2025 ވަނަ އަހަރުގެ ކުރިން މުޅި ރާއްޖެއިން ޓީބީ ނައްތާލުމުގެ މަސައްކަތް ނޭޝަނަލް ރެސިލިއަންސް ޕްލޭންގައި ހިމަނައިފިއެވެ.
މުޅި ރާއްޖެއިން ޓީބީ ބަލި ނައްތާލުމަށް ކަނޑައެޅި އަމާޒު، ކޮވިޑް-19ގެ ސަބަބުން ވަނީ 2025 އަށް ފަސްކޮށްފައެވެ. ޓީބީ ދުވަހާއި ގުޅިގެން ޅ. އަތޮޅުން ޓީބީ ބަލި ނައްތާލުމަށް "އެންޑް ޓީބީ ޅ. ކެމްޕޭން" ގެ ނަމުގައި ޚާއްސަ ކެމްޕޭން ލޯންޗު ކުރުމަށް ޅ. ނައިފަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ 2025 ވަނަ އަހަރުގެ ކުރިން ޓީބީ ނައްތާލުމުގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ.
މިގޮތުން ކުރިއަށް އޮތް އަހަރުތަކުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަން ރާވާފައިވާ މަސައްކަތަށް ކަނޑައަޅާފައިވާ ނޭޝަނަލް ރެސިލިއަންސް ޕްލޭންގައިވެސް މިމަސައްކަތް އަދި މި މަސައްކަތަށް ބޭނުންވާ ބަޖެޓު ހިމަނާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖެއިން ޓީބީ ނައްތާލުމަށް ކޮންމެހެން ބޭނުންވާ ވަސީލަތްތައް މިހާރުވެސް ވަނީ ގާއިމްކުރެވިފައި ކަމަށެވެ. އެގޮތުން ޖީން އެކްސްޕާރޓް ޓެކޮނޮލޮޖީ ބޭނުންކޮށްގެން ފަސޭހަކަމާއެކު އަވަހަށް ޓީބީ ދެނެގަނެވޭނެ އިންތިޒާމުތައް ރާއްޖޭގެ އެކި ކަންކޮޅުިތަކުގައި ގާއިމްކުރެވިފައިވާ ކަމަށާއި، އަދި ލެޓެންޓް ޓީބީ ދެނެގަތުމަށް އިގްރާ ޓެސްޓު ކުރުމުގެ މަސައްކަތް އައިޖީއެމްއެޗްގައި ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ލެޓެންޓް ޓީބީގެ ފަރުވާވެސް އައިޖީއެމްއެޗުން ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރު ނަސީމް އިތުރަށް ވިދާޅުވީ ޓީބީ ބަލިން އަރައިގަތުމުގައި ގޮންޖެހުންތަކެއް ހުރިކަމަށެވެ. މިކަމުން އަރައިގަނެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޓީބީއަކީ ޑޮކްޓަރަށް ދައްކައި ބޭސް ކެއުމުން ނައްތާލެވޭނެ ބައްޔެއް ނޫން. މިއީ އިޖުތިމާއީ ކަމެއްހެލްތް މިނިސްޓަރު އަހުމަދު ނަސީމް
ކޮންމެ އަހަރެއްގެ މާރޗް މަހުގެ 24 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައެވެ. ދުނިޔޭގެ ފެންވަރުގައި ޓީބީ ދުވަސް ފާހަގަކުރުމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާ އެކަން ފާހަގަކުރުމުގެ ބޭނުމަކީ ޖަމާއަތުގެ ފެންވަރުގައާއި ވަކިވަކި ފަރުދުންގެ ފެންވަރުގައި ޓީބީ އިން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރު ކުރުވުމާއި، ބަލި ފެތުރުމަށް މަގު ފަހިވާ ފަދަ ކަންތައްތަކުން މުޖްތަމައު ދުރުހެލިކުރުވުމަށް އެހީތެރިވެދިނުމެވެ.
2030 އާއި ހަމައަށް ދުނިޔެއިން ޓީބީ ނައްތާލުމަކީ ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާގެ ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަން ހާސިލްކުރުމުގެ ލަނޑުދަނޑީގައި ހިމެނޭ ކަމެކެވެ. ރާއްޖެއިން ޓީބީ ނައްތާލުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑީގެ ދަށުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ލަފަޔާއެކު، ސްޓްރެޓެޖިކް ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ.