ރައްޔިތުން ބޭނުންވީ ފުލުސް ޔުނީފޯމާއި ބެލްޓްގައި ހުރި އާލާތްތަކަކީ ރައްޔިތުންގެ ހިމާޔަތް ކަމުގައި ގަބޫލުކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ފުލުހުންގެ ޚިދުމަތް ތަރައްގީކޮށް ކުރިއެރުވުމަކީ މި ސަރުކާރާ ރައްޔިތުން މަތިކުރި ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. ރައްޔިތުން ބޭނުންވީ ޔުނީފޯމްގައި ހުންނަ ފުލުހަކު ފެނުމުން, އެއީ ތިމާއަށްއޮތް ބިރެއް ނުވަތަ ނުރައްކަލެއް ނޫންކަން އިހްސާސްވުން ކަމަށާއި، ފުލުސް ޔުނީފޯމާއި ބެލްޓްގައި ހުރި އާލާތްތަކަކީ ރައްޔިތުންގެ ހިމާޔަތް ކަމުގައި ގަބޫލުކުރަންކަމަށެވެ. ފުލުހުން އައުމުން ހިމާޔަތާއި ރައްކާތެރިކަމާއި އަމާންކަން އަތުވެއްޖެކަން ހިތަށް ވެރިވުން އެއީ ރައްޔިތުން އެދޭގޮތްކަމަށެވެ.
ރައީސް ވިދާޅުވީ, މި ވޭތުވެދިޔަ 3 އަހަރު ކުރެވުނު މަސައްކަތުން ފުލުހުންގެ ޚިދުމަތަށް، ހެޔޮ ބަދަލު އަތުވެއްޖެކަމަށް ކެރިހުރެ ވިދާޅުވަން ކެރިވަޑައިގަންނަވާކަމަށެވެ. ތަސްވީރުގެ ކުލަ ރީތިވެއްޖެ ކަމަށާއި، މިކަމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށާއި ފުލުހުންގެ ލީޑަރޝިޕްގެ ހުރިހާ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތުގެ އެންމެހާ ކަންކަމުގެ ޒިންމާ ސަރުކާރުގެ ފަރާތުން އަދާކުރައްވާ ވަޒީރަކީ އައްޝައިޚް އިމްރާން އަބްދުﷲ ކަމަށާއި، އިމްރާންގެ މަސައްކަތްޕުޅު ފާހަގަކުރައްވާކަމަށެވެ. ހަގީގަތުގައި ފުލުހުން ކުރަމުން ގެންދަނީ ވަރަށް އުނދަގޫ އެހާމެ ބުރަ މަސައްކަތެއް ކަމަށާއި, މިއީ ގިނަގުނަ ފާޑުކިޔުންތަކާއި ގޮންޖެހުންތަކާ ކުރިމަތި ކުރުވާކަމެއް ކަމަށާއި، ކުރިއަށް ވަޑައިގަންނަވަންވީ އަބަދުވެސް އިސްލާހުކުރަންޖެހޭ ކަންކަން ހުންނާނެކަން ދެނެތިބެ މިއަދަށްވުރެ މާދަމާ ރަނގަޅުކުރުމަށް އަޒުމް ކަނޑައަޅައިގެން ކަމަށެވެ.
ރައީސް ވިދާޅުވީ އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ވާހަކަ މިއަހަރުގެ ރިޔާސީ ބަޔާނުގައި ބަޔާންކުރައްވާފައި ވާނެކަމަށެވެ. އެދުވަހު ވިދާޅުވީ ވަރަށް މަދު އަތޮޅެއްގެ ވާހަކަ ކަމަށާއި، މިއަދުގެ ހަގީގަތަކީ، ރާއްޖޭގައި ފުލުހުން ގާއިމްވެ ތިބޭ ހުރިހާ ރަށެއްގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތުގެ ހުނަރާއި ތަމްރީނު ފެށި، މިހާރު ހިނގަމުންދާކަމަށެވެ. މިއީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭ މޮޑެލް ކަމަށެވެ. މިއީ ކައުންސިލްތަކާ ގުޅިގެން ލާމަރުކަޒީ ހަމަތަކުން ހިންގޭ ޒަމާނީ ޕޮލިސިން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ ހިންގުމަށް ގެނެވިފައިވާ ޒަމާނީ ބޮޑުބަދަލުގެ ހަގީގީ ސަބަބަކީ އަލަށް އަމަލުކުރަން ފެށުނު ފުލުހުންގެ ގާނޫނުކަމަށެވެ. އަދި މުއައްސަސާ ހިންގުމުގެ ފުރިހަމަ މިނިވަންކަން އެގާނޫނުން ފުލުހުންނަށް ކަށަވަރުކޮށްދޭ ކަމަށާއި، 89 އަހަރުވީ ވަރުގަދަ މުއައްސަސާއެއް ހިންގުމުގެ މިނިވަންކަން އެތަނެއްގައި ތިބި ތަޖުރިބާކާރު, ގާބިލް, ހުނަރުވެރި އޮފިސަރުން ބައްޓަންކުރާނެ ކަމަށެވެ. އަދި އެކަން ކުރަމުންދާނީ ގައުމަށް އެންމެ ލާބަހުރި, ޒަމާނަށްފެތޭގޮތަށް ކަމާމެދަކު ޝައްކު ނުކުރައްވާކަމަށެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ އެންމެ މީހެއް ނޫން ކަމަށެވެ. ފުލުހުންގެ ގާނޫނާ އެއްގޮތަށް އެ މުއައްސަސާ ރިފޯރމްކޮށް އޭގެ ޒާތުގައި އަމިއްލައަށް ބައްޓަންވެ ހެދި ބޮޑުވެ ޒަމާނީވުން ނޫން އެހެން ދަނޑިމާރެއް ނޭޅޭނެ ކަމަށެވެ. އެއީ އެކަން ހިނގަންޖެހޭ ތަބީއަތުގެ މަގު ކަމަށް ރައީސް ވިދާޅުވިއެވެ.
ފުލުހުންގެ ގާނޫނުގެ ރޫހަކީ ޒަމާނީ ޓެކްނޮލޮޖީއާއެކު މުޅި މުއައްސަސާގެ ގާބިލްކަން އިތުރުވެ، ކުރިއަރައި ދިއުން ކަމަށާއި، ކުރިއެރުމަށްޓަކައި ފުރަތަމަ ކުރިއަރަންޖެހެނީ ނަފްސުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރި އަރަންޖެހެނީ ކަންކުރާ މީހާއަށް ލިބިހުރި އީޖާބީ ވިސްނުމާއި، ހުނަރާއި, ތައުލީމާއި ތަމްރީނާއި, އަދި ވަކިން ޚާއްސަކޮށް ހެޔޮ ޚުލްގުކަމަށް ރައީސް ވިދާޅުވިއެވެ.
ފުލުހުން ބިނާ ކުރުމަށްޓަކައި ރާއްޖޭގެ އެންމެ ދެކުނުގައި ހުޅުވިގެން ދިޔަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯރސްމެންޓަކީ، އެކި ސަރުކާރުތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެއީ، ދިވެހިންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ގައުމީ މަސްލަހަތު ދިފާއުކުރުމުގެ ގާބިލްކަން ދިވެހިންގެ ކިބައިގައި އުފެއްދުމުގެ އެއް ބިނާ ކަމަށެވެ. އެއީ ރާއްޖެ, ރާއްޖޭގެ އަމިއްލަވަންތަ ކަމުގައި، ހިންދެމިލުމަށް އަވަށްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމަށްޓަކައި މީގެ ކުރިން މިމަސައްކަތް ކުރެއްވި ހުރިހާ ސަރުކާރު ޝުކުރުއަދާކުރައްވާކަމަށެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ ލީޑަރޝިޕުގައި އަންހެނުން ނެތުމުގެ ފަޅުކަން އޮތްކަން ފާހަގަކުރެވޭ ކަމަށެވެ. މުޖުތަމައުގެ ކަންކަމާ މުއާމަލާތުކޮށް ހައްލު ހޯދައިދޭ އެއް ފަރާތަކީ ފުލުހުން ކަމަށްވާއިރު، މުޖުތަމައުގެ އިހްސާސް ދެނެގަތުމުގައި އަންހެނުންގެ ރޯލު ވަރަށް ބޮޑު ކަމަށެވެ. އަދި މުއައްސަސާއަށް އަންނަ ހެޔޮ ބަދަލުތަކުގެ ތެރޭގައި މިކަމަށް ސަމާލުކަން ދެއްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.