ޕާކިސްތާން ސަރުކާރުގެ އައު ކެބިނެޓް ހުވާކުރައްވައިފި ކަމަށް އެގައުމުގެ ސްޓޭޓް ޓެލެވިޒަން އިން ރިޕޯޓުކޮށްފިއެވެ.
ޕާކިސްތާންގެ ސްޓޭޓް ޓެލެވިޒަން އާ ހަވާލާދީ ރޮއިޓަރސް ރިޕޯޓުކޮށްފައިވާ ގޮތުގައި ކެބިނެޓަށް އަލަށް އައްޔަނުކުރެއްވުނު މެމްބަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ އަންގާރަ ދުވަހުއެވެ.
އަލަށް ހުވާކުރެވުނު ކެބިނެޓު މެމްބަރުންގެ ތެރޭގައި ހިމެނެނީ ޕާކިސްތާނުގެ މިހާރުގެ ސަރުކާރު ގެނައުމަށް މަސައްކަތްކޮށްފައިވާ ކޯލިޝަން ޕާޓީތަކުގެ މެމްބަރުންނެވެ. ނަމަވެސް ވަކި ވަކި މިނިސްޓްރީތަކަށް އައްޔަނު ކުރެވިގެން ދިޔަ ބޭފުޅުންގެ ވަނަވަރު އަދި އާންމުކޮށްފައި ނުވާކަމަށް ރޮއިޓަރސް އިން ބުނެއެވެ.
ޕާކިސްތާންގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި އިމްރާން ޚާން އެމަގާމުން ވަކިކުރެވިގެން ދިޔައީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓުނަގައި މަޖިލީހުގެ މެޖޯރިޓީން އިދިކޮޅު ފަރާތްތަކުން އެ ވޯޓު ކާމިޔާބުކޮށްގެންނެވެ. އިމްރާން ޚާން އަށް ފަހު ޕާކިސްތާންގެ ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ ކޯލިޝަން ސަރުކާރަކާއެކު ޝަހްބާޒް ޝަރީފްއެވެ.
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ބާރު މިހާރު އޮތީ އެގައުމުގެ ސަރުކާރު ހިންގާ ކޯލިޝަންއަށެވެ. އަދި މަޖިލީހުގެ ރައީސްއަކީވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާބޭފުޅެކެވެ.
މިހާރު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވީ ޕާކިސްތާން ޕީޕަލްސް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރާޖާ ޕަރްވައިޒް އަޝްރަފްއެވެ. އޭނާ ވަނީ މީގެ ކުރިން ބޮޑުވަޒީރުކަން ވެސް ކުރައްވާފައެވެ. މަޖިލީހުގެ ރައީސްގެ މަގާމަށް އޭނާ އައްޔަންކުރެވިފައިވަނީ އިތުރު މީހަކާ ވާދަނުކުރައްވައެވެ. މިއާއެކު ރާޖާ ވެވަޑައިގެންފައިވަނީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ 22 ވަނަ ރައީސްއަށެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަކިވުމަށްނިންމައި މިދިޔަ ހޯމަ ދުވަހު ވަނީ އިސްތިއުފާގެ ސިޓީ ލާފައެވެ. އެހެންނަމަވެސް އެ ސިޓީތައް އަދި ބަލައިގެންފައެއް ނުވެއެވެ. މި ރެސިގްނޭޝަން ސިޓީތައް ބަލައިގެންފިނަމަ ދެ މަސްދުވަހުގެ ތެރޭގައި ޕާކިސްތާނުން 100 ބައި-އިލެކްޝަން ބާއްވައި އެ މަގާމުތަކަށް މެމްބަރުން އައްޔަންކުރަން ޖެހޭނެ ކަމަށް ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވެއެވެ.