ކ. މާލެ
|
28 މާރޗް 2022 | ހޯމަ 00:28
އައްޑޫ ސިޓީ ރައްޔިތުންގެ މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ
އައްޑޫ ސިޓީ ރައްޔިތުންގެ މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
އައްޑޫ ސިޓީގެ ތަރައްގީ
ފާއިތުވި 3 އަހަރު މުޅި ރާއްޖޭގެ ތަރައްގީއަށް ކުރި ހޭދައިގެ ބޮޑުބައެއް ކުރީ އައްޑޫ ސިޓީއަށް - ރައީސް
އައްޑޫގެ މަގުހެދުމާއި ބޯހިޔާވަހިކަމާއި، ވަޒީފާގެ ދަތިކަމާއި، އިގުތިސާދާއި ބަނދަރުގެ ދަތިކަމާއި މިނޫންވެސް އެތައް ކަމެއް ފެށިގެން ކުރިއަށްދޭ
ޑްރަގްގެ މައްސަލަ ހައްލުކުރުމަށް މިދިޔަ މަހު ޚާއްސަ ޓާސްކުފޯހެއް އެކުލަވާލާފައިވޭ
އައްޑޫގެ ތަރައްގީއަށް 1.1 ބިލިއަން ރުފިޔާ ފާއިތުވި 3 އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ހޭދަކުރެވިފައިވޭ

ސަރުކާރުގެ ފާއިތުވި 3 އަހަރު މުޅި ރާއްޖޭގެ ތަރައްގީއަށް ކުރި ހޭދައިގެ ބޮޑުބައެއް ކުރެއްވީ އައްޑޫ ސިޓީއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެެއްޖެއެވެ.

އައްޑޫ ސިޓީގެ ރައްޔިތުންގެ މާހެފުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އައްޑޫގެ ތަރައްގީއަށް 1.1 ބިލިއަން ރުފިޔާ ފާއިތުވި 3 އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ހޭދަކުރެއްވިކަމަށެވެ. އައްޑޫއަށް ތަރައްގީ ގެނެވޭނީ ބޮޑު ހޭދައެއް ކޮށްގެންކަމަށާއި، އައްޑޫއަށް ސަރުކާރުން ކުރާ ހޭދައަކީ ބޭކާރު ޚަރަދަކަށް ނުވާނެކަމަށެވެ. އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެކަން ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ, އައްޑޫގެ ޒުވާނުންނަށްވެސް އޮތް އެންމެ ބޮޑު މައްސަލައަކީ ވަޒީފާގެ މައްސަލަކަމަށެވެ. ވަޒީފާ އިތުރުކުރެވޭނީ ޚިދުމަތްތަކާއި ވަސީލަތްތައް އިތުރުކޮށްގެންކަމަށާއި، އެކަމަށްޓަކައި އަދިވެސް ގާނޫނަށް ގެންނަން ހުރި އިސްލާހު އެބަހުރިކަމަށެވެ. އަދި އައްޑޫގައި ހިންގާ މަޝްރޫއުތަކާއެކު އިގުތިސާދު ފުޅާވެ ވަޒީފާގެ ފުރުސަތު އިތުރުވާނެކަމަށެވެ. ވަޒީފާގެ ދަތިކަން ހައްލުކުރުމަށް އައްޑު އަތޮޅުގައި އޮތް ދެ ރިސޯޓް ހުޅުވުމުގެ މަސައްކަތްކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް ޝަންގިރިއްލާ މައްސަލަ ވަރަށް އަވަހަށް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ޑްރަގް މައްސަލައަކީ މުޅި ރާއްޖެއަށް އޮތް ވަބާއެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ މައްސަލަ އައްޑޫގައިވެސް އެބައޮތްކަމަށެވެ. އެމައްސަލަ ހައްލުކުރުމަށް މިދިޔަ މަހު ޚާއްސަ ޓާސްކުފޯހެއް އެކުލަވާލާފައިވާކަމަށާއި، ކޮންމެ ހަފްތާއަކު އެ ޓާސްކުފޯހާ ބައްދަލުކުރައްވައި މަސައްކަތްތައް ގާތުން ބައްލަވަމުން ގެންދަވާކަމަށެވެ. ރައީސް ވަނީ ޑްރަގް މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މަސްތުވާތަކެއްޗަށް އޮތް ފަރުވާ ލާމަރުކަޒުކޮށް, އަތޮޅުތެރެއަށް ފަރުވާގެ ނިޒާމް ފުޅާކުރައްވާނެކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި މުޅިން އައު ކޮންސެޕްޓަކަށް ޚިދުމަތްދޭ މަރުކަޒެއް އައްޑޫ ސިޓީ ހުޅުދޫގައި ހުޅުވިގެން ދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ. ޑްރަގްގެ ވަބާގައި ޖެހި ފަރުވާދޭ މީހުން މުޖުތަމައަށް ނެރުމުގެ ކުރިން ތަމްރީނުކުރުމަށް ހުޅުދޫ ސްކޫލް އެފަދަ ތަނަކަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެތަނުން މުޖުތަމައަށް އެކުދިން ނެރޭނީ ތަމްރީންކޮށް ކޮންމެވެސް މަސައްކަތެއްކުރެވޭނެ ފަދަ ގޮތަކަށް ކަމަށް ވިދާޅުވިއެވެ. އަދި އެކަން އައްޑޫ ސިޓީގައި ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ވަޑައިގެންނެވިއިރު އައްޑޫ ސިޓީ ކައުންސިލުން އެމަނިކުފާނަށް އެރުވި ވައުދުނާމާއާ އެއްގޮތަށް މަސައްކަތް ފަށައިގަނެވިއްޖެކަމަށެވެ. އޭގައި ހިމެނޭ ބޮޑެތި މަޝްރޫއުތައް ފެށިއްޖެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އައްޑޫގެ މަގުހެދުމާއި ބޯހިޔާވަހިކަމާއި، ވަޒީފާގެ ދަތިކަމާއި، އިގުތިސާދާއި ބަނދަރުގެ ދަތިކަމާއި މިނޫންވެސް އެތައް ކަމެއް ފެށިގެން ކުރިއަށްދާ ކަމަށެވެ.

ރައީސްވަނީ އެމަނިކުފާނު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ބިޔަ, ބޮޑެތި މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފެށިފައިވާކަން ފާހަގަކުރައްވާފައެވެ.

- ކޮމެންޓް
28 މާރޗް 2022 | ހޯމަ 05:33
މޯޑު123
މި ވަރަށް ބޮޑު ތެދެއް. ގިނަ ހަރަދު ކޮއްފައޮތީ އައްޑޫ އަށް