އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އަދި ބާރަތް ބަޔޯޓެކް އިން އުފައްދާ ކޮވިޑް-19 ވެކްސިންގެ އަގު ހެޔޮކޮށްފިއެވެ.
އެ ދެ ކުންފުނިން އުފައްދާ ވެކްސިންގެ އަގު ހެޔޮ ކުރަން ނިންމާފައިވަނީ އާދިއްތަ ދުވަހުން ފެށިގެން އެގައުމުގައި ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ދޭން ފަށަން ތައްޔާރުވެފައިވަނިކޮށެވެ.
ހޮނިހިރު ދުވަހު އިންޑިއާގެ ސިރަމް އިންސްޓިޓިޔުޓްގެ ޗީފް އެގްޒެކެޓިވް އާދަރް ޕޫނަވާލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކުންފުނިން އުފައްދާ ކޮވިޝީލްޑް ވެކްސިން އަމިއްލަ ހޮސްޕިޓަލްތަކަށް ވިއްކާ އަގު ހެޔޮކޮށްފައިވާކަމަށެވެ. އެ ހޮސްޕިޓަލްތަކަށް މީގެ ކުރިން މި ވެކްސިން ވިއްކާފައިވަނީ 600 ރުޕީސްއަށް ކަމަށާއި، މިހާރު 225 ރުޕީސްއަށް ވެކްސިން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ބާރަތު ބަޔޯޓެކުން އުފައްދާ ކޮވެކްސިންގެ އަގު 1،200 ރުޕީސްއިން 225 ރުޕީސްއަށް ކުޑަކުރަން ނިންމާފައިވާކަން އެ ކުންފުނީގެ ޖޮއިންޓް މެނޭޖިންޑް ޑިރެކްޓަރ ސުޗިތްރާ އެލާ ކުރެއްވި ޓްވީޓެއްގައި ވަނީ ހާމަކުރައްވާފައެވެ.
އިންޑިއާއިން ފެންނަ ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ. ފާއިތުވި 24 ގަޑިއިރު އެގައުމުން ރިޕޯޓުކޮށްފައިވަނީ 1،150 ކޮވިޑް ކޭސްއެވެ. އަދި ބަލީގައި ނިޔާވެފައިވަނީ 83 މީހުންނެވެ. ކޮވިޑް-19 ޕެންޑަމިކް ފެށުނު ފަހުން 521،656 މީހުން ވަނީ އެގައުމުން ނިޔާވެފައެވެ.
އިންޑިއާގައި އާންމުންނަށް ބޫސްޓަރ ޑޯޒް ދޭން ފަށަން ނިންމާފައިވާްއިރު، ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި 9 މަސް ފާއިތުވެފައިވާ 18 އަހަރުން މަތީގެ މީހުންނަށް ބޫސްޓަރ ޑޯޒް ދޭނެ ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އެގައުމުގެ ބޫސްޓަރ ޑޯޒް ޖެހުމުގެ ޕްރޮގްރާމް މިއަހަރުގެ ޖެނުއަރީގައި ފަށާފައިވާއިރު އޭރު މި ޑޯޒް ދީފައިވަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށާއި، އުމުރުން ދުވަސްވީ މީހުންނަށެވެ.