުން ކަމަށެވެ.